ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

21 ނޮވެމްބަރު 2022 11:05

ނަންބަރު

63

ޖުޑީޝިއަރީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 63 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބު، މިނިސްޓަރ ޢައްބާސް ފާއިޒްއާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގެ މި ބައި ކުރިއަށްގެންދެވީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ. އެއަށްފަހު، ކޮމިޓީގެ ބައްދަލުވުން މީޑިއާއަށް ހުޅުވާލެވިގެން ކުރިއަށްގެންދެވިއެވެ. އެގޮތުން ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ކޮމިޓީން ދިރާސާކުރެއްވިގޮތަށް ފާސްކުރެއްވިއެވެ. މި ބިލު ދިރާސާކޮށް ނިންމެވިގޮތަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ވަޑައިގެންނެވި 5 މެންބަރުންގެ އިއްތިފާޤުން އެ ބިލު ނިންމެވިއެވެ. (ފެނިވަޑައިގަންނަވާކަމަށް ވޯޓުދެއްވީ؛ ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު، އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް އެވެ. އެއަށްފަހު، އިތުރު މައްސަލައެއްގެ ގޮތުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ހުށަހެޅުއްވީ ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން 6 މޭ 2021 ގައި ދީފައިވާ ޓެރަރިސްޓު ހަމަލާއާ ގުޅިގެން، އެ މައްސަލައާ ގުޅޭ ތަޙްޤީޤުކުރުމުގައާއި ދަޢުވާކުރުމުގައާއި ޝަރީޢަތުގެ މަރުހަލާގެ ކަންކަން މޮނިޓަރކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ޚާއްޞަ މަންދޫބު، މިސްޓަރ އައްބާސް ފާއިޒު ކޮމިޓީގައި ބައްދަލުކުރައްވައި، ފާޅުކުރެއްވި ކަންބޮޑުވުންތަކުގެ ތެރޭގައި އެ މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އަޑުއެހުންތައް ނުބޭއްވި ލަސްވާ ލަސްވުމުގެ ކަންބޮޑުވުން ފާޅުކުރައްވާފައިވާތީ، އެކަމަށް ހައްލެއް ހޯއްދެވުމަށް އެ ކޮމިޓީގެ އެހީތެރިކަމަށް އެ މަނިކުފާނު އެދިވަޑައިގެންފައިވާތީ، 6 މޭ 2021 ގައި ހިންގާފައިވާ ޓެރަރިސްޓު ހަމަލާއާ ގުޅިގެން ޝަރީޢަތަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ޝަރީޢަތްތައް ކުރިއަށް ނުގޮސް ލަސްވާ ސަބަބާއި، އެ މައްސަލައާ ގުޅިގެން މިހާތަނަށް ޝަރީޢަތަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އަޑުއެހުންތަކުގެ ތާވަލް ހޯއްދެވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ސިޓީ ފޮނުއްވުމަށެވެ. މި ހުށަހެޅުމަށް ތާއީކުރެއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު އެވެ. މި މައްސަލައިގައި ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ވަޑައިގެންނެވި 5 މެންބަރުންގެ އިއްތިފާޤުން އެ ބިލު ނިންމެވިއެވެ. (ފެނިވަޑައިގަންނަވާކަމަށް ވޯޓުދެއްވީ؛ ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު، އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް އެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA