ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

30 އޭޕްރީލު 2024 10:30

ނަންބަރު

10

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ 2024 ވަނަ އަހަރުގެ 10 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ މަޝްވަރާކުރެއްވީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއް ރަހީނުކޮށްފައިވާ މައްސަލައާ ގުޅޭގޮތުންނެވެ. އެގޮތުން މި މައްސަލައާ ގުޅޭގޮތުން ސަބްސްޓެންޝަލް ޑޮކިއުމަންޓެއް ސީދާ ކޮމިޓީއަށް ހުށަހަޅާފައިނުވާތީއާއި މި މައްސަލައަކީ ރަސްމީ ލިޔެކިޔުން ނެތް ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކޮމިޓީން އިސްނަގައިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހައްލުކުރެވިދާނެ މައްސަލައަކަށްވާތީ، ބައްދަލުވުމުގައި ބައިވެރިވި އެއްވެސް މެންބަރަކު އިޢުތިރާޒުނުކުރާތީ މި މައްސަލަ ސްޓޭޓަސްއިން ނެގުމަށް ނިންމެވިއެވެ. (ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު ހުށަހަޅުއްވައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ތާއީދުކުރެއްވި) ތ. ކަނޑޫދޫގައި ގަވާއިދާ ޚިލާފަށް ވަޒަންވެރިވެ ދިރިއުޅެމުންދާ ބިދޭސީންގެ ސަބަބުން ރަށުގެ ރައްޔިތުންނަށް އުނދަގުލާއި ތުރާކުރިމަތިވަމުންދާތީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރަށުން ބާލައިގެން ގެންގޮސްދިނުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ކޮމިޓީން މަޝްވަރާކުރުމަށްފަހު ނިންމާފައިވަނީ ރަސްމީ ލިޔެކިޔުންނެތް ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ގޮތުން ކޮންމެ 3 މަހަކުން ކަމާ ގުޅޭ މުއައްސަސާތަކުން ފޮނުވަންޖެހޭ ރިޕޯޓު 06 މެއި 2024 ގެ ކުރިން ފޮނުވުމަށް އެ މުއައްސަސާތަކަށް ސިޓީ ފޮނުވުމަށެވެ. މީގެ އިތުރުން މައްސަލަ ހުށަހެޅި ފަރާތަށް ޖަވާބެއް ދިނުމާ ގުޅޭގޮތުން މުޤައްރިރާ މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ. ވިސާ ހޯދުމައް ދިމާވިދަތިތައް ބަޔާންކުރައްވައި ހާރިސާ ކިޔާ ފޮނުއްވާފައިވާ ސިޓީއާ ގުޅިގެން ކޮމިޓީން މަޝްވަރާކުރުމަށްފަހު ނިންމާފައިވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްއަށް ސިޓީ ފޮނުވައި މި މައްސަލައިގައި ކަންހިނގާދިޔަ ގޮތް ސާފުކުރުމަށެވެ. ދެން ކޮމިޓީން މަޝްވަރާކޮށްފައިވަނީ ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968 އަދި ވިއެނާ ކޮންވެންޝަން އޮން ރޯޑް ސައިންސް އެންޑް ސިގްނަލްސް 1968 އާ ގުޅޭގޮތުންނެވެ. ކޮމިޓީގެ އެއްވެސް މެންބަރެއްގެ އިޢުތިރާޒެއް ނެތުމުން މި މައްސަލައާ ގުޅޭގޮތުން ކޮމިޓީން ނިންމާފައިވަނީ، މި މުއާހަދާގައި ކުރުމަށް ކަނޑައަޅާފައިވާ ބައެއްކަންކަން ތަންފީޒުކޮށްފައިނުވާކަމަށް ކުރިން ފާހަގަކުރެވުނުނަމަވެސް މިހާރު މިނިސްޓްރީން މި މަސައްކަތް ކުރިއަށްގެންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާތީ، މި މައްސަލަ ސްޓޭޓަސްއިން ނެގުމަށެވެ. (މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވައި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ތާއީދުކުރެއްވި) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން "މިނަމަޓާ ކޮންވެންޝަން އޮން މަރކިއުރީ" އަދި "އެގްރީމަންޓް އަންޑަރ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ އޮން ދަ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބަލް ޔޫޒް އޮފް މެރިން ބައޮލޮޖިކަލް ޑައިވަރސިޓީ އޮފް އޭރިއާޒް ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން"، މި ދެ މުއާހަދާގައި ދިވެހިރާއްޖެއިން ބައިވެރިވުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަތަކާ ގުޅޭގޮތުން ކޮމިޓީން މަޝްވަރާކުރުމަށްފަހު ނިންމާފައިވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމެންޓް އެންޑް އެނަރޖީގެ ކަމާ ގުޅޭ ބޭފުޅުންނާ ބައްދަލުކުރެއްވުމަށްފަހު އެ މައްސަލަ ނިންމުމަށެވެ. ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިޔާގެ ބޮޑުވަޒީރު ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ ނަރެންދްރަ މޯދީއަށް ސޯޝަލް މީޑިއާގައި ފުރައްސާރަކޮށް ކުޑައިމީސް ކުރުމާއި ގުޅިގެން ސަރުކާރުން މިކަމާމެދު އެކަށީގެންވާ ފިޔަވަޅެއް އަޅާފައިވާކަމަށް ޤަބޫލުނުކުރެވޭތީ، ޚާރިޖީ ކޮމިޓީއަށް މިކަމުގައި ޝާމިލްވާ ޑެޕިއުޓީ މިނިސްޓަރުންނާއި ކަމާގުޅޭ އެންމެހައި ފަރާތްތައް ހާޒިރުކޮށް ސަރުކާރުން މިކަމާގުޅޭ އެންމެ އެކަށީގެންވާ ފިޔަވަޅު އަޅާނެކަން ކަށަވަރުކޮށްދެއްވުން އެދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ކޮމިޓީން މަޝްވަރާކުރުމަށްފަހު ނިންމާފައިވަނީ މުޤައްރިރުގެ މަޝްވަރާގެ މަތިން ކަމާގުޅޭ އިދާރާއަށް މި މައްސަލައާ ގުޅޭގޮތުން ފޮނުވަންޖެހޭ ސިޓީ ފޮނުވުމަށެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފަރާތުން ހުށަހަޅާފައިވާ އެ މިނިސްޓްރީގެ 2019، 2020 އަދި 2021 ވަނަ އަހަރުގެ އަހަރު ރިޕޯޓުތަކާއި ތައިލެންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަދި އިންޑިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ 2021 ވަނަ އަހަރު ރިޕޯޓު އަދި ލަންޑަން ހައިކޮމިޝަން، ދިއްލީ ހައިކޮމިޝަން އަދި ކޮންސިއުލޭޓް ޓްރިވެންޑްރަމްގެ 2022 ވަނަ އަހަރުގެ އަހަރު ރިޕޯޓާ ގުޅިން ކޮމިޓީން ނިންމާފައިވަނީ މި މައްސަލަތައް ސްޓޭޓަސްއިން އުނިކޮށް، ކޮމިޓީން ބޭނުންވެއްޖެ ހިނދެއްގައި މި ރިޕޯޓުތަކުން މައުލޫމާތު ނެގޭގޮތަށް ފައިލްކުރުމަށެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA