ކޮމިޓީގެ ނަން

އިމްތިޔާޒާއި ސުލޫކް ކޮމިޓީ

ތާރީޚް

12 ނޮވެމްބަރު 2023 12:15

ނަންބަރު

3

އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ 2023 ވަނަ އަހަރުގެ 03 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ބ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު ރައީސް މުޙައްމަދު ނަޝީދު ވަކިކުރުމަށް ހުށަހަޅުއްވާފައިވާ ޤަރާރު އެޖެންޑާކޮށް، މިއަދު، 12 ނޮވެންބަރު 2023 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފާއި، 16 ވަނަ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ޢަމަލުކުރައްވާފައިވާ ގޮތާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ޚިލާފަށް ވަކި މަޞްލަޙަތެއް ޙިމާޔަތްކޮށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހުރަސްއެޅޭ ފަދަ ގޮތަކަށް ޢަމަލުކުރައްވާކަމަށާއި، އެއީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އުނިކަން ލިބޭފަދަ ޢަމަލުތަކެއްކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ހުށަހަޅުއްވައި، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ތާޢީދުކުރެއްވި ހުށަހެޅުން، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވެފައިވެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި، މަޖިލީހުގެ މެންބަރަކު ނުވަތަ އެ މެންބަރަކާ ޚާއްޞަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަޞްލަޙަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަޤާމުން ވަކިކުރުމަށް ހުށަހެޅޭ ޤަރާރުތަކުގެ މަސައްކަތް ކުރިއަށްގެންދެވޭ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާ މެންބަރުންނަށް، އެފަދަ މަޞްލަޙަތެއް ކުރިއެރުވުމަށް ފުރުޞަތު ނުލިބޭނެ ފަދަ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިޞްލާޙުކޮށްދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީއަށް ފޮނުވުމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ހުށަހަޅުއްވައި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ތާޢީދުކުރެއްވި ހުށަހެޅުން، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވެފައިވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA