ކޮމިޓީގެ ނަން

ލާމަރުކަޒީ ކޮމިޓީ

ތާރީޚް

17 ފެބްރުއަރީ 2020 12:30

ނަންބަރު

4

2020 ވަނަ އަހަރުގެ 4 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ނޭޝަނަލް ޕޭ ކޮމިޝަނުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ މަޤާމުތަކަށް ހަމަޖެއްސުމަށް ކަނޑައަޅުއްވާފައިވާ މުސާރައާއި ޢިނާޔަތްތަކާ ގުޅޭގޮތުން ފޮނުއްވާފައިވާ ކަރުދާހަށް ލަފަޔަކަށް އެދި މާލިއްޔަތު ކޮމިޓީން ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ރަށު ކައުންސިލަރުންނަށް ކަނޑައަޅާފައިވާ މުސާރަ ކުޑަ ކަމަށާއި ކައުންސިލްގެ އިދާރީ މުވައްޒަފުންނަށް ލިބޭ މުސާރައަށްވުރެ ކައުންސިލަރުންނަށް ލިބޭ މުސާރަ ބޮޑުވާންޖެހޭނެކަމުގައި މެންބަރުން ފާހަގަކުރައްވާފައިވެއެވެ. އަދި ރަށެއް ސިޓީއަކަށްވުމަށްފަހު އެ ސިޓީގެ މޭޔަރަކީ އެ ސިޓީ ހިމެނޭ އަތޮޅުގެ އަތޮޅު ކައުންސިލްގައި އެ ސިޓީ ތަމްސީލުކުރުމުގެ ގޮތުން ހިމެނޭ މީހެއްކަމުގައިވާތީ ސިޓީ ކައުންސިލްގެ މޭޔަރެއްގެ މުސާރައާއި، އަތޮޅު ކައުންސިލް ރައީސްގެ މުސާރައިގައި ހަމަހަމަ އުޞޫލެއް ގެންގުޅުމުގެ މުޙިއްމުކަން މެންބަރުން ފާހަގަކުރައްވިއެވެ. މިކަންކަން ފާހަގަކުރައްވާ ކޮމިޓީގެ ލަފާ މާލިއްޔަތު ކޮމިޓީއަށް ފޮނުއްވުމަށް މެންބަރުން ނިންމެވިއެވެ. އެއަށްފަހު ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 8 ވަނަ އިސްލާޙުގެނައުމުގެ ޤާނޫނު) އާއި ގަވާއިދު ނަންބަރު 2018/R-69 (ދިރިއުޅުމުގެ ބޭނުންނޫން އެހެން ބޭނުންތަކަށް ބިންދޫކުރުމުގެ ގަވާއިދު) އަށް 1 ވަނަ އިސްލާޙުގެނައުމުގެ ގަވާއިދުގައިވާ ފުށުއެރުންތަކުގައި ޢަމަލުކުރަންވީ ގޮތަކާ ގުޅޭގޮތުން މާލެ އަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ އިން ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. އެއަށްފަހު މާލޭ ދަތުރުވެރިންގެ މާރުކޭޓް މުނިސިޕަލްޓީގެ އެންގުމަށް ބަންދުކޮށްފައިވާއިރު، އަދިވެސް އެތާގައި ވިޔަފާރުކުރަމުންދިޔަ ވިޔަފާރިވެރިންނަށް ތަނެއްދައްކާފައިނުވާތީ، ރަށްރަށުގެ ދަނޑުވެރިންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ، ހަމަޖެހޭ އުޞޫލެއްގެ މަތިން މާރުކޭޓް ގޮޅިތައް ދަތުރުވެރި ދިވެހިންނަށް ލިބޭނެގޮތް ހައްދަވައިދެއްވުން އެދި ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާފައިވާ މައްސަލައިގައި މާލޭ ސިޓީ ކައުންސިލް އަދި މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ފޮނުއްވާފައިވާ ސިޓީއަށް ރިޢާޔަތްކޮށް އެ މެންބަރަށް މާރުކޭޓްގެ މަސައްކަތް ގޮސްފައިވާ ހިސާބާ ގުޅޭ މަޢުލޫމާތު ފޮނުއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA