ކޮމިޓީގެ ނަން

މަޖިލީހުގައި ހިމެނޭ ދާއިމީ ކޮމިޓީތައް އެކުލަވާލުމަށް ހޮއްވެވި ވަގުތީ ކޮމިޓީ

ތާރީޚް

9 ޖޫން 2019 13:20

ނަންބަރު

1

ކޮމިޓީގެ 2019 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވެވުމުގެ މަސައްކަތެވެ. މިގޮތުން ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްދެއްވީ، ހެޑް އޮފް އެޑްމިނިސްޓްރޭޝަން، އަލްފާޟިލް އަޙްމަދު ފާއިޒް މުޙައްމަދުއެވެ. ކޮމިޓީގެ މުޤައްރިރަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި ހުށަހެޅި ތާއީދު ލިބިފައިވަނީ 1 ނަންފުޅަކަށެވެ. އެއީ، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ހުށަހަޅުއްވައި، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ތާއީދުކުރެއްވި މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމްގެ ނަންފުޅެވެ. މިނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް ކޮމިޓީގެ މުޤައްރިރަކަށް ހޮވިވަޑައިގަތެވެ. އަދި ނައިބު މުޤައްރިރަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި ހުށަހެޅި ތާއީދު ލިބިފައިވަނީވެސް 1 ނަންފުޅަކަށެވެ. އެއީ، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ހުށަހަޅުއްވައި، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ތާއީދުކުރެއްވި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދުގެ ނަންފުޅެވެ. މިނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުން، މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ކޮމިޓީގެ ނައިބު މުޤައްރިރަކަށް ހޮވިވަޑައިގަތެވެ. މިއަށްފަހު، ދެން ކުރިއަށް ގެންދެވީ ކޮމިޓީގެ ހިންގާ ގަވާއިދު ފާސްކުރެއްވުމުގެ މަސައްކަތެވެ. މިގޮތުން، 18 ވަނަ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލެއްވުމަށް ހޮއްވެވި ވަގުތީ ކޮމިޓީން އެކުލަވާލައްވާފައިވާ، އެކޮމިޓީގެ ހިންގާ ގަވާއިދު ރަނގަޅުކަމަށް ނިންމަވާ، އެ ގަވާއިދަކީ، 19 ވަނަ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލެއްވުމަށް ހޮއްވަވާފައިވާ ކޮމިޓީގެ ވެސް ހިންގާ ގަވާއިދު ކަމަށް ކޮމިޓީގައި ވަޑައިގެން ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރެއްވިއެވެ. މިއަށްފަހު، މަޖިލީހުގައި ހިމެނޭ ދާއިމީ ކޮމިޓީތައް އެކުލަވާލެއްވުމަށް ހޮއްވެވި ވަގުތީ ކޮމިޓީގެ މަސައްކަތާ ގުޅޭ ގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ. މިގޮތުން، މަޖިލީހުގައި ހިމެނޭ ދާއިމީ 16 ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް، ސިޔާސީ ޕާޓީތައް ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމަނުއްވާނެ ގޮތުގެ އުސޫލު، އިދާރީ މޭޒުން ހުށަހަޅުއްވައިދެއްވިއެވެ. އަދި މި އުސޫލާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން، އެޕާޓީއަކަށް މަޖިލީހުގެ ދާއިމީ ކޮމިޓީތަކުން ލިބޭ ޖާގަތަކަށް، އެ ޕާޓީތައް ތަމްސީލުކުރުމަށް މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުން ހިމަނުއްވަން ބޭނުންފުޅުވާ ކޮމިޓީތައް އެނގޭނޭ ގޮތަށް، ލިޔުމުން، ކޮމިޓީގެ ދެން އޮންނަ ބައްދަލުވުމަކަށް ގެނެސްދެއްވުމަށް ކޮމިޓީގެ މުޤައްރިރު، ކޮމިޓީގެ މެންބަރުންގެ ކިބައިން އެދިވަޑައިގެން، މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ.
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA