ކޮމިޓީގެ ނަން

އިންފޮމޭޝަން އެެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީ

ތާރީޚް

12 ފެބްރުއަރީ 2024 10:05

ނަންބަރު

1

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީގެ 2024 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮމިޓީގެ މުޤައްރިރަކާއި ނައިބު މުޤައްރިރަކު އިންތިޚާބު ކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ކުރިއަށް ގެންގޮސް ދެއްވީ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް، ލީގަލް އެފެއާޒް އަލްއުސްތާޛާ އާމިނަތު އަސްމާއެވެ. އެގޮތުން ކޮމިޓީގެ މުޤައްރިރަކަށް ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަން ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމް ހުށަހަޅުއްވައި، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ތާއީދުކުރެއްވީ، ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަންގެ ނަންފުޅަށެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންތިއްބެވި މެންބަރުންގެ އިއްތިފާޤުން ވަނީ އެ ހުށަހެޅުން ފާސްވެފައެވެ. (ވޯޓު ދެއްވި މެންބަރުން: ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމް، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިޢްޒު އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް) އެއަށްފަހު ކުރިއަށް ގެންދެވީ ކޮމިޓީގެ ނައިބު މުޤައްރިރު އިންތިޚާބު ކުރުމުގެ މަސައްކަތެވެ. އެގޮތުން ކޮމިޓީގެ ނައިބު މުޤައްރިރަކަށް ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅުންގެ ނަންފުޅު ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމުން ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ހުށަހަޅުއްވައި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ތާއީދު ކުރެއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިޢްޒުގެ ނަންފުޅެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންތިއްބެވި މެންބަރުންގެ އިއްތިފާޤުން ވަނީ އެ ހުށަހެޅުން ފާސްވެފައެވެ. (ވޯޓު ދެއްވި މެންބަރުން: ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމް، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިޢްޒު އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް) އެއަށްފަހު، ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އެގޮތުން، މި ކޮމިޓީއަކީ ރައްޔިތުންގެ މަޖިލީހުގައި ފުރަތަމަ ފަހަރަށް އެކުލަވާލެވުނު އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީ ކަމުން، އެހެން ޤައުމުތަކުގެ މަޖިލިސްތަކުގައި މިފަދަ ކޮމިޓީތަކުގެ ކަންކަން ހިނގާ ނުހިނގާ ގޮތް ދެނެގަތުމަށާއި ތަޖުރިބާ ހޯދުމުގެ ދަތުރުކުރުތަކެއް ކުރުމަށް ބޭނުންވާކަން ބަޔާންކޮށް ދިވެހިރާއްޖޭގައި ހުރި ބޭރުގެ އެމްބަސީތަކަށް ސިޓީ ފޮނުވުމަށް ނިންމެވިއެވެ. އަދި ދެން އޮންނަ ބައްދަލުވުމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އާ ބައްދަލުކުރައްވައި މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ސަރުކާރުގެ ވިސްނުމާއި އަމާޒު ހުރިގޮތާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށާއި މި ކޮމިޓީ އިން އެހެން ޤައުމުތަކުގެ މަޖިލިސްތަކުގައި އައި.ސީ.ޓީ ކޮމިޓީ ކުރިއަށް ދާގޮތް ތަޖުރިބާ ކުރުމަށް އެހެން ޤައުމުތަކަށް ދިއުމަށް ހަމަޖެއްސުމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމް ހުށަހަޅުއްވާ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިޢްޒު ތާޢީދުކުރެވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންތިއްބެވި މެންބަރުންގެ އަޣްލަބިއްޔަތުން ވަނީ އެ ހުށަހެޅުން ފާސްވެފައެވެ. (ވޯޓު ދެއްވި މެންބަރުން: ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމް، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިޢްޒު އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް)

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA