ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

18 އޮކްޓޯބަރު 2023 11:00

ނަންބަރު

5

2023 ވަނަ އަހަރުގެ 5 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ މި ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފޮނުއްވާފައިވާ "ލ. ކުނަހަންދޫ އިންޖީނުގެ ޢިމާރާތްކުރުމުގެ މަސައްކަތާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައިވާތީ އެ މަސައްކަތް އަވަސްކޮށްދިނުމަށް ގޮވާލާ ޤަރާރު" އާއި "ލ. ހިތަދޫއާއި ކުނަހަންދޫ ގުޅުވާލުމަށް ހަމަޖެހިފައިވާ ކޯޒްވޭގެ މަސައްކަތް އެއްވެސް ވަރަކަށް ފެށިފައި ނުވާތީ އެ މަސައްކަތް އަވަސްކޮށްދިނުމަށް ގޮވާލާ ޤަރާރު" ދިރާސާކޮށް، އެ ޤަރާރުތަކުގެ މަސައްކަތް ނިންމާނެ ސުންގަޑި ކަނޑައެޅުމުގެ މަސައްކަތެވެ. އެގޮތުން، އެ ޤަރާރުތަކުގެ ސުންގަޑިއަކީ 30 އޮކްޓޫބަރު 2023 ކަމުގައި، ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީ ހުށަހަޅުއްވައި ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ތާއީދުކުރައްވައި، ކޮމިޓީއަށް ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރައްވާފައިވެއެވެ. މީގެ އިތުރުން، އެ ޤަރާރުތަކުގައި ފާހަގަކޮށްފައިވާ މަސައްކަތްތައް ކުރިއަށް ނުގޮސްހުއްޓިފައިވާ ނުވަތަ އެ މަސައްކަތްތައް ފެށިފައިނުވާނަމަ ފެށިފައިނުވާ ސަބަބު، އަދި މަސައްކަތްތައް ފެށިފައިވާނަމަ މިހާތަނަށް މަސައްކަތް ގޮސްފައިވާ ހިސާބާއި، އެ މަސައްކަތްތައް ހުއްޓިފައިވާނަމަ ހުއްޓިފައިވާ ސަބަބު، އަދި އެ މަސްރޫޢުތައް ނިމޭނެކަމަށް ލަފާކުރެވޭ ތާރީޚް ސާފުކުރެއްވުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވައި ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީ ތާއީދުކުރައްވައި، ކޮމިޓީއަށް ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރައްވާފައިވެއެވެ. މި ބައްދަލުވުމުގައި ދެން ކުރިއަށް ގެންދެވީ ކޮމިޓީގެ މަސްއޫލިއްޔަތުގެ ދާއިރާގައި ހިމެނޭ އިދާރާތަކުން ކޮމިޓީއަށް ފޮނުވާފައިވާ އަހަރީ ރިޕޯޓުތައް ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދާނެ ގޮތާ ގުޅިގެން ކުރެވުނު މަޝްވަރާތަކެވެ. އެގޮތުން، 17 ނޮވެންބަރު 2023 ގެ ކުރިން އަހަރީ ރިޕޯޓުތަކާގުޅޭ ހުރިހާ މަސައްކަތްތަކެއް ކޮމިޓީން ނިންމުމަށް، ގެމަނަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު ހުށަހަޅުއްވާފައިވެއެވެ. އަދި ކޮމިޓީއަށް ލިބިފައިވާ އަހަރީ ރިޕޯޓުތަކުގެ ޚުލާޞާއެއް ކޮމިޓީގެ އިދާރީ މޭޒުން ތައްޔާރުކޮށް ކޮމިޓީގައި މަޝްވަރާކުރުމަށްފަހު، އެ ރިޕޯޓުތަކާ ގުޅޭގޮތުން ރިކޮމެންޑޭޝަން ދޭން ޖެހޭ އިދާރާތައް ފާހަގަކުރުމަށްފަހު އެ އިދާރާތަކަށް ކޮމިޓީން ރިކޮމެންޑޭޝަން ފޮނުވުމަށް، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވައި ގެމަނަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު ތާއީދުކުރައްވައި، ކޮމިޓީއަށް ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރައްވާފައިވެއެވެ. އަދި، އަހަރީ ރިޕޯޓުތައް ދިރާސާކުރުމުގެ މަސައްކަތް 24 އޮކްޓޫބަރު 2023 ގައި ކޮމިޓީން ފެށުމަށާއި، 25 އޮކްޓޫބަރު 2023 ގައި ނިންމުމަށް ކޮމިޓީން ކަނޑައަޅާފައިވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA