ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

19 ޑިސެމްބަރު 2023 12:30

ނަންބަރު

18

މާލިއްޔަތު ކޮމިޓީގެ 2023 ވަނަ އަހަރުގެ 18 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ޤާނޫނުއަސާސީގެ 102 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 112 ވަނަ މާއްދާގެ (މ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި ޢިނާޔަތްތައް އަލުން މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން، މި މަސައްކަތް ކުރިއަށް ގެންދަވާނެ ގޮތާއި ގުޅޭގޮތުން ދެ ހުށަހެޅުމެއް ހުށަހެޅުނެވެ. 1. ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ހުށަހަޅުއްވައި ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފު ތާޢީދުކުރެއްވި ހުށަހެޅުން "ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މަޤާމުތަކުގެ މުސާރައާއި ޢިނާޔާތްތަކުގެ އޮނިގަނޑުގައި ހިމެނޭ އެކި އެކި ގިންތިތަކަށް ވަކިވަކިން ވޯޓަށް އެހުމަށް" 2. ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ހުށަހަޅުއްވައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ތާޢީދުކުރެއްވި ހުށަހެޅުން "ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މަޤާމުތަކުގެ މުސާރައާއި ޢިނާޔާތްތަކުގެ އޮނިގަނޑުގައި ހިމެނޭ އެކި އެކި ގިންތިތަކަށް އެއްކޮށް ވޯޓަށް އެހުމަށް" ހުށަހެޅުންތައް ހުށަހެޅުނު ތަރުތީބުން ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟްގެ ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން، ފެންނަކަމަށް ވޯޓު ދެއްވީ 4 މެންބަރުންނެވެ. އެހެންކަމުން، އެ ހުށަހެޅުން ފާހެއް ނުވެއެވެ. ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދުގެ ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން، ފެންނަކަމަށް 8 މެންބަރުން ވޯޓު ދެއްވިއެވެ. އެހެންކަމުން، ކޮމިޓީގެ މަސައްކަތްތައް އެގޮތަށް ކުރިއަށް ގެންދަވަން ނިންމެވިއެވެ. ކޮމިޓީގެ މެންބަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މަޤާމުތަކުގެ މުސާރައާއި ޢިނާޔާތްތަކުގެ އޮނިގަނޑު ކޮމިޓީން ގެންނެވި ބަދަލުތަކާއެކު ފާސްކުރުމަށް ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހުށަހަޅުއްވައި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީގައި ޙާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން (9 ވޯޓު) ހުށަހެޅުން ފާސްވިއެވެ. އެއަށްފަހު، ކޮމިޓީގެ ރިޕޯޓްގައި ރިކޮމެންޑޭޝަންތަކުގެ ގޮތުގައި ހިމަނާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، އަންނަނިވި ރިކޮމެންޑޭޝަންތަކާއެކު ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ފޮނުވުމަށް ނިންމަވައި މިއަދުގެ ބައްދަލުވުން ނިންމަވާލެއްވިއެވެ. 1.1. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކޮމިޓީ އެލަވަންސްގެ ގޮތުގައި މަހަކަށް ދެމެން އަންނަ 20,000 (ވިހި ހާސް) ރުފިޔާގެ އެލެވެންސް، މިހާރުވެސް މާލިއްޔަތު ކޮމިޓީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ލިބިދިނުމަށް؛ 1.2. ރައްޔިތުންގެ މަޖިލީހުން ކާރުކޮޅުތައް ލިބިދިނުމަށް ފާސްކުރައްވާފައިވާ އެގްޒެކްޓިވް ބްރާންޗް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ޖުޑީޝިއަރީގެ ފަނޑިޔާރުން، އެހެނިހެން މިނިވަން މުއައްސަސާތަކާއި މުސްތަޤިއްލު މަޤާމުތަކުގެ މެންބެރުންނަށް ކުރިން ފާސްކޮށްފައިވާ ގޮތަށް އެ ޢިނާޔަތް ލިބިދިނުމަށް؛ 1.3. ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް މާލިއްޔަތު ކޮމިޓީން ހުށަހަޅުއްވާފައިވާ މުސާރައާއި ޢިނާޔަތްތައް ތަންފީޒުކުރުމަށްޓަކައި، ޤާނޫނު ނަންބަރު 2009/11 (ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ޤާނޫނު) އަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ދެންނެވުމަށް؛ 1.4. ޤާނޫނު ނަންބަރު 2016/11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ޕޭ ފްރޭމްވަރކްގައި ހިމެނޭ ފަންނުތަކުގެ ޖޮބް މެޓްރިކްސްތައް ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާފައިވާކަމާއި، އަދި އެ ކޮމިޝަނުން މުސާރައާއި ޢިނާޔަތްތައް ކަނޑައަޅުއްވަންޖެހޭ އިދާރާތަކުގެ މުވައްޒަފުން ދައުލަތުގެ ޕޭ ފްރޭމްވަރކްއަށް ހިޖުރަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެ ކޮމިޝަނުން ކުރިއަށްގެންދަވާކަމަށް އެ ކޮމިޝަނުން މަޢުލޫމާތުދެއްވާފައިވާތީ، ސިވިލް ސަރވިސްގެ މުވައްޒަފުންނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މުވައްޒަފުންނާއި، މޯލްޑިވްސް ކަސްޓަމް ސަރވިސަސްގެ މުވައްޒަފުންނާއި، ޖުޑީޝިއަރީގެ މުވައްޒަފުންނާއި، މިނިވަން މުވައްސަސާތަކުގެ މުވައްޒަފުންނާއި، މުދިމުންގެ މުސާރަތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އަވަސްކޮށް، މުސާރައާއި ޢިނާޔަތްތަކަށް އިތުރަށް ހިނގާނެ ޚަރަދު ހަމަޖައްސަވައި ދެއްވުމަށް މިނިސްޓްރީ އޮފް ފިނޭންސަށް ދެންނެވުމަށް؛ އަދި 1.5. ރައްޔިތުންގެ މަޖިލީހުން މުސާރައިގެ އޮނިގަނޑަށް ހުށަހަޅާފައިވާ ބަދަލުތަކާއެކު މުސާރައާއި ޢިނާޔަތްތައް ލިބިދިނުމަށް ހުށަހަޅާ ތާރީޚަކީ މި ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސްކުރާ ދުވަހުން ފެށިގެންނެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
13 ޑިސެމްބަރު 2023 - މުސާރައިގެ އޮނިގަނޑު މުރާޖަޢާކުރުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA