ކޮމިޓީގެ ނަން

ލާމަރުކަޒީ ކޮމިޓީ

ތާރީޚް

5 ފެބްރުއަރީ 2020 11:00

ނަންބަރު

2

2020 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮމިޓީގައި ނުނިމި ހުރި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމެވެ. މިގޮތުން ތިރީގައިވާ މައްސަލަތަކާ ގުޅޭގޮތުން އަންނަނިވި ނިންމެވުންތައް ނިންމެވިއެވެ. 1. ޒަލްދާން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑަށް ތެލުގެ ވިޔަފާރިކުރުމަށް ގއ. ވިލިގިލީ އިން އެޓޮލް އެޑމިނިސްޓްރޭޝަން އިން ދެއްވާފައިވާ ބިމުގެ ކުލީގެ މުއްދަތު ރަށު ކައުންސިލުން އިތުރުކޮށްދީފައިނުވާތީ، އެ މައްސަލަ ބައްލަވައިދެއްވުން އެދި އެ ކުންފުނިން ފޮނުއްވާފައިވާ މައްސަލައަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބައްލަވަމުންދާ މައްސަލައަކަށްވާތީ، އެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވުމަށް ނިންމެވިއެވެ. 2. ރ.މީދޫ، ތިއްތިގެ އާއި ދިމާލުން ހޮޓާ ހިންގުމަށް ބިން ދޫކޮށްފައިވަނީ އަގު ބޮޑުކޮށްކަމަށްވާތީ ޢަބްދުއްސަލާމް ޙުސައިން / ތިއްތިގެ، ރ.މީދޫ ހުށަހަޅުއްވާފައިވާ މައްސަލައިގައި ނިންމަވާފައިވަނީ ލާމަރުކަޒީ ޤާނޫނަށް އެންމެ ފަހުން ގެނެވުނު އިސްލާޙުތަކާ ގުޅިގެން ރަށްރަށުގެ ކައުންސިލްތަކުގެ އިޚްތިޞާޞްގެ ދަށުގައިވާ ބިންތައް ކުއްޔަށް ދިނުމަކީ ކައުންސިލްތަކަށް ލިބިދީފައިވާ ބާރެއްކަމުގައިވާތީ، ކައުންސިލުން ޤާނޫނާ ޚިލާފުކަމެއްކޮށްފައިވާނަމަ އެލް.ޖީ.އޭ އަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދިއުމަށް އެފަރާތަށް ދެންނެވުމަށެވެ. 3. މާލޭ ސިޓީ ކައުންސިލްގެ 21 ވަނަ އަދި 22 ވަނަ ބައްދަލުވުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ އިދާރާ އިން މުޙައްމަދު ފަޒީންހުށަހަޅުއްވާފައިވާ މައްސަލައިގައި ނިންމެވީ ލާމަރުކަޒީ ޤާނޫނު މިހާރު ފަރުމާކުރެވިފައިވާ ގޮތުން ކައުންސިލްތަކުން ކުރައްވާ ޤާނޫނާ ޚިލާފު ޢަމަލުތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ލިބިފައިވާތީ، އެ ސިޓީގައި ދަންނަވާފައިވާ މައްސަލަ އެ އޮތޯރިޓީއަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދިއުމަށް ދެންނެވުމަށެވެ. 4. މާލެ ސިޓީގެ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރ މުޙައްމަދު ފަޒީންގެ ފަރާތުން މާލޭ ސިޓީގެ މޭޔަރަށާއި ކައުންސިލްގެ އިދާރާގައި މަސައްކަތްކުރައްވާ ސިވިލް ސަރވެންޓުންނަށް އެކިކަހަލަ ބިރުދައްކާ މުވައްޒަފުންގެ ހިތުގައި ބިރުވެރިކަން އުފައްދަން މަސައްކަތްކޮށް މުވައްޒަފުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތްކުރަމުންދާތީ ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ވެސް ނިންމަވާފައިވަނީ ކައުންސިލަރުން ކުރައްވާ ޤާނޫނާ ޚިލާފު ޢަމަލުތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ލިބިފައިވާތީ، އެ މައްސަލަ އެ އޮތޯރިޓީއަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދިއުމަށް ދެންނެވުމަށެވެ. 5. އދ.އޮމަދޫގެ ގޯތި ދޫކުރުމުގެ ކަންތައް ކުރިއަށް ގެންދަނީ ލާމަރުކަޒީ ޤާނޫނާ ޚިލާފަށް ކަމަށްބުނެ އދ.އޮމަދޫ ކައުންސިލް މެންބަރު ޢަލީ ފިކުރީ / ޗާންދަނީގެ، އދ.އޮމަދޫ ފޮނުއްވާފައިވާ މައްސަލައަކީ ކޯޓު މަރުޙަލާގައި އޮތް މައްސަލައަކަށްވާތީ، ކޮމިޓީއަށް ބެލުމުގެ އިޚްތިޞާޞް އޮތް މައްސަލައެއް ނޫންކަމަށް ނިންމެވިއެވެ. 6. ކައުންސިލްކަމަށް ކުރިމަތިލެވޭ ޝަރުތުތަކުގެ ތެރޭގައި ޖީ.ސީ.އީ އޭ ލެވެލް ކަމުގައި ހަމަޖައްސައި ދިނުމަށް އެދި ޔޫސުފް ޙަސަން / ކަޝްމީރު، ބ.އޭދަފުށި ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ނިންމަވާފައިވަނީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގައި އުމުރުން 18 (އަށާރަ) އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤު ލިބިގެންވާކަމުގައި ބަޔާންކޮށްފައިވާތީ، އެ ޙައްޤު އެއްވެސް މިންވަރަކަށް ހަނިކުރަން ފެނިވަޑައިނުގަންނަވާކަމަށެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

17 ޑިސެމްބަރު 2019

ކައުންސިލަރު މުޙައްމަދު ފަޒީން މާލޭ ސިޓީގެ މޭޔަރާއި ކައުންސިލްގެ އިދާރާގެ މުވައްޒަފުންނަށް ބިރުދައްކަމުންދާ މައްސަލަ ބައްލަވައިދެއްވުމަށް އެދި އެ ކައުންސިލުން ހުށަހަޅާފައިވާ މައްސަލަ.

ކޮމެޓީ މަސައްކަތް ނިމިފައި

12 ނޮވެމްބަރު 2019

ކައުންސިލްކަމަށް ކުރިމަތިލެވޭ ޝަރުތުތަކުގެ ތެރޭގައި ޖީ.ސީ.އީ އޭ ލެވެލް ކަމުގައި ހަމަޖައްސައި ދިނުމަށް އެދި ޔޫސުފް ޙަސަން/ ކަޝްމީރު، ބ.އޭދަފުށި ހުށަހަޅުއްވާފައިވާ މައްސަލަ.

ކޮމެޓީ މަސައްކަތް ނިމިފައި

30 އޮކްޓޯބަރު 2019

އދ.އޮމަދޫގެ ގޯތި ދޫކުރުމުގެ ކަންތައް ކުރިއަށް ގެންދަނީ ލާމަރުކަޒީ ޤާނޫނާ ޚިލާފަށް ކަމަށްބުނެ ފޮނުއްވާފައިވާ މައްސަލަ.

ކޮމެޓީ މަސައްކަތް ނިމިފައި

28 އޮކްޓޯބަރު 2019

މާލޭ ސިޓީ ކައުންސިލްގެ 21 ވަނަ އަދި 22 ވަނަ ބައްދަލުވުމާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލް އިދާރާއިން މުޙައްމަދު ފަޒީން ހުށަހަޅުއްވާފައިވާ މައްސަލަ.

ކޮމެޓީ މަސައްކަތް ނިމިފައި

24 އޮކްޓޯބަރު 2019

ރ.މީދޫ، ތިއްތިގެ އާއި ދިމާލުން ހޮޓާ ހިންގުމަށް ބިން ދޫކޮށްފައިވަނީ އަގު ބޮޑުކޮއްކަމަށްވާތީ ޢަބްދުއްސަލާމް ޙުސައިން / ތިއްތިގެ، ރ.މީދޫ ހުށަހަޅުއްވާފައިވާ މައްސަލަ.

ކޮމެޓީ މަސައްކަތް ނިމިފައި

13 އޮކްޓޯބަރު 2019

ޒަލްދާން ކޮމްޕެނީ އަށް ތެލުގެ ވިޔަފާރިކުރުމަށް ގއ. ވިލިގިލިން ދެއްވާފައިވާ ބިމުގެ ކުލީގެ މުއްދަތު އިތުރުކޮށްދީފައިނުވާތީ އެ ކުންފުނިން ހުށަހަޅާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA