ކޮމިޓީގެ ނަން

އިމްތިޔާޒާއި ސުލޫކް ކޮމިޓީ

ތާރީޚް

13 ފެބްރުއަރީ 2024 11:40

ނަންބަރު

1

އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ 2024 ވަނަ އަހަރުގެ 01 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދު ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އަށް ސޯޝަލް މީޑިއާގައި އިންޒާރު ދީފައިވާ މައްސަލަ ދިރާސާކުރައްވަން ހޮއްވެވި ސަބް-ކޮމިޓީން ކުރައްވާފައިވާ މަސައްކަތާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، މި މައްސަލައަކީ ދިވެހި ފުލުޚުންގެ ޙިދުމަތުން ތަޙްޤީޤުކުރައްވަމުން ގެންދަވާ މައްސަލައެއް ކަމަށްވާތީ، އެ ޚިދުމަތުން މައްސަލަ ނިންމެމުމަށްފަހު އިތުރަށް ކޮމިޓީގައި މަޝްވަރާކުރެއްވުމަށް ފެންނަ ކަމުގައިވާނަމަ، އެ މަޝްވަރާތައް ފަހުން ކުރިއަށް ގެންދިއުމަށް ނިންމައި، މިވަގުތަށް މައްސަލަ ފައިލްކުރުމަށް މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ހުށަހަޅުއްވައި، ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ތާޢިދުކުރައްވައި، ކޮމިޓީގެ އިއްތިފާޤުން ފާސްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ގެ އިތުބާރު ނެތްކަމުގެ ގްރާރު އެޖެންޑާ ކުރެވިފައިވާ ޖަލްސާގެ ރަޔާސަތަށް އެރުމަށް، މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ދެކޮޅު ހައްދަވައި، މަޖިލީހުގެ ކުޑަ ދަށުގައ އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވެ ވަޑައިގެންފާތީ އެ ދުވަހުގެ އެ ޖަލްސާ ކުރިއަށް ގެންދެވޭގޮތް ނުވިކަމަށާއި، ރައީސްގެ މި ޢަމަލަކީ ރައްޔިތުންގެ މަޖިލީހުގެ 182 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން މުޅި މަޖިލީހުގެ ހައްގަށް އަދި އިމްތިޔާޒަށް ޖުމްލަގޮތެއްގައި އުނިކަން އަންނަ އަމަލެއް ކަމަށް ބަޔާންކުރައްވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާފައިވާ މައްސަލައަކީ މުޢާމަލާތް ކެނޑިފައިވާ މައްސަލައެއްކަމަށް ނިންމަވައި، މި މައްސަލަ ފައިލްކުރުމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ހުށަހަޅުއްވައި، މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ތާޢިދުކުރައްވައި، ކޮމިޓީގެ އިއްތިފާޤުން ފާސްވިއެވެ. އެއަށްފަހު، 2 ޖޫން 2020 ވަނަ ދުވަހުގެރޭ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ މެދުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމަށް އަނިޔާވެފައިވާކަމަށް ވިދާޅުވެ، އެ މައްސަލަ ބައްލަވައި ދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަޙްމަދު ސަލީމް ފޮނުއްވާފައިވާ މައްސަލައަކީ މުޢާމަލާތް ކެނޑިފައިވާ މައްސަލައެއްކަމަށް ނިންމަވައި، މި މައްސަލަ ފައިލްކުރުމަށް މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ހުށަހަޅުއްވައި، ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ތާޢިދުކުރައްވައި، ކޮމިޓީގެ އިއްތިފާޤުން ފާސްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA