ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

15 ފެބްރުއަރީ 2023 11:30

ނަންބަރު

3

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2023 ވަނަ އަހަރުގެ 03 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އެ ކުންފުނީގެ ހިންގެވުމާއި ހަވާލުވި ފަހުން ކުންފުންޏަށް ބޭނުން ނުވާ އެތައް މުވައްޒަފުން އެއް ނަގަމުންދާކަމަށާއި ކުންފުނީގެ އެކި އެކި އިންޑިޕެންޑަންޓް ކޮމިޓީތަކަށް ނުފޫޒު ފޯރުވައި ސަރުކާރުން ޚަރަދު ކުޑަ ކުރުމުގެ ސިޔާސަތެއް ކަނޑައަޅާފައިވާ މި ދަނޑިވަޅުގައި ކުންފުނީގެ ޚަރަދުތައް ބޮޑުތަނުން އިތުރުވެފައިވާކަމަށް ބަޔާންކޮށް ވިސިލްބްލޯވަރއެއް ފޮނުއްވާފައިވާ މައްސަލަ، އެ ކުންފުނީގެ އިންޓަރނަލް އޮޓިޑް ރިޕޯޓްތައް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިޔަށް ގެންދަވާއިރު ދިރާސާކުރެއްވުމަށް ނިންމައި، މި މައްސަލަ އެޖެންޑާއިން ނެގުމަށް ނިންމެވިއެވެ. އެއަށްފަހު، ފުވައްމުލަކުގައި ދަތުރުފަތުރުކުރުމުގައި ހުރި ދަތިތައް ބަޔާންކޮށް، އެ ކަންކަން ޙައްލުކޮށްދިނުމަށް އެދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހަޅުއްވާފައިވާ މައްސަލައިގައި އައިލޭންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑް އަދި ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ފޮނުއްވާފައިވާ މަޢުލޫމާތު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީއާ ހިއްސާކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ. އެއަށްފަހު،"ބްލޫ ސްޓޯން ކެޕިޓަލް ޕްރައިވެޓް ލިމިޓެޑް" އިން ރާއްޖޭގައި އިންވެސްޓުކުރުމަށް އެއްވެސް ފައިސާއެއް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ގެނެސްފައިވޭތޯ ބެލުމަށާއި އަދި ގެނެސްފައިވާނަމަ މި ފައިސާ އިންވެސްޓްކުރުމަށް ގެނައި ކުންފުނީގެ އެކައުންޓަށް ބޭންކް އޮފް މޯލްޑިވްސްއިން ޖަމާނުކޮށް ލަސްވާ ސަބަބު ބަލައިދިނުމަށް އެދި މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަޞީރު ހުށަހަޅުއްވާފައިވާ މައްސަލައިގައި އެ ކުންފުނީގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެއްވެސް އެކައުންޓަކަށް ޖަމާކުރުމަށް އެއްވެސް ފައިސާއެއް ލިބިފައިނުވާކަމަށާއި، އެކަން ކަސްޓަމަރަށް އަންގަވާފައިވާކަމަށް އެ ބޭންކްއިން މަޢުލޫމާތު ދެއްވާފައިވާތީ، އެ ވާހަކަ މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަޞީރާ ހިއްސާކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA