ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

20 ފެބްރުއަރީ 2023 10:00

ނަންބަރު

1

އިޤްތިޞާދީ ކޮމިޓީގެ 2023 ވަނަ އަހަރުގެ 01 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ލ. މާންދޫގައި ޤާއިމްކޮށްފައިވާ މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިން ބާނާ މަސް ކިރާފައި ފައިސާ ނުލިބޭ މައްސަލައާއި ތެލާއި އައިސް ގަތުމުގައި ދިމާވާ ދަތިތަކަށް ޙައްލު ލިބޭނެ މަގެއް ހޯދުމަށް އެ މައްސަލަ ބަލައި އެކަމުގައި ޙައްލެއް ހޯއްދަވައިދެއްވުން އެދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމެވެ. އެގޮތުން، ތާއީދުކޮށް ހުށަހަޅާފައިވަނީ، މިމައްސަލައާއި ގުޅޭގޮތުން ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް އަދި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ހިއްސާކުރައްވާފައިވާ މަޢުލޫމާތު މައްސަލަ ހުށަހެޅުއްވި މެންބަރާ ލިޔުމުން ހިއްސާކުރުމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅުއްވައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ތާއިދުކުރައްވައި، އެވަގުތު ކޮމިޓީގައި ހާޒިރުވެވަޑައިގެންތިއްބެވި މެންބަރުންގެ ތެރެއިން އެއްވެސް މެންބަރަކު އިއުތިރާޒު ނުކުރައްވާތީ އެހުށަހެޅުމާއި އެއްގޮތަށް ސިޓީ ފޮނުވުމަށް ނިންމެވިއެވެ. ދެން ކުރިއަށް ގެންދެވީ، އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ އިންޓަރނޭޝަނަލް ލޭބަރ ކޮންފަރެންސްތަކުގައި 15 މޭ 2009 އިން ފެށިގެން މިއަދާ ހަމައަށް ބަލައިގަނެފައިވާ އިންސްޓްރޫމަންޓައް، ދިވެހިރާއްޖެއިން ބަލައިގަތުމާމެދު ރައްޔިތުންގެ މަޖިލީހުން ދެކެވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުން އެދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ފޮނުއްވާފައިވާ އިންސްޓްރޫމަންޓްތަކުގެ ތަފްޞީލު ރިޕޯޓު ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، ރިޕޯޓު ބަލައިގަތުމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވާ ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ތާއިދުކުރައްވައި، އެވަގުތު ކޮމިޓީގައި ހާޒިރުވެވަޑައިގެންތިއްބެވި މެންބަރުންގެ ތެރެއިން އެއްވެސް މެންބަރަކު އިއުތިރާޒު ނުކުރައްވާތީ އެހުށަހެޅުމާއި އެއްގޮތަށް ރިޕޯޓު ފާސްކުރެއްވުމާމެދު ރައްޔިތުންގެ މަޖިލީހުން ރިޢާޔަތްކޮށްދެއްވުމަށް އެދި، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ނިންމެވިއެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ 2019 ވަނަ އަހަރުގެ އަހަރު ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 114 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ދިރާސާކުރެއްވުމަށްފަހު، ހުށަހެޅިފައިވާ ރެކޮމެންޑޭޝަންތައް މިނިސްޓްރީއަށް ފޮނުއްވުމަށް ކޮމިޓީން ފާސްކުރައްވައި، އަހަރީ ރިޕޯޓުގެ މަސައްކަތް 24 އޮކްޓޫބަރު 2022 ގައި ބޭއްވެވި އިޤްތިޞާދީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 36 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާތީ، 25 ޖަނަވަރީ 2023 ގައި އެ މިނިސްޓްރީން ފޮނުއްވާފައިވާ ރިޕޯޓުގެ މަސައްކަތް ނިމިފައިވާކަމަށް ނިންމެވިއެވެ. މީގެ އިތުރުން، އެހެނިހެން ކަންކަމުގެ ތެރެއިން ކޮމިޓީއަށް 2 މައްސަލައެއް ހުށަހެޅިގެންދިއައެވެ. އެގޮތުން ހުށަހެޅުނު މައްސަލަތަކަކީ: 1. ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހެޅުއްވި މައްސަލަ: ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުތަކުގެ ވެރިފަރާތްތަށް ނޭނގި އެ އެކައުންޓުތަކުން ފައިސާ ކެނޑެމުންދާ މައްސަލައާއި، އެކައުންޓު ބްރީޗްވިކަން ނޭނގި އެހެން އެކައުންޓުތަކަށް ފައިސާ ޓްރާންސްފަރވާ މައްސަލައާއި، ބޭންކުން އެކައުންޓުތައް ފްރީޒްކުރަމުންދާ މައްސަލައާއި، އެކިއެކި ސްކޭމްތަކުގެ ސަބަބުން އެކައުންޓުތަކުގެ ވެރިފަރާތްތަކަށް މާލީގޮތުން ބޮޑެތި ގެއްލުންވަމުންދާ މައްސަލައާއި، އެ ކަންކަން ޙައްލުކުރުމަށް މިހާތަނަށް އެއްވެސް ފަރާތަކުން އެކަށީގެންވާ ފިޔަވަޅެއް އަޅުއްވާފައިނުވުމާއި، ބޭންކް އޮފް މޯލްޑިވްސްއާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލޭގޮތަށް ވާހަކަދެކެވި، އެ ބޭންކާމެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލެމުންދާތީ، އެ ބޭންކާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކުގެ ޙަޤީޤަތް ބެއްލެވުމަށް އެދި. މި މައްސަލައާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ހުޅުވާލި ފުރުޞަތުގައި، ބެންކް އޮފް މޯލްޑިވްސްއަކީ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސްއަކަށްވެފައި، ސްޓޭޓް އޯންޑް އެންޓަރޕްރައިސަސްތަކުގެ ކަންކަން ބެލުމުގެ މަސްއޫލިއްޔަތު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުން މަތިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީއާކަމަށްވާތީ، މި މައްސަލަ ބެލުމަށް އެ ކޮމިޓީއަށް ފޮނުވުމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވާ، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙްސިން ޙަމީދު ތާއިދުކުރައްވައި، އެއްވެސް މެންބަރެއްގެ އިއުތިރާޒެއް ނެތުމުން އެހުށަހެޅުމާއި އެއްގޮތަށް މި މައްސަލަ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސްއަށް ފޮނުވުމަށް ނިންމެވިއެވެ. 2. ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހެޅުއްވި މައްސަލަ: ދިވެހިރާއްޖޭގެ ދެކުނުގައި ކަޅުބިލަމަހުގެ މަސްވެރިކަން ތިޔާގި ދުވަސް ވަރެއްގައި މަސްވެރިންނަށް އައިސްލިބުމުގެ ދަތިކަން ކުރިމަތިވެފައިވާ އިރު، މި މައްސަލަ ހައްލުކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ސިޔާސަތަކީ އާރް.އެސް.ޑަބްލިއު ސިސްޓަމް މަސް ދޯނިފަހަރުގައި އިންސްޓޯލް ކުރުން ކަމަށް ވާއިރު، އެކަމަށް ބޭނުންވާ ޖަނަރޭޓަރުގެ ޑިއުޓީ މާފުވެގެން ނުދާތީ އެކަމަށް ހައްލެއް ހޯދައިދެއްވުން އެދި. މި މައްސަލައާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ހުޅުވާލި ފުރުޞަތުގައި، މަސްވެރިކަމުގެ ބޭނުމަށް އިމްޕޯޓުކުރެވޭ މުދާ ޑިއުޓީ މާފުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއަށް ހުށަހެޅުމުން ހަމަޖެހިފައިވާ އިންތިޒާމުގެ ތެރެއިން މިހާރުވެސް ޑިއުޓީ މާފުކޮށްދެވޭކަމަށް މިނިސްޓަރ މަޢުލޫމާތު ދެއްވާފައިވާތީ، ހުށަހަޅުއްވާފައިވާ މައްސަލައަށް ސަރުކާރުގެ ތެރެއިން ހައްލު ލިބެންއޮތްކަން ފާހަގަކުރައްވައި، މި މައްސަލަ އިތުރަށް ކުރިއަށް ގެންދަވަން ނުފެންނަކަމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA