ކޮމިޓީގެ ނަން

ބަޖެޓް ދިރާސާކުރާ ކޮމިޓީ

ތާރީޚް

7 ޑިސެމްބަރު 2023 20:10

ނަންބަރު

7

ބަޖެޓް2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ 07 ވަނަ ބައްދަލުުވުން

ޚުލާސާ

މިބައްދަލުވުމުގައި 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމުގެ ގޮތުން؛ 1. ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ)އަށް ގެނެވުނު ބަދަލުތަކާއެކު، 248,846,563 (ދުއިސައްތަ ސާޅީސްއަށް މިލިއަން އަށްސަތޭކަ ސާޅީސް ހަހާސް ފަސްސަތޭކަ ފަސްދޮޅަސް ތިނެއް) ރުފިޔާ އިތުރުކުރުމަށް ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހުށަހަޅުއްވައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ތާއީދުކޮށް ހުށަހަޅުއްވާފައިވާ ހުށަހެޅުން، އެ ގޮތަށް އެ ވަގުތު ހާޒިރުވެ ވަޑައިގެން ތިބި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރިއެވެ. 2. އޮފީސްތަކުގެ ޑޮމެސްޓިކް ބަޖެޓަށް ގެނެވުނު ބަދަލުތަކާއެކު، "އޮފީސްތަކުގެ ޑޮމެސްޓިކް ބަޖެޓުގެ ރިކަރަންޓް ޚަރަދު އަދި ކެޕިޓަލް ޚަރަދު" އަށް 57,262,352/- (ފަންސާސް ހަތް މިލިއަން ދުއިސައްތަ ފަސްދޮޅަސް ދެހާސް ތިންސަތޭކަ ފަންސާސް ދޭއް) ރުފިޔާ އިތުރުކުރުމަށް ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހުށަހަޅުއްވައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ތާއީދުކޮށް ހުށަހަޅުއްވާފައިވާ ހުށަހެޅުން، އެ ގޮތަށް އެ ވަގުތު ހާޒިރުވެ ވަޑައިގެން ތިބި މެންބަރުންގެ އިއްތިފާޤުން ފާސްކުރިއެވެ. 3. 2024 ވަނަ އަހަރުގެ ޚާއްޞަ ބެޖުޓުގައި ސަރުކާރުގެ އައު ސިޔާސަތުތައް ތަންފީޒުކުރުމުގެ ގޮތުން ޕޭ ހާރމަނައިޒްކުރުމަށް ކަނޑައަޅާފައިވާ ސްކޯޕްގެ ތެރެއަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި ޢިނާޔާތްތައް މުރާޖަޢާކުރުން ހިމެނޭގޮތަށް ބަދަލުކުރުމަށް ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހުށަހަޅުއްވައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ތާއީދުކޮށް ހުށަހަޅުއްވާފައިވާ ހުށަހެޅުން، އެ ގޮތަށް އެ ވަގުތު ހާޒިރުވެ ވަޑައިގެން ތިބި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރިއެވެ. 4. 2024 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނޭ ވަކިވަކި އޮފީސްތަކުގެ ބަޖެޓަށް އައިސްފައިވާ ބަދަލުތަކާއި، އަދި ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް ގެނެސްފައިވާ ބަދަލުތަކާއެކު، 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި "އޮފީސްތަކުގެ ޑޮމެސްޓިކް ބަޖެޓުގެ ރިކަރަންޓް ޚަރަދު އަދި ކެޕިޓަލް ޚަރަދު" ރިޕޯޓާއި އަދި "މަސްއޫލުވެ ޒިންމާވާ އޮފީސްތަކުގެ ޕްރޮގްރާމް ބަޖެޓު" ފާސްކުރެއްވުމަށް ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހުށަހަޅުއްވައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ތާއީދުކޮށް ހުށަހަޅުއްވާފައިވާ ހުށަހެޅުން، އެ ގޮތަށް އެ ވަގުތު ހާޒިރުވެ ވަޑައިގެން ތިބި މެންބަރުންގެ އިއްތިފާޤުން ފާސްކުރިއެވެ. 5. 2024 ވަނަ އަހަރަށް، ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ލަފާކޮށްފައިވާ 33,547,021,929/- (ތިރީސްތިން ބިލިއަން ފަސްސަތޭކަ ސާޅީސް ހަތް މިލިއަން އެކާވީސްހާސް ނުވަސަތޭކަ ނަވާވީސް) ރުފިޔާ، އެ މިނިސްޓްރީއިން ހުށަހަޅުއްވާފައިވާގޮތަށް ފާސްކުރެއްވުމަށް ރިޔާސަތުން އެއްސެވުމުން، އެ ގޮތަށް އެ ވަގުތު ހާޒިރުވެ ވަޑައިގެން ތިބި މެންބަރުންގެ އިއްތިފާޤުން ފާސްކުރިއެވެ. 6. އޮފީސްތަކުގެ ޑޮމެސްޓިކް ބަޖެޓަށް ގެނެވުނު ބަދަލުތަކާއެކު، "އޮފީސްތަކުގެ ޑޮމެސްޓިކް ބަޖެޓުގެ ރިކަރަންޓް ޚަރަދު އަދި ކެޕިޓަލް ޚަރަދު" އަށް 57,262,352/- (ފަންސާސް ހަތް މިލިއަން ދުއިސައްތަ ފަސްދޮޅަސް ދެހާސް ތިންސަތޭކަ ފަންސާސް ދޭއް) ރުފިޔާ އިތުރުކުރުމަށް ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހުށަހަޅުއްވައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ތާއީދުކޮށް ހުށަހަޅުއްވާފައިވާ ހުށަހެޅުން، އެ ގޮތަށް އެ ވަގުތު ހާޒިރުވެ ވަޑައިގެން ތިބި މެންބަރުންގެ އިއްތިފާޤުން ފާސްކުރިއެވެ. 7. ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ)އަށް ގެނެވުނު އިޞްލާޙާއެކު (އިތުރުވި 8,846,563 (ދުއިސައްތަ ސާޅީސްއަށް މިލިއަން އަށްސަތޭކަ ސާޅީސް ހަހާސް ފަސްސަތޭކަ ފަސްދޮޅަސް ތިނެއް) ރުފިޔާ) ޕީ.އެސް.އައި.ޕީގެ ޖުމުލަ ޢަދަދު 8,914.1(އަށްހާސް ނުވަސަތޭކަ ސާދަ ޕޮއިންޓް އެކެއް) މިލިއަން ރުފިޔާކަމަށް ފާސްކުރެއްވުމަށް ރިޔާސަތުން އެއްސެވުމުން، އެ ގޮތަށް އެ ވަގުތު ހާޒިރުވެ ވަޑައިގެން ތިބި މެންބަރުންގެ އިއްތިފާޤުން ފާސްކުރިއެވެ 8. 2024 ވަނަ އަހަރަށް ލަފާކޮށް މިނިސްޓަރ އޮފް ފިނޭންސްއިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ -/49,549,713,738 (ސާޅީސް ނުވަ ބިލިއަން ފަސްސަތޭކަ ސާޅީސް ނުވަ މިލިއަން ހަތްލައްކަ ތޭރަހާސް ހަތްސަތޭކަ ތިރީސް އަށެއް) ރުފިޔާގެ ބަޖެޓަށް ގެނެވުނު އިޞްލާޙުތަކާ ގުޅިގެން، ގެ ދައުލަތުގެ ބަޖެޓަށް އިތުރުވި /306,109,915) ތިންސަތޭކަ ހަމިލިއަން އެއްލައްކަ ނުވަހާސް ނުވަސަތޭކަ ފަނަރަ) ރުފިޔާފާސްކުރެއްވުމަށް ރިޔާސަތުން އެއްސެވުމުން އެ ގޮތަށް އެ ވަގުތު ހާޒިރުވެ ވަޑައިގެން ތިބި މެންބަރުންގެ އިއްތިފާޤުން ފާސްކުރިއެވެ. 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް، ހުށަހަޅާ ތިރީގައިވާ ޖެނެރަލް ރިކޮމެންޑޭޝަންތައް ފާސްކުރެއްވުމަށް ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހުށަހަޅުއްވައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ތާއީދުކޮށް ހުށަހަޅުއްވާފައިވާ ހުށަހެޅުން، އެ ގޮތަށް އެ ވަގުތު ހާޒިރުވެ ވަޑައިގެން ތިބި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްވެފައިވެއެވެ. 9. ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ބަޖެޓުގައި އަންދާޒާކުރާ މިންވަރަށް، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ހިލޭ އެހީ ލިބިފައި ނުވާކަމާއި، ވޭތުވެދިޔަ 5 އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެވްރެޖްކޮށް ދައުލަތަށް ލިބިފައިވަނީ، ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށްވުރެ ބޮޑުތަނުން ދަށް ޢަދަދެއްކަމަށް އޮޑިޓަރ ޖެނަރަލްގެ އޮފީހުންނާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ފާހަގަކުރައްވާފައިވާތީ، ހިލޭ އެހީގެ ގޮތުގައި ހޯދުމަށް ކަނޑައަޅާ ޢަދަދު ދުރާލާ ކަށަވަރުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކޮށްދެއްވުމަށް ދެންނެވުމަށް. 10. ޖޫން 2023 ގެ ނިޔަލަށް، މީރާއިން ބަލައިގަންނަ ޓެކުހާއި ޓެކްސްނޫން އާމްދަނީގެ ތެރެއިން ދައުލަތަށް ލިބެންޖެހި، ނުލިބިވާ ފައިސާގެ އަދަދު 7,730.1 (ހަތްހާސް ހަތްސަތޭކަ ތިރީސް ޕޮއިންޓް އެކެއް) މިލިއަން ރުފިޔާއަށް އަރާފައިވާކަން ބަޖެޓްގައި ފާހަގަވާކަމާއި، މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ޖުމުލަ 1,732.7 (އެއްހާސް ހަތްސަތޭކަ ތިރީސްދޭއް ޕޮއިންޓް ހަތެއް) މިލިއަން ރުފިޔާގެ އިތުރުވުމެއްކަމާއި، އަދި މީގެ ބޮޑުބައެއް ހިއްސާކުރަނީ ރިސޯޓުތަކުގެ ބިމު ކުއްޔާއި ޖީ.އެސް.ޓީގެ އާމްދަނީން ނުލިބިވާ ފައިސާކަމާއި، އަދި ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހުގެ ޤާނޫނާއި ގަވާއިދުތަކަށް ތަބާވާ މިންވަރު ދަށްވަމުންދާކަން ފާހަގަކުރެވޭތީ، އަހަރުގެ ތެރޭގައި ލަފާކޮށްފައިވާ އާމްދަނީ ލިބުމުގެ ފުރުޞަތު ކުޑަވެ، ޚަރަދު ފައިނޭންސް ކުރުމަށް ބޭނުންވާ މިންވަރު އިތުރުވުން އެކަށީގެންވާތީ، ޓެކުހުގެ ޤާނޫނާއި ގަވާއިދުތަކަށް ތަބާވާ މިންވަރު އިތުރުކުރުމަށް، ޓެކުހުގެ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ ހަރުދަނާ އުސޫލުތަކެއް ވީއެންމެ އަވަސް ފުރުޞަތެއްގައި އެކުލަވާލައި، ޓެކްސް ނިޒާމް ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް ޓެކުހާ ގުޅޭ ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ވީހާވެސް އަވަހަކަށް ގެނެސް އަދި ދައުލަތަށް ލިބެންޖެހި، ނުލިބިވާ ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްފައިވާ މިންވަރު ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކޮށް، އިދާރާތައް ޖަވާބުދާރީކުރުވުމުގެ މަސައްކަތް އިތުރުކުރުމަށް ހަރުދަނާކުރުމަށް ދެންނެވުމަށް. 11. 2024 ވަނަ އަހަރު ރިކަރަންޓް ޚަރަދު ކުޑަކުރުމަށް ހުށަހަޅާފައިވާ ސިޔާސަތުތައް (ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން މިހާރު ދެމުންގެންދާ ކަރަންޓު، ފިއުލް، ކާޑު އަދި ނަރުދަމާގެ އިންޑައިރެކްޓް ސަބްސިޑީގެ ބަދަލުގައި، އާމްދަނީއާއި ދިރިއުޅުމުގެ ފެންވަރަށް ބަލައި، ޓާގެޓްކޮށްގެން ދެވޭ ޑައިރެކްޓް ސަބްސިޑީތަކަކަށް ބަދަލުކުރުން، އަދި އާސަންދައިގެ ނިޒާމުން ކުރާ ހޭދަވެސް ޓާގެޓިންގ ނިޒާމާ ގުޅުވާލައި، މެޑިކަލް ކޮންސިއުމަބަލްސް ބަލްކް ޕްރޮކިއުމަންޓްގެ ދަށުން ހޯދުން) ބަޖެޓުގައި ކަނޑައަޅާފައިވާ ޓައިމްލައިނާ އެއްގޮތަށް ތަންފީޒުކުރުމަށް ދެންނެވުމަށް. 12. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ލޯނާއި ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި ފާއިތުވި އަހަރުތަކުގައި ދައުލަތުން ބޮޑެތި ހޭދަތައް ކުރަމުން އަންނަ ކުންފުނިތަކުގެ އެފިޝަންސީ އެސެސްމަންޓްތައް ކުރިއަށްގެންގޮސް، މެދު ރާސްތާގައި ކުންފުނިތަކުގެ އެފިޝަންސީ އިތުރުކޮށް ހިންގުން ހަރުދަނާކުރެވެން ނެތްކަމުގައިވާނަމަ، ދައުލަތުގެ މާލިއްޔަތަށް އެންމެ ބުރަ ބޮޑުވާ ކުންފުނިތައް ޕްރައިވެޓައިޒްކުރުންފަދަ ފިޔަވަޅުތައް ތަންފީޒުކޮށް، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ދެންނެވުމަށް. 13. ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި، ދައުލަތުގެ ދަރަންޏާއި، ޕްރައިމަރީ ބެލެންސް އަދި އޯވަރޯލް ބެލެންސް ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް ބަޔާންކޮށްފައިވީ ނަމަވެސް މި މިންގަނޑުތަކަކީ ދިވެހިރާއްޖޭގެ އިޤްތިޞާދާ ނުބައްދަލު މިންގަނޑުތަކެއް ކަމަށް މިހާރު ބެލެވޭއިރު، ރިއަލިސްޓިކް މިންގަނޑުތަކަކަށް ބަދަލުކޮށް ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނަށް ގެނައުމަށް ހަމަޖެހިފައިވާ އިތުރު އިޞްލާޙުތައް ފާސްކޮށް، ތަންފީޒުކުރުމުގެ މަސައްކަތް އަވަސްކުރުމަށް ދެންނެވުމަށް. 14. ދައުލަތުގެ ބަޖެޓާގުޅޭ "އެޕްރޮޕްރިއޭޝަން" ޤާނޫނެއް ފާސްކުރުމުގެ މަސައްކަތަކީ މިނިސްޓްރީ އޮފް ފިނޭންސްއިން ބަޖެޓަށް ގެންނަން ބޭނުންވާ އިޞްލާޙުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް ފާހަގަކުރައްވާފައިވާތީ، އެ ޤާނޫނަކީ ދައުލަތުގެ ޚަރަދުތައް އިތުރަށް ހަރުދަނާކުރުމަށާއި ދައުލަތުގެ ޚަރަދުތައް ދެމެހެއްޓެނެވި މިންވަރަކަށް ގެނައުމަށް މުހިންމު ކަމަކަށް ފެންނާތީ، އެފަދަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް ދެންނެވުމަށް. 15. ރިޓަޔަރމަންޓާ ގުޅިގެން ދައުލަތުން ކުރަންޖެހޭ ޚަރަދު ޤާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ފާސްކުރުމުގެ މަޤުޞަދުތައް ހާސިލުވާގޮތަށް ރިޓަޔަރމަންޓް ޢިނާޔަތްތައް ހާމަނައިޒްކޮށް ދައުލަތުގެ ބަޖެޓަށް ބުރައަކަށް ނުވާނެހެން ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ ޚަރަދެއްގެ ގޮތުގައި ބައްޓަންކުރުމަށް ޤާނޫނީގޮތުން ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދެންނެވުމަށް. 16. ފަހުކަމަކަށް، ވަނަ އަހަރަށް ލަފާކޮށް މިނިސްޓަރ އޮފް ފިނޭންސްއިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ -/49,549,713,738 (ސާޅީސް ނުވަ ބިލިއަން ފަސްސަތޭކަ ސާޅީސް ނުވަ މިލިއަން ހަތްލައްކަ ތޭރަހާސް ހަތްސަތޭކަ ތިރީސް އަށެއް) ރުފިޔާގެ ބަޖެޓަށް ގެނެވުނު އިޞްލާޙުތަކާ ގުޅިގެން، ޖުމުލަ ބަޖެޓުގެ ޢަދަދު49,855,823,653/- (ސާޅީސް ނުވަ ބިލިއަން އަށްސަތޭކަ ފަންސާސް ފަސް މިލިއަން އަށްލައްކަ ތޭވީސްހާސް ހަސަތޭކަ ފަންސާސް ތިނެއް) ރުފިޔާއަށް ފާސްކުރެއްވުމަށް ރިޔާސަތުން އެއްސެވުމުން، އެ ގޮތަށް އެ ވަގުތު ހާޒިރުވެ ވަޑައިގެން ތިބި މެންބަރުންގެ އިއްތިފާޤުން ފާސްކުރިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
11 ޑިސެމްބަރު 2023 - ދައުލަތުގެ 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA