ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

8 މޭ 2024 11:15

ނަންބަރު

4

އިޤްތިޞާދީ ކޮމިޓީގެ 2024 ވަނަ އަހަރުގެ 04 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ކޮމިޓީއަށް ފޮނުވިފައިވާ 2 ބިލު، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް ... ވަނަ އިޞްލާޙު ގެނައުމުގެ ބިލު އަދި ޤާނޫނު ނަންބަރު 23/2010 (ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނު) އަށް ... ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ސުންގަޑި ކަނޑައަޅައި، ބިލު ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، ބިލުތަކުގެ މަސައްކަތް ކޮމިޓީން ނިންމާނެ ސުންގަޑިއެއް ކަނޑައެޅުމަށް ހުޅުވާލި ފުރުޞަތުގައި، ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ހުށަހަޅައި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ތާއީދު ކުރައްވާފައިވަނީ މި ބިލުތަކުގެ މަސައްކަތް ކޮމިޓީން ނިންމާނެ ސުންގަޑިއަކީ 27 މެއި 2024 ކަމުގައި ކަނޑައެޅުމަށެވެ. މި ހުށަހެޅުން ކޮމިޓީގައި އެވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. އެއަށްފަހު، ދެން ކުރިއަށް ގެންދެވީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް ... ވަނަ އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، ބިލުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާއި މެދު މަޝްވަރާކުރުމަށް ހުޅުވާލި ފުރުޞަތުގައި، 2 ހުށަހެޅުމެއް ވަނީ ހުށަހެޅިފައެވެ. އެއީ؛ 1. މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތާރިޤް ހުށަހަޅުއްވައި ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙްސިން ޙަމީދު ތާއީދުކުރައްވާ ހުށަހަޅާފައިވާ ހުށަހެޅުން؛ މި ބިލާއި ގުޅުން ހުރި އިދާރާތައް ( މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން، މޯލްޑިވްސް ޕޮލިސް ސަރވިސަސް އަދި އެމްޕްލޯއިމަންޓް އެސޯސިއޭޝަން) ގެ ބޭފުޅުންނާއި ބައްދަލުކޮށް މައުލޫމާތު ސާފުކުރުމަށްފަހު ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. މި ހުށަހެޅުން ފާސްވުމަށް ބޭނުންވާ ވަރަށް ވޯޓު ލިބިފައި ނުވެއެވެ. 2. ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހަޅުއްވައި މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ތާއީދު ކުރައްވާފައިވާ ހުށަހެޅުން؛ ބިލަށް ކޮމިޓީގައި ހުށަހެޅުމަށް ނިންމާފައިވާ އިޞްލާހުން ބޮޑެތި މައްސަލަތަކަށް ހައްލު ލިބިގެންދާތީ، ބިލަށް ހުށަހަޅާ އިޞްލާހާ އެކީ މި ބިލު ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި އެވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަޢްލަބިއްޔަތުން (8/6) މި ހުށަހެޅުން ވަނީ ފާސްވެފައެވެ. އެހެން ކަމުން، ބިލު ދިރާސާކުރެއްވުމުގެ ގޮތުން ބިލުގެ މާއްދާތަކަށް އިޞްލާހު ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި، މި ބިލުގެ މާއްދާތަކަށް ކޮމިޓީގެ މެންބަރުން ފާހަގަކުރައްވާފައިވާ ކަންކަން ހައްލުކުރުމަށް އިތުރު މައުލޫމާތު ބޭނުންފުޅުވާތީ، މި ބިލު ދިރާސާކުރުމަށް އިތުރު ވަގުތު ބޭނުންވާކަމަށް ނިންމައި މިއަދުގެ ބައްދަލުވުން ނިންމަވާލެއްވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA