ކޮމިޓީގެ ނަން

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ

ތާރީޚް

6 މޭ 2024 11:00

ނަންބަރު

7

2024 ވަނަ އަހަރުގެ 07 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ސަރަޙައްދު ބެލެހެއްޓެވުމަށްޓަކައި ދިވެހިރާއްޖޭގެ އަސްކަރިއްޔާއަށް އެންމެފަހުން ހޯއްދަވާފައިވާ ޔޫ.އޭ.ވީތައް ހޯއްދަވާފައިވަނީ ކޮން އުސޫލެއްގެ ދަށުންތޯއާއި، އަދި އެކަމަށް ދައުލަތުން ކޮށްފައިވާ ޚަރަދުގެ ތަފްޞީލީ މަޢުލޫމާތާއި ބޭރުގެ އެހީގެ ގޮތުގައި ލިބިފައިވާ ޚަރަދުގެ ތަފްޞީލީ މަޢުލޫމާތު ހޯދުމަށްއެދި ހުށަހަޅުއްވާފައިވާ މައްސަލަ އާއި 06 މޭ 2021 ގެ ރޭގަނޑުގެ ވަގުތެއްގައި ދީފައިވާ ޓެރަރިސްޓް ހަމަލާއާގުޅޭ އިތުރު މަޢުލޫމާތު ޑިފެންސް މިނިސްޓްރީއަށް ލިބިފައިވާކަމަށް މިނިސްޓަރ އޮފް ޑިފެންސް 25 މާރިޗު 2024 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާގައި ވިދާޅުވެފައިވާތީ، އެ މަޢުލޫމާތުތައް ކޮމިޓީއަށް ހޯދުމަށްއެދި ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މިނިސްޓަރ އޮފް ޑިފެންސްއާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވީނަމަވެސް، މިނިސްޓަރ އާލަސްކަންފުޅާ އުޅުއްވާތީ، ބައްދަލުވުމަށް ވަޑައިގެންނެވެން ނެތްކަން އަންގަވާފައިވާތީ، މިއަދުގެ ބައްދަލުވުމުގެ އެޖެންޑާ 1 ގައިވާ ކަންކަން ކުރިއަށް ގެންދެވިފައިނުވެއެވެ. ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަހައްދާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދާއިގުޅޭ މައްސަލައިގައި، މޮރިޝަސް އިން ޗާގޯސްގެ މައްޗައް ސިޔާދަތީ ބާރު ލިބިގެންވާކަން ރާއްޖެއިން ޤަބޫލުކޮށް، މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީއާގުޅޭ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން އެ މައްސަލަ ދިރާސާކުރެއްވުމަށް ސަބް ކޮމިޓީއަށް ފޮނުއްވާފައި ވީނަމަވެސް އެ ކޮމިޓީގެ މުޤައްރިރު ޗުއްޓީގައި ހުންނެވުމުން އެ ކޮމިޓީގެ ބައްދަލުވުންތައް ބޭއްވިފައި ނުވާތީ، އެ މައްސަލަ މައި ކޮމިޓީއަށް އަނބުރާ ނެގުމަށް ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙުމޫދު ހުށަހަޅުއްވައި، ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީ ތާއިދުކުރެއްވި ހުށަހެޅުއްވުން ކޮމިޓީއަށް ވަޑައިގެން ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވިއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީ ކޮމިޓީން ދިރާސާކުރެއްވުމަށްފަހު މައްސަލަތަކެއް ފާހަގަވެފައިނުވާތީ، އެ ސިޓީގައި އެއްވެސް މައްސަލައެއް ނެތްކަމަށް ނިންމުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހަޅުއްވައި ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ތާއީދުކުރެއްވި ހުށަހެޅުއްވުން ފާސްވާވަރަށް ވޯޓު ލިބިފައިނުވެއެވެ. އަދި މި މައްސަލަ ދިރާސާކުރެއްވުމަށް ސަރުކާރުން ވަކި ކޮމިޓީއެއް ނަންގަވައިގެން އެ މަސައްކަތްކުރަމުންދާތީ، އެ ކޮމިޓީން ކުރައްވަމުންދާ މަސައްކަތުގެ މަޢުލޫމާތު ކޮމިޓީއަށް ހޯދުމަށް ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ހުށަހަޅުއްވައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ތާއިދުކުރެއްވި ހުށަހެޅުއްވުން ކޮމިޓީގައި ވަޑައިގެން ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA