ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

4 ޑިސެމްބަރު 2023 11:30

ނަންބަރު

29

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2023 ވަނަ އަހަރުގެ 29 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ރަހާ ރިސޯޓަށް އަންނަ ފަތުރުވެރިނަށް އެތެރޭގެ އުދުހުންތައް ފޯރުކޮށްދިނުމަށް، އެ ރިސޯޓާއިއެކު އެއްބަސްވުން ހެދުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ދެކޮޅު ހަދައި، ކުއްލިގޮތަކަށް އިތުރު ނޯޓިސްއެއް ދިނުމެއްނެތި ކުރިން އެ ރިސޯޓާއިއެކު ހަދާފައިވާ އެއްބަސްވުން އާނުކުރުމަށް ނިންމަވާފައިވާތީ، މި މައްސަލަ ބައްލަވައިދެއްވުމަށް އެދި ރަހާ ރިސޯޓުން ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. އެގޮތުން އެ މައްސަލައިގެ މަޢުލޫމާތު ސާފުކުރެއްވުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ ބޭފުޅުން ހާޒިރުކުރުމަށް ވިލުފުށި ދާއިރާގެ މެންބަރު ޙަސަން އަފީފް ހުށަހަޅުއްވައި، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ތާއިދުކުރެއްވިއެވެ. އަދި އެ މައްސަލައިގައި އެ ކުންފުނި ހާޒިރުކުރުމުގެ ބަދަލުގައި އެ މައްސަލައިގެ މަޢުލޫމާތު ލިޔުމުން ހޯދުމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ހުށަހަޅުއްވައި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ތާއިދުކުރެއްވިއެވެ. ފުރަތަމަ ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ދެކޮޅަށްވެސް އެއްވަރަކަށް ވޯޓު ލިބިފައިވާތީ، ކޮމިޓީގެ މުޤައްރިރުގެ ވޯޓާއެކު އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ ބޭފުޅުން ހާޒިރުކުރުމަށް ނިންމެވިއެވެ. (4 ވޯޓު) އެއަށްފަހު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ މެންބަރުންނަށް މަޖިލީހުން ރުހުން ނުދެނީސް، އެ މެންބަރުންނަށް ބޯޑުގެ މަސައްކަތް ކުރެވޭނެތޯއާއި ބޯޑުގެ ބައްދަލުވުންތަކުގައި ބައިވެރިވެ ވޯޓުދެވޭނެތޯ ސާފުކުރެއްވުމަށް ކައުންސެލް ޖެނެރަލްގެ ލަފައެއް ހޯއްދެވުމަށް ނިންމެވިއެވެ. މީގެ އިތުރުން އާސަންދަ ކުންފުނީގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާތީއާއި، އެ ކުންފުނިން ކުރައްވަމުންގެންދަވާ މަސައްކަތްތައް ހަރުދަނާކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަތުމަށް އެ ކުންފުންޏާ ބައްދަލުކުރުމާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. އަދި ކޮމިޓީގެ ވޯޓިންގ ކޯރަމް ނެތުމުން ދެން އޮންނަ ބައްދަލުވުމަކަށް އެ މައްސަލަ އެޖެންޑާކުރެއްވުމަށް ނިންމަވާ، ކޮމިޓީ ނިންމަވާލެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA