ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2022 ވަނަ އަހަރުގެ 13 ވަަނަ ބައްދަލުވުން

6 ޖޫން 2022 12:30 ނަންބަރު 13

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކޮމިޓީގެ ވަޓްސްއަޕް ގްރޫޕުގައި މެންބަރުން ކަންބޮޑުވުން ފާޅުކުރައްވާފައިވާ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވުމަށް ފުރުސަތު ދެއްވިއެވެ. އެގޮތުން ޕަބްލިކް ސަރވިސް މީޑިއާގެ 100 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޚިޔާނާތް ފޮރުވުމަށާއި އަދި ޚިޔާނާތާގުޅޭ 30 މައްސަލައެއް ނުބަލައި އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓް އުވާލާފައިވާކަމަށް މަޢުލޫމާތު ލިބިފައިވާތީ، އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ކޮމިޓީން ބެލުމަށް ފޭދޫ ދާއިރާގެ މެންބަރު އަޙްމަދު ނިހާދު ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ތާއިދުކުރެއްވިއެވެ. އެ ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން އެ ހުށަހެޅުއްވުން ފާސްވިއެވެ. އެއަށްފަހު، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މާކެޓިންގ އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރ އައިމިނަތު މުހައްމަދު ސައީދު އެ މަޤާމުގައި ހުންނެވި ދުވަސްވަރު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޕީ.ޕީ.އެމްގެ ކެމްޕެއިންއަށް އެ ކުންފުނީގެ މާކެޓިންގ އެންޑް ޕްރޮމޯޝަނަލް މެޓީރިއަލްސްގެ ގޮތުގައި ތަކެތި ގަނެފައިކަމަށް ބުނެ ހުށަހަޅުއްވާފައިވާ މައްސަލައަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ މައްސަލައެއްކަމަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން މަޢުލޫމާތު ދެއްވާފައިވާތީ، އެ މައްސަލައިގައި ގޮތެއް ނިމިގެންދާނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ނިމުމުންކަމަށާއި އެހެންކަމުން އެ މައްސަލަ މިވަގުތަށް ނުބަލަން ކޮމިޓީގެ މުޤައްރިރު ހުށަހެޅުއްވިއެވެ. އަދި ކޮމިޓީގައި ތިއްބެވި އެއްވެސް މެންބަރަކު އިއުތިރާޒްނުކުރައްވާތީ އެ ހުށަހެޅުއްވުން ފާސްވިއެވެ. ދެން ކުރިއަށްގެންދެވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި މެޑިކަލް ކްލިނިކްއެއް ޤާއިމްކުރުމަށް ބަޔޯ ބިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެ ކުންފުންޏާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތުގެ 2/3 ދުވަސް ބާކީ އޮއްވައި އެއްބަސްވުން ކުއްލި ގޮތަކަށް ނިންމާފައިވާ މައްސަލައެވެ. އެގޮތުން އެ މައްސަލައަކީ ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައެއްކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން މަޢުލޫމާތު ދެއްވާފައިވާތީ، އެ މައްސަލަ ބެލުމަކީ ކޮމިޓީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށް ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްޠިފާޤުން ނިންމެވިއެވެ. އެއަށްފަހު ހދ. އަތޮޅު ނާގޮށި ޕްރޮޖެކްޓާ ގުޅިގެން ތްރީކޭ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމާ ގުޅޭގޮތުން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ފޮނުއްވާފައިވާ ސިޓީއާ މެދު މެންބަރުން މަޝްވަރާކުރެއްވިއެވެ. އެގޮތުން އެ އެއްބަސްވުން ބާޠިލްކުރަންޖެހުނު މައިގަނޑު ސަބަބުތައް ވަރަށް ތަފްޞީލުކޮށް އެ ކުންފުނިން ބަޔާންކޮށްފައިވާ ކަމަށާއި އެހެންކަމުން އެއްބަސްވުން ބާޠިލްކުރުމުގައި ތްރީކޭ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ޙައްޤެއް ގެއްލިފައިވާކަމަށް ޤަބޫލުކުރެވޭނަމަ ޝަރުޢީ މަރުޙަލާ މެދުވެރިކޮށް އެކަން ޙައްލުކުރުމަށް އެ ކުންފުންޏަށް ދެންނެވުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ތާއިދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުން އެ ހުށަހެޅުއްވުން ފާސްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

6 ޖޫން 2022

ޕަބްލިކް ސަރވިސް މީޑިއާގެ ޚިޔާނާތާއި ގުޅޭ މައްސަލަތައް އެ ކުންފުނިީގެ އޮޑިޓް ޑިޕާޓްމަންޓްއިން ނުބަލާ އެ ޑިޕާޓްމަންޓް އުވާލާފައިވާ މައްސަލަ ދިރާސާކުރުން

ކުރިޔަށް ދަނީ

14 މާރިޗު 2022

ތްރީކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުން

ކޮމެޓީ މަސައްކަތް ނިމިފައި

8 ފެބްރުއަރީ 2022

ބަޔޯ ބިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ވެލޭނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޤާއިމްކޮށްފައިވާ މެޑިކަލް ސެޓަޕްގެ އެގްރީމެންޓް އެމް.އޭ.ސީ.އެލްއިން އުވާލާފައިވާ މައްސަލަ.

ކޮމެޓީ މަސައްކަތް ނިމިފައި

13 ޑިސެމްބަރު 2021

މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މާކެޓިންގ އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރ ކުންފުނީގެ ޕްރޮމޯޝަނަލް މެޓީރިއަލްސް ކެމްޕެއިންއަށް ބޭނުންކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA