ކޮމިޓީގެ ނަން

ބަޖެޓް ދިރާސާކުރާ ކޮމިޓީ

ތާރީޚް

14 ނޮވެމްބަރު 2023 12:07

ނަންބަރު

1

2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ 01 ވަނަ ބައްދަލުުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ އޮތީ ކޮމިޓީގެ މުޤައްރިރު އަދި ނައިބު މުޤައްރިރު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރު އަދި ނައިބު މުޤައްރިރު ހޮއްވެވުމުގެ މަސައްކަތް ކުރިޔަށްގެންގޮސްދެއްވީ، ޑިރެކްޓަރ އެކައުންޓްސް، ޝަބާނާ ރަޝީދެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން، 1 ހުށަހެޅުން ހުށަހެޅިގެން ދިޔައެވެ. އެއީ، ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހުށަހަޅުއްވައި ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ތާއީދުކުރެއްވި ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ގެ ނަންފުޅެވެ. ހުށަހެޅިފައިވާ ހުށަހެޅުމާއި އެއްގޮތަށް ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒްގެ ނަންފުޅަށް ވޯޓަށް އައްސަވައި، ކޮމިޓީއަށް ޙާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަޤްލަބިއްޔަތުން (18 ވޯޓުން) ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހޮވިވަޑައިގަތެވެ. އަދި ނައިބު މުޤައްރިރަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން، 2 ހުށަހެޅުމެއް ހުށަހެޅިގެން ދިޔައެވެ. 1. ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ހުށަހަޅުއްވައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ތާއީދުކުރެއްވި އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިންގެ ނަންފުޅު؛ 2. ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފު ހުށަހަޅުއްވައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ތާއީދުކުރެއްވި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރުގެ ނަންފުޅު. ހުށަހެޅުން ހުށަހެޅިގެން ގޮސްފައިވާ ތަރުތީބުން ފުރަތަމަ ހުށަހެޅި ތާއީދު ލިބިފައިވާ ނަންފުޅަށް ވޯޓަށް އައްސަވައި، ކޮމިޓީގެ އަޤްލަބިއްޔަތުން (17 ވޯޓުން) އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ކޮމިޓީގެ މުޤައްރިރުގެ ނައިބު ގޮތުގައި ހޮވިވަޑައިގަތެވެ. އެއަށްފަހު، ކޮމިޓީގެ ހިންގާ ގަވާއިދު ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން، 2023 ވަނަ އަހަރުގެ ބަޖެޓް ދިރާސާކުރައްވާ ކޮމިޓީއިން ފާސްކޮށްފައިވާ ކޮމިޓީގެ ހިންގާ ގަވާއިދުގައިވާ ކޮމިޓީގެ ޤާނޫނީ އަދަދަށް ގެނެވިފައިވާ އިޞްލާހާއެކީ ފާސްކުރުމަށް ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހުށަހަޅުއްވާ ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ތާޢީދުކުރެއްވި ހުށަހެޅުން ވަނީ ކޮމިޓީގެ އިއްތިފާޤުން (15 ވޯޓުން) ފާސްވެފައެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 212 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަޖެޓު ދިރާސާކުރުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރާއި އޮޑިޓަރ ޖެނެރަލްގެ ލަފާ ހޯއްދެވުމަށް ސިޓީ ފޮނުއްވުމަށާއި، މިނިވަން މުއައްސަސާތަކަށް 2024 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓާއި ގުޅޭގޮތުން އެ މުއައްސަސާތަކުގެ ޚިޔާލު ހޯއްދެވުމަށް ކޮމިޓީން ނިންމެވިއެވެ. އަދި މިނިސްޓަރ އޮފް ފިނޭންސް އާ ބައްދަލުކުރެއްވުމަށްވެސް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA