ކޮމިޓީގެ ނަން

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ

ތާރީޚް

29 އޭޕްރީލު 2024 11:00

ނަންބަރު

6

2024 ވަނަ އަހަރުގެ 06 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ދިވެހިރާއްޖޭގެ ސަރަޙައްދު ބެލެހެއްޓެވުމަށްޓަކައި ދިވެހިރާއްޖޭގެ އަސްކަރިއްޔާއަށް އެންމެފަހުން ހޯއްދަވާފައިވާ ޔޫ.އޭ.ވީތައް ހޯއްދަވާފައިވަނީ ކޮން އުސޫލެއްގެ ދަށުންތޯއާއި، އަދި އެކަމަށް ދައުލަތުން ކޮށްފައިވާ ޚަރަދުގެ ތަފްޞީލީ މަޢުލޫމާތާއި ބޭރުގެ އެހީގެ ގޮތުގައި ލިބިފައިވާ ޚަރަދުގެ ތަފްޞީލީ މަޢުލޫމާތު ކޮމިޓީއަށް ލިބިފައިވާތީ، އެ މަޢުލޫމާތުތަކާމެދު މަޝްވަރާކުރުމަށްފަހު، މި މައްސަލައިގައި ކޮމިޓީން އިތުރަށް ސާފުކުރައްވަން ބޭނުންވާ މަޢުލޫމާތުތައް ހޯއްދެއްވުމަށް، މިނިސްޓަރ އޮފް ޑިފެންސް ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުކުރުމަށް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހަޅުއްވާ ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ތާއީދުކޮށް ބައްދަލުވުމަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ އަޣްލަބިއްޔަތުން ކޮމިޓީގެ ބައްދަލުވުމަށް މިނިސްޓަރ އޮފް ޑިފެންސް އަށް ދެންނެވުމަށް ފާސްކުރެއްވިއެވެ. އެއަށްފަހު، މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށާއި، އަދި އެ ތަކެތި އެތެރެވުމުން ކަމާ ގުޅޭ އެކިއެކި އިދާރާތަކުން ޢަމަލުކުރަމުންދާ ޕްރޮސިޖަރތައް ބަލައި ދިރާސާކުރުމަށް ހުށަހަޅުއްވާފައިވާ މައްސަލައާމެދު މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ. އަދި މައްސަލައާ ގުޅުންހުރި މަޢުލޫމާތު ހޯއްދެއްވުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ސިޓީ ފޮނުވުމަށް ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ތާއީދުކޮށް ބައްދަލުވުމަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ. އެއަށްފަހު، މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ކޮމިޓީން ބައްލަވަމުންދާ މައްސަލަތަކާ ގުޅިގެން، ކޮމިޓީން ވަކި ގޮތެއް ނިންމުމުގެ ކުރިން ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވުމަށްފަހު، މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށާއި، އަދި އެ ތަކެތި އެތެރެވުމުން ކަމާ ގުޅޭ އެކިއެކި އިދާރާތަކުން ޢަމަލުކުރަމުންދާ ޕްރޮސިޖަރތައް ބަލައި ދިރާސާކުރުމަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅުންހުރި ސިޓީއަކަށްވުމާއެކު، އެ މައްސަލައާ ގުޅިގެން ކޮމިޓީން ހޯދުމަށް ނިންމާފައިވާ ލިޔެކިއުންތައް ލިބުމުން މި ސިޓީއާމެދު މަޝްވަރާކުރުމަށް ނިންމެވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA