ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

8 މޭ 2024 10:23

ނަންބަރު

3

މާލިއްޔަތު ކޮމިޓީގެ 2024 ވަނަ އަހަރުގެ 03 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ބޭންކް އޮފް މޯލްޑިވްސްއާ ގުޅޭގޮތުން ޢާންމު ފަރާތްތަކުން ހުށަހަޅުއްވާފައިވާ އަންނަނިވި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވަނީ، އެ މައްސަލަތަކާ ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކޮމިޓީއާ ޙިއްޞާކުރައްވާފައިވާ މަޢުލޫމާތު އެފަރާތްތަކަށް އެރުވުމަށެވެ. މީގެ އިތުރުން، ބޭންކެއްގެ އެންމެ ބޮޑު ޒިންމާއަކީ ކަސްޓަމަރުންގެ ފައިސާ ހިމާޔަތްކޮށް ރައްކާތެރިކަމާއެކީ ބެލެހެއްޓުން ކަމުގައިވީހިނދު، އެކަން ކަށަވަރުކޮށްދިނުމުގެ ގޮތުން، ސީދާ ބޭންކެއްގެ އިހުމާލުން ކަސްޓަމަރަކަށް ލިބޭ މާލީ ގެއްލުމުގެ ބަދަލު އެ ބޭންކަކުން އެފަރާތަކަށް ދޭންޖެހޭނެކަމަށް އެ ކޮމިޓީއަށް ފެންނަކަމަށާއި، އަދި ބޭންކުތަކުގެ އިހުމާލުގެ ސަބަބުން ކަސްޓަމަރުންނަށް މާލީ ގެއްލުން ލިބޭ މައްސަލަތައް ތަކުރާރުނުވާނެފަދަ ގޮތަކަށް ކަންކަން ހަމަޖެއްސުމުގެ ގޮތުންނާއި އެފަދަ ޙާލަތްތަކުގައި ބޭންކުތައް ޖަވާބުދާރީކުރެވޭނެ ނިޒާމެއް އެކަށައެޅުމަށް ޤާނޫނު ނަންބަރު 2010/24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު) އާއި ގުޅުންހުރި އެހެނިހެން ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި ސެންޓްރަލް ބޭންކުގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަން ކުރެއްވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ދެންނެވުމަށް ނިންމެވިއެވެ. • ބޭންކް އޮފް މޯލްޑިވްސްއިން ބޭންކްއިން އިންޑަސްޓްރީގެ ބެސްޓް ޕްރެކްޓިސެސްއަށާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ހެދިފައިވާ ގަވާއިދާއި އުޞޫލުތަކަށް ޢަމަލުކުރަމުންނުދާކަމަށާއި، މި ފަދަ ޙާލަތެއްގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އަދާކުރައްވަންޖެހޭ ޒިންމާ އަދާނުކުރައްވާކަމުން، މި މައްސަލައާ ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ހާޒިރުކޮށް ސުވާލުކުރުމަށް އެދި ނަޝްޢަތު ރަފީޤް ހުށަހަޅުއްވާފައިވާ މައްސަލަ • އެކައުންޓްގެ ވެރިފަރާތަށް ނޭނގި ބޭންކް އޮފް މޯލްޑިވްސްގެ އިންޓަރނެޓް ބޭންކިންއަށް ލޮގިންވުމަށް ބޭނުންވާ ޒާތީ މަޢުލޫމާތު ބަދަލުކުރުމަށް ފަހު ، އެކައުންޓްއިން އެހެން އެކައުންޓްތަކަށް ފައިސާ ފޮނުއްވާފައިވާކަމަށް ބަޔާންކޮށް، ޢަލީ މޫސާ / ހުޅުމާޅެ 113G-02 އިން ފޮނުއްވާފައިވާ މައްސަލަ އެއަށްފަހު، ސަރުކާރުން މަސައްކަތެއް ކުރަންބޭނުންވެގެން ގެޒެޓްގައި އިޢުލާންކުރުމުން އެ މަސައްކަތެއްގެ ބިޑު ބަލައިގަންގަ އިދާރާއަކުން އެ ބިޑު ކާމިޔާބު ކުރި ފަރާތް އެންގުމަށް ލާޒިމްކުރާ ޤާނޫނީ މާއްދާއެއް ގުޅުން ހުރި ދާއިރާއަށް އިތުރުކޮށްދިނުމަށް އެދި ޢަބްދުﷲ ދީދީ (ޕްރޮދަކްތިވް ލޯކަލް އިންވެސްޓްމަންޓް)، ދޮންބަގީޗާގެ / ގއ.ކަނޑުހުޅުދޫ އިން ފޮނުއްވާފައިވާ މައްސަލައާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، 19 ސެޕްޓެންބަރު 2023 ގައި ޢަމަލުކުރަން ފަށާފައިވާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (2023/ (R-158ގެ 10 ވަނަ ބާބު (ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު) ގެ 10.45 ވަނަ މާއްދާ (އެންމެ ރަނގަޅު ޓެންޑަރ ހޮވުމާއި، ކޮންޓްރެކްޓް ހަވާލުކުރުމަށް ނިންމުން) ގެ (ބ) ގައި، ބީލަން ކާމިޔާބުކުރި ފަރާތަށް ކޮންޓްރެކްޓް ހަވާލުކުރުމަށް ނިންމުމުން، އެ ބީލަމެއް ކާމިޔާބުކުރި ފަރާތަށް ކޮންޓްރެކްޓް ހަވާލުކުރަން ގަސްތުކުރާކަން (ނޯޓިފިކޭޝަން އޮފް އިންޓެންޝަން ޓު އެވޯޑް) އެ ފަރާތަކަށް ފޮނުވަންވާނެ ކަމަށާއި، އަދި ދެ މަރުޙަލާއަކަށް ބަހާލައިގެން ބީލަމުގެ ކަންކަން ކުރިއަށްގެންދާ ޕްރޮކިއުމަންޓްތަކުގައި، ޓެކްނިކަލް ޕްރޮޕޯޒަލުން ފާސްނުވާ ފަރާތްތައް ވެސް ހިމެނޭގޮތަށް، ބީލަމަކަށް ބިޑު ހުށަހެޅި ހުރިހާ ބީލަންވެރިންނަށް "ނޯޓިފިކޭޝަން އޮފް އިންޓެންޝަން ޓު އެވޯޑް" ފޮނުވަންވާނެކަމަށް ބަޔާންކޮށްފައިވާކަމަށް އެ ފަރާތަށް ދެންނެވުމަށް ނިންމެވިއެވެ. މީގެ އިތުރުން، ދައުލަތުގެ އެކިއެކި ފަންތި ތަކުގެ މަގާމުތައް ފުރައްވާ ފަރާތްތަކަށް ރިޓަޔަރމަންޓް ޕެންޝަން ފަދަ ޢިނާޔަތްތައް ލިބޭ ފަދައިން، އިލެކްޝަން ކޮމިޝަން ފަދަ މިނިވަން މުއައްސަސާތަކުގެ މެންބަރުކަން އަދާކުރައްވާ ފަރާތްތަކަށް ރިޓަރޔާމަންޓް ލިބިދެވޭނެ ޙައްލެއް ހޯއްދަވައިދެއްވުމަށް އެދު އިސްމާޢީލް ޙަބީބް ޢަބްދުއްރަޙީމް (ގ. ގާކޮށި ބީ 111، މާލެ) ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި މުސްތަޤިއްލު މަޤާމްތައް އަދާކުރައްވާ ބޭފުޅުން މަޤާމުގެ މުއްދަތުގައި ރިޓަޔަރމަންޓް އުމުރަށް ދިއުމުގެ ސަބަބުން، މަޤާމުން އިސްތިއުފާދިނުމާއެކު ރިޓަޔަރމެންޓް ޕެންޝަނަށް އެދިއްޖެނަމަ، އެ ޙާލަތުގައި ޢަމަލުކުރާނެ އުސޫލެއް ގުޅުންހުރި ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ދިރާސާކޮށް އެފަދައިން އެ އިޞްލާޙުތައް އެ ޤާނޫނުތަކަށް ގެނައުމަށް ސަރުކާރުގައި ދެންނެވުމަށް ނިންމެވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA