ކޮމިޓީގެ ނަން

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ

ތާރީޚް

26 މާރިޗު 2024 12:00

ނަންބަރު

5

2024 ވަނަ އަހަރުގެ 5 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ނިރުބަވެރިވުމުގެ ނުރައްކާ ކުޑަކުރުމަށް ދިވެހި ދައުލަތުން އަޅުއްވާފައިވާ ފިޔަވަޅުތަކާއި، ބައިނަލްއަޤްވާމީ ޓެރަރިޒަމްގައި ޢަމަލީގޮތުން 20 ދިވެއްސަކު ބައިވެރިވާކަމަށް އެމެރިކާ ސަރުކާރުން ނެރުނު އިޢުލާނާ ގުޅިގެން ރާއްޖެއަށާއި ދިވެހިންނަށް ކުރާނެ ނޭދެވޭ އަސަރު ދެނެގަތުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދިއުމަށް ގޮވާލާ ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ހުށަހަޅުއްވާފައިވާ ޤަރާރުގެ ސުންގަޑި ކަނޑައެޅުމުގެ މަސައްކަތެވެ. އެ ގޮތުން ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ހުށަހަޅުއްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ތާއީދުކޮށް ބައްދަލުވުމަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާޤުން މި ޤަރާރުގެ ސުންގަޑިއެއްގެ ގޮތުގައި 30 އެޕްރީލް 2024 ކަނޑައެޅުނެވެ. ދެން އެއަށްފަހު ކުރިއަށް ގެންދެވީ، ނިމިދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމީ ސަލާމަތަށް އަސަރުކޮށްފައިވާކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ޙަޤީޤަތް ދެނެގަނެ ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުގެ ޕަބްލިކް އިންކުއަރީއެއް ހިންގުމަށް ގޮވާލާ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވާފައިވާ ޤަރާރުގެ ސުންގަޑި ކަނޑައެޅުމުގެ މަސައްކަތެވެ. އެ ގޮތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހަޅުއްވާ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ތާއީދުކޮށް ބައްދަލުވުމަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާޤުން މި ޤަރާރުގެ ސުންގަޑިއެއްގެ ގޮތުގައި 15 މޭ 2024 ކަނޑައެޅުނެވެ. އެއަށްފަހު، ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ދިނުމުގެ މަސައްކަތް އެ ޚިދުމަތުން ހިންގަމުން ގެންދަނިކޮށް އެކަން ހުއްޓުވާފައިވާތީ އެކަން ހިގާފައިވާގޮތް ބައްލަވައިދެއްވުން އެދި ހުށަހަޅުއްވާފައިވާ މައްސަލައާމެދު މަޝްވަރާކުރެއްވުމަށްފަހު، އެކަމުގައި ކަން ހިންގާފައިވާގޮތް ސާފުކުރެއްވުމަށް ކަމާގުޅޭ މަޢުލޫމާތުތައް ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ސިޓީއެއް ފޮނުވުމަށް ނިންމުނެވެ. ދެން ކޮމިޓީގައި މަޝަވަރާކުރެއްވީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އިސް އޮފިސަރުންތަކެއް ރިޓަޔަރ ކުރައްވަމުން ގެންދަވާތީ، އެކަމަކީ އެބޭފުޅުންނަށް މަޖުބޫރުކޮށްގެން ކުރާކަމެއްކަމަށް ދެކެވަޑައިގެން ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ޙުސައިން ހުށަހަޅުއްވާފައިވާ މައްސަލައާމެދުއެވެ. އެ މައްސަލައާމެދު މަޝްވަރާކުރެއްވުމަށްފަހު، 17 ނޮވެންބަރު 2023 ވީ ހުކުރު ދުވަހަށްފަހު ރިޓަޔަރ ކުރައްވާފައިވާ ޖެނެރަލުންގެ ޢަދަދާއި، އެ ފަރާތްތަކަކީ ކޮބައިތޯއާއި އަދި، އެ ފަރާތްތަކުން ރިޓަޔަރކުރުމުގައި ފުރިހަމަކޮށްފައިވާ އިޖުރާއަތުތައް ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް ޑިފެންސްއަށް ސިޓީއެއް ފޮނުވުމަށާއި އަދި އެއަށްފަހު، ރިޓަޔަރ ކުރައްވާފައިވާ ބައެއް ޖެނެރަލުންގެ ފަރާތުން ކޮމިޓީއަށް ބޭނުންވާ މަޢުލޫމާތު ސާފުކުރެއްވުމަށް ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވައި ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ތާޢީދު ކުރެއްވި ހުށަހެޅުން ބައްދަލުވުމަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. އަދި، އެހެނިހެން މައްސަލަތައް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުމުން އިތުރު 3 މައްސަލައެއް ކޮމިޓީއަށް ހުށަހެޅިފައިވެއެވެ. އެ މައްސަލަތަކަކީ؛ 1. ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ތާއީދުކުރެއްވީ، 6 މޭ 2021 ގެ ރޭގަނޑުގެ ވަގުތެއްގައި ދީފައިވާ ޓެރަރިސްޓް ހަމަލާއާގުޅޭ އިތުރު މަޢުލޫމާތު ޑިފެންސް މިނިސްޓްރީއަށް ލިބިފައިވާކަމަށް މިނިސްޓަރ އޮފް ޑިފެންސް 25 މާރިޗު 2024 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާގައި ވިދާޅުވެފައިވާތީ، އެ މަޢުލޫމާތު ހޯދައި ދިރާސާކުރުމަށް ހުށަހަޅާ މައްސަލަ. އެ މައްސަލައާމެދު އިތުރަށް މަޝްވަރާކުރެއްވުމަށްފަހު، އެ މައްސަލައާ ގުޅޭގޮތުން ހޯދިފައިވާ އެންމެހައި މަޢުލޫމާތު ހޯއްދެވުމަށް މިނިސްޓްރީ އޮފް ޑިފެންސްއަށް ސިޓީއެއް ލިއުމަށް ނިންމުނެވެ. 2. ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ތާއީދުކުރެއްވީ، ދިވެހިރާއްޖޭގެ ސަރަޙައްދު ބެލެހެއްޓެވުމަށްޓަކައި ދިވެހިރާއްޖޭގެ އަސްކަރިއްޔާއަށް އެންމެފަހުން ހޯއްދަވާފައިވާ ޔޫ.އޭ.ވީތައް ހޯއްދަވާފައިވަނީ ކޮން އުސޫލެއްގެ ދަށުންތޯއާއި، އަދި އެކަމަށް ދައުލަތުން ކޮށްފައިވާ ޚަރަދުގެ ތަފްޞީލީ މަޢުލޫމާތާއި ބޭރުގެ އެހީގެ ގޮތުގައި ލިބިފައިވާ ޚަރަދުގެ ތަފްޞީލީ މަޢުލޫމާތު ހޯދައި ދިރާސާކުރުމަށް ހުށަހަޅާ މައްސަލަ. އެ މައްސަލައާމެދު އިތުރަށް މަޝްވަރާކުރެއްވުމަށްފަހު، ޔޫ.އޭ.ވީތައް ހޯއްދަވާފައިވާ ގޮތުގެ ތަފްޞީލާއި އަދި އެކަމަށް ދައުލަތުން ކޮށްފައިވާ ޚަރަދުގެ ތަފްޞީލީ މަޢުލޫމާތާއި ބޭރުގެ އެހީގެ ގޮތުގައި ލިބިފައިވާ ޚަރަދުގެ ތަފްޞީލީ މަޢުލޫމާތު ހޯއްދެވުމަށް މިނިސްޓްރީ އޮފް ޑިފެންސްއަށް ސިޓީއެއް ލިއުމަށް ނިންމުނެވެ. 3. މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ހުށަހަޅުއްވާ ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ތާއީދުކުރެއްވީ، މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށާއި، އަދި އެ ތަކެތި އެތެރެވުމުން ކަމާ ގުޅޭ އެކިއެކި އިދާރާތަކުން ޢަމަލުކުރަމުންދާ ޕްރޮސިޖަރތައް ބަލައި ދިރާސާކުރުމަށް ހުށަހަޅާ މައްސަލަ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
26 މާރިޗު 2024 - 6 މޭ 2021 ގެ ހަމަލާއާގުޅޭ އިތުރު މަޢުލޫމާތު ޑިފެންސް މިނިސްޓްރީއަށް ލިބިފައިވާކަމަށް މިނިސްޓަރ އޮފް ޑިފެންސް ވިދާޅުވެފައިވާތީ، އެ މަޢުލޫމާތު ހޯދައި ދިރާސާކުރުމަށް ހުށަހަޅާ މައްސަލަ
26 މާރިޗު 2024 - ދިވެހިރާއްޖޭގެ އަސްކަރިއްޔާއަށް ހޯއްދަވާފައިވާ ޔޫ.އޭ.ވީތައް ހޯއްދަވާފައިވާ އުޞޫލާއި އަދި އެކަމަށް ދައުލަތުން ކޮށްފައިވާ ޚަރަދުގެ ތަފްޞީލީ މަޢުލޫމާތު ހޯދައި ދިރާސާކުރުމަށް ހުށަހަޅާ މައްސަލަ
26 މާރިޗު 2024 - މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ހުށަހަޅާ މައްސަލަ
13 ޑިސެމްބަރު 2023 - ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ދިނުމުގެ މަސައްކަތް ހުއްޓުވާފައިވާ މައްސަލަ
13 ޑިސެމްބަރު 2023 - މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އިސް އޮފިސަރުންތަކެއް ރިޓަޔަރ ކުރައްވަމުން ގެންދަވާ މައްސަލަ
11 ޑިސެމްބަރު 2023 - އެމް.ޑީ.ޕީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމީ ސަލާމަތަށް އަސަރުކޮށްފައިވާކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ޙަޤީޤަތް ދެނެގަތުމަށް ގޮވާލައި ހުށަހަޅާ ޤަރާރު
4 ޑިސެމްބަރު 2023 - ނިރުބަވެރިވުމުގެ ނުރައްކާ ކުޑަކުރުމަށް ދިވެހި ދައުލަތުން އަޅުއްވާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން ހުށަހަޅާ ޤަރާރު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA