ކޮމިޓީގެ ނަން

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ

ތާރީޚް

13 ފެބްރުއަރީ 2024 11:00

ނަންބަރު

1

2024 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީން އެންމެ ފުރަތަމަ މަޝްވަރާކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ގެ ކައިރީގައި މުޒާހަރާކުރަމުންދިޔަ މުޒާހަރާގެ ބައިވެރިން މަޖިލީޙުގެ ގޭގެ ވަށާފާރުމައްޗައް އަރައި، ގޯތިތެރެއަށް އެކި އެއްޗެހި އުކާފައިވާއިރު، އެމް.އެން.ޑީ.އެފް އަދި ދިވެހި ފުލުހުންގެ ޚިދުމަތުން އަދާކުރަންޖެހޭ މަސްޢޫލިއްޔަތު އަދާކޮށްފައިވޭތޯ ބެލުމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުންނެވެ. އެ ގޮތުން ކޮމިޓީން މި މައްސަލަ ބަލައިގަތުމަށް އެވަގުތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކުރައްވާފައެވެ. އެއަށްފަހު މި މައްސަލައާގުޅޭ ގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އަދި އެމް.އެން.ޑީ.އެފް ގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށާއި، މި މައްސަލައާގުޅޭ މަޢުލޫމާތު ލިޔުމުން ހޯދުމަށް ފެނިވަޑައިގަންނަވާކަމަށް ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު ހުށަހަޅުއްވާ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް އެއްވެސް މެންބަރަކު އިއުތިރާޒް ނުކުރާތީ، ހުށަހެޅުންވަނީ ފާސްވެފައެވެ. ދެން ކޮމިޓީގައި މަޝްވަރާކުރެއްވީ، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމަށް މާލޭގެ މަގުމަތިން ނުރައްކާތެރި ހަމަލާއެއް ދީފައިވާ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުރިހަމައަށް ތަޙްޤީޤްކޮށް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ތަޙްޤީޤް ނިންމާކަން ކަށަވަރުކުރުމަށްޓަކައި ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުންނެވެ. އެ ގޮތުން އެ މައްސަލަ ކޮމިޓީއަށް ބަލައިގަނެ އަދި އެ މައްސަލައިގެ ތަޙްޤީޤް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބު ބެއްލެވުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ލިއުމަށް ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ތާޢިދުކުރެއްވި ހުށަހެޅުން ކޮމިޓީގައި ހާޟިރުވެތިބި މެންބަރުންގެ އިއްތިފާޤުން ފާސްކުރެވުނެވެ. އެންމެ ފަހު ކަމެއްގެ ގޮތުގައި ކޮމިޓީގައި މަޝްވަރާކުރެވުނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބޭރުގެ ސިފައިން ހަތިޔާރާއެކު ވަދެ، ރާއްޖޭގެ މަސްއޮޑިތަކަށް އަރާފައިވާކަމަށް މީޑިއާތަކުން ހިއްސާކުރަމުންދާކަމަށް އަދި ޖާސޫސީ މަޢުލޫމާތު އެއްކުރާ އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދީ އިމުގެ ކައިރީގައި ސުވާލުއުފެދޭ ގޮތްގޮތަށް އުޅެމުންދާކަމަށް މީޑިއާގައި ދައުރުވަމުންދާތީ، މި މައްސަލާގައި ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތަކުން އަމަލުކުރަމުންދާގޮތް ބެލުމަށާއި، ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ކުރިއަށް ގެންދިއުމަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭ ގޮތުންނެވެ. އެގޮތުން މި މައްސަލަ ކޮމިޓީއަށް ބަލައިގަތުމަށް ފެނިވަޑައިގަންނަވާކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހަޅުއްވާ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ތާއީދު ކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓައް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ. މި މައްސަލައާގުޅޭ ގޮތުން ޑިފެންސް މިނިސްޓަރ ކޮމިޓީއަށް ހާޒިރުކުރުމަށް ފެންނަކަމަށް، ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވައި، ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން ތާއީދުކުރެއްވިއެވެ. އަދި އެވަގުތު ކޮމޓީއަށް ހާޒިރުވެ ވަޑައިގެންތިއްބެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA