ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

11 މާރިޗު 2020 12:30

ނަންބަރު

17

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 17 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ ކޮމިޓީގައި މަސައްކަތް ކުރަމުންދާ ބިލުތަކާއި، މައްސަލަ އަދި ޤަރާރުގެ މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވާ ސުންގަޑިތަކަށް އެ މަސައްކަތްތައް ނިންމޭނެ ކަމަށް ނުބެލެވޭތީ އެ މަސައްކަތްތަކުގެ ސުންގަޑި އިތުރުކުރުމެވެ. އެގޮތުން، ފުރަތަމަ ކުރިއަށް ގެންދެވީ ރަށު އުފެއްދުންތަކާއި ވިޔަފާރިތައް ރަށު ބަންދުން މިނިވަންކޮށް ޒަމާނީ ތަރައްޤީ ގެނުވައިދިނުމަށް ގޮވާލާ ޤަރާރުގެ ސުންގަޑި ހަމަވެފައިވާތީ، ސުންގަޑި އިތުރުކުރުމުގެ މަސައްކަތެވެ. ސުންގަޑިއެއް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށަހަޅުއްވައި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ތާއިދު ކުރައްވައި ހުށަހަޅުއްވާފައިވަނީ، 18 މާރޗް 2020 ގެ ނިޔަލަށް މި ޤަރާރުގެ މަސައްކަތް ނިންމުމަށެވެ. މި ހުށަހެޅުން ވަނީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވެފައެވެ. ދެވަނަ އަށް ކުރިއަށް ގެންދެވީ، ދިވެހިރާއްޖޭގެ ޤައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީޒްގެ ބިލުގެ ސުންގަޑި އިތުރުކުރުމުގެ މަސައްކަތެވެ. އެގޮތުން، ސުންގަޑިއެއް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ހުށަހަޅުއްވައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ތާއިދުކުރައްވައި ހުށަހަޅުއްވާފައިވަނީ، 30 އޭޕްރީލް 2020 ގެ ނިޔަލަށް މި ބިލުގެ މަސައްކަތް ނިންމުމަށެވެ. މި ހުށަހެޅުން ވަނީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވެފައެވެ. ތިންވަނަ އަށް ކުރިއަށް ގެންދެވީ، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލު އަދި މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޚިމާޔަތްކުރުމުގެ ބިލު ގެ ސުންގަޑި އިތުރުކުރުމުގެ މަސައްކަތެވެ. އެގޮތުން، ސުންގަޑިއެއް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ހުށަހަޅުއްވައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ތާއިދުކުރައްވާފައިވަނީ، މި 2 ބިލުގެ މަސައްކަތް 30 އޭޕްރީލް 2020 ގެ ނިޔަލަށް ނިންމުމަށެވެ. މި ހުށަހެޅުން ވަނީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވެފައެވެ. މިއަދު ސުންގަޑި އިތުރުކުރުމަށް އެޖެންޑާ ކުރެވިފައިވާ ބިލުތަކާއި، މައްސަލަ އަދި ޤަރާރުގެ ސުންގަޑި އިތުރުކުރުމަށްފަހު، ކޮމިޓީން ދިރާސާކުރައްވަމުންދާ މިނިމަމް ވޭޖް ކަނޑައެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ފޮނުވާފައިވާ މައްސަލައިގެ ސުންގަޑި މިއަދު 11 މާރިޗް 2020 އަށް ކަނޑައަޅާފައިވީ ނަމަވެސް، މިމަސައްކަތް ނިންމުމަށް އިތުރު ވަގުތު ބޭނުންވާތީ، މި މައްސަލަ ކޮމިޓީން ނިންމާނެ ސުންގަޑި ކަނޑައެޅުމަށް އެޖެންޑާއަށް އިތުރުކުރުމަށް ފަހު، މިމައްސަލައިގެ ސުންގަޑި އިތުރުކުރުމަށް މުއްދަތެއް ކަނޑައެޅުމަށް ހުޅުވާލި ފުރުޞަތުގައި މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ހުށަހަޅުއްވައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ތާއިދު ކުރައްވާފައިވަނީ، މި މައްސަލައިގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، މިކަމާއި ގުޅުން ހުރި ދާއިރާތައް ސެކްޓަރ ވައިސްކޮށް ބައްދަލުކޮށް މައުލޫމާތު ސާފުކުރުމަށްފަހު 25 މާރިޗް 2020 ގެ ނިޔަލަށް ނިންމުމަށެވެ. މި ހުށަހެޅުން ވެސް ވަނީ ކޮމިޓީގެ އަށް ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވެފައެވެ. އެހެނިހެންގެ ދަށުން، މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ހުށަހަޅުއްވާފައިވަނީ، މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އަރަމުންދާ ލޮޅުންތަކާއި ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް މި ވަގުތު ކުރަމުންދާ ނޭދެވޭ އަސަރުތަކާއި، މުސްތަޤްބަލުގައި އިޤްތިޞާދަށް ލިބިދާނެކަމަށް ލަފާކުރެވޭ ގެއްލުންތައް ދެނެގަތުމަށާއި، ދިވެހިރާއްޖޭގެ އިޤްތިޞާދު ސަލާމަތްކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޓޫރިޒަމް އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ބޭފުޅުންނާއި ބައްދަލުކުރައްވައި މައުލޫމާތު ސާފުކުރުމަށެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA