ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

25 އޮކްޓޯބަރު 2023 12:10

ނަންބަރު

15

މާލިއްޔަތު ކޮމިޓީގެ 2023 ވަނަ އަހަރުގެ 15 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން 2024 ވަނަ އަހަރުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ރާވާ އޮޑިޓްތައް ހިމަނައިގެން އެ އަހަރަށް ކަނޑައަޅާ އެނުއަލް ވޯކްޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާތީ ދައުލަތުގެ ވަކި ދާއިރާއެއްގެ ނުވަތަ ސަރުކާރުން ހިންގާ ވަކި ޕްރޮގްރާމެއް ނުވަތަ ޕްރޮޖެކްޓެއްގެ ޚާއްޞަ އޮޑިޓެއް މި ވޯކްޕްލޭންގައި ހިމަނައިގެން ކުރިއަށް ގެންދިއުމަށް ބޭނުންވާނަމަ، އެކަން 16 އޮގަސްޓު 2023 ގެ ކުރިން އަންގަވައިދެއްވުމަށް އެދި އެ އޮފީހުން ފޮނުއްވާފައިވާ ސިޓީއާ ގުޅެގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އިތުރަށް މަޝްވަރާކުރުމަށްފަހު، ދެން ބާއްވާ ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ޖަވާބެއް ދިނުމަށް ނިންމާފައިވެއެވެ. ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނު (ނަންބަރު:13/2020 ) ގެ 24 ވަނަ މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިންސްޓިޓިއުޓް އޮފް ޗާޓރޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސްގެ ކައުންސިލްއިން ފާސްކޮށްފައިވާ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ކޮމިޓީއާ ޙިއްސާކުރުއްވިއެވެ. އެއަށްފަހު، ޤާނޫނު ނަންބަރު 7/2013 (ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު) ގެ 10 ވަނަ މާއްދާއާއި 20 ވަނަ މާއްދާގެ ދަށުން، 2024 ވަނަ އަހަރުން 2026 ވަނަ އަހަރަށް މެދުރާސްތާގެ ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާނާއި ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ އަންގައިދޭ ބަޔާނާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، މި ބަޔާންތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. އަދި، ލޯކަލް ކައުންސިލްތަކުގެ ޢާންމު އިޖުރާއީ ގަވާއިދުގެ 60 ވަނަ މާއްދާގެ ދަށުން ކައުންސިލް ހިންގުމުގައި ފަންނީ މީހުންނާއި، ރައްޔިތުންގެ މަޝްވަރާއާއި ބައިވެރިވުން އިތުރުކުރުމަށް އެކި ދާއިރާތަކުން އުފައްދާ ލަފާދޭ ކޮމިޓީތަކާއި ޤާނޫނު ލާޒިމުކޮށްގެން އުފައްދާ ކޮމިޓީތަކުގައި ބައިވެރިވާ ކައުންސިލްގެ މެންބަރުންނަށް ސިޓިންގ އެލަވަންސް ހަމަޖެއްސުމާމެދު ލަފާ ހޯދުމަށް، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލުން ފޮނުއްވާފައިވާ ސިޓީ މަޝްވަރާކުރެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ކައުންސިލްގެ މެންބަރުންގެ މުސާރައިގެ އޮނިގަނޑުގެ ތެރެއިން އެ ކައުންސިލްގެ ސިޓީގައި ބަޔާންކުރާ ފަދަ ކޮމިޓީތަކުގައި ބައިވެރިވާ ކައުންސިލްގެ މެންބަރުންނަށް ސިޓިންގ އެލަވަންސް އެއް ހަމަޖައްސަވައިދެވެން ނެތްކަމަށް އެ ކައުންސިލަށް ދެންނެވުމަށް ނިންމާފައިވެއެވެ. މިއަދުގެ ބައްދަލުވުމަށް އެޖެންޑާކޮށްފައިވާ ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާގެ 2013 އަދި 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްތައް ކޮމިޓީގެ އެހެން ބައްދަލުވުމެއްގައި ކުރިއަށް ގެންދިއުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA