ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

4 މާރިޗު 2020 14:00

ނަންބަރު

21

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2020 ވަނަ އަހަރުގެ 21 ވަނަ ބައްދަލުވުން

ޚުލާސާ

ިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ (2008/8) އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް އިސްލާޚު ގެނައުމުގެ ބިލު ދިރާސާކުރެއްވުމެވެ. ނަމަވެސް މި ބައްދަލުވުމުގައި ފުރަތަމަ މެންބަރުންގެ މެދުގައި މަޝްވަރާ ކުރެވުނީ، ދިވެހިރާއްޖޭގެ ބައެއް މީޑިއާތަކުން ދޮގު ހަބަރުތައް ފަތުރަމުންދާތީ އެކަންކަމާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލާ ބައްދަލު ކުރެއްވުމާ ގުޅޭގޮތުންނެވެ. ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު، އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަޙްމަދު ހުށަހަޅުއްވައި ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ތާއިދު ކުރެއްވި ހުށަހެޅުމުގައިވަނީ، ދިވެހިރާއްޖޭގައި ހިންގަމުންދާ ޕްރިންޓް އަދި އޮންލައިން ނޫސްތަކީ ރަޖިސްޓަރީ ކޮށްގެން ހިންގަމުންދާ ނޫސްތަކެއްތޯ ސާފުކުރެއްވުމަށާއި، ޕްރިންޓް އަދި އޮންލައިން ނޫސްތަކުން ފަތުރާ ޚަބަރުތަކުގެ ސަބަބުން ރައްޔިތުންގެ މަޖިލީހާއި، ދައުލަތުގެ މުއައްސަސާތަކާއި އަދި ޢާންމުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް 16 މާރިޗު 2020 ވަނަ ދުވަހު އޮންނަ ކޮމިޓީގެ ބައްދަލުވުމަށް މީޑިއާ ކައުސްލް ހާޒިރު ކުރުމަށެވެ. މިހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމީޓީގައި އެވަގުތު ހާޒިރުވެ ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްވިއެވެ. ދެވަނަކަމެއްގެގޮތުން ކޮމިޓީގައި މަޝްވަރާ ކުރެވުނީ މިއަދުގެ ބައްދަލުވުން ހިނަގަމުންދަނިކޮށް ކޮމިޓީއަށް ލިބިފައިވާ، ސިވިލް ސަރވިސް ކޮމިޝަންގެ 4 މެންބަރުން މަޤާމުން ވަކި ކުރުމާ ގުޅޭ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމަވައި ފޮނުއްވާފައިވާ ރިޕޯޓު 12 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މި ކޮމިޓީން ނިންމަވާ ފޮނުއްވި އިރު 3 މެންބަރުންގެ ވޯޓުން ފާސްކޮށްފައިވާތީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ ކޮމިޝަނަކަށް، ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ޢައްޔަންކޮށްފައިވާ މެންބަރުން ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ވަކިކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން އަމަލުޔ ކުރަންވާނީ ވީހާވެސް ގިނަ މެންބަރުން ބައިވެރިވުން އޮވެގެން ކަމުގައި ފެނިވަޑައިގަންނަވާތީ މި މައްސަލައާމެދު ކޮމިޓީން އަލުން ފާސްކުރެއްވުމަށްޓަކައި ކޮމިޓީއަށް އަނބުރާ ފޮނުއްވުމަށް ރައްޔުތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެފައިވާތީ އަމީން ޢާންމު ސޮއިކުރައްވައި ފޮނުއްވާފައިވާ މެމޯ (2020/33). މިމައްސަލައާ ގުޅިގެން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝަވަރާ ކުރެއްވުމަށްފަހު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހުށަހަޅުއްވައި އިންގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަޙްމަދު ތާއިދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެދިވަޑައިގަންނަވާފައިވާގޮތަސް، މެމޯގައި ބާޔާންކޮށްފައިވާގޮތަށް ކޮމިޓީން މިމައްސަލަ ނިންމުމަށް. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމީޓީގައި އެވަގުތު ހާޒިރުވެ ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްވިއެވެ. ތިންވަނަ ކަމެއްގެ ގޮތުން ކޮމިޓީގައި މަޝަވަރާ ކުރެވުނީ، ކޮމިޓީގެ ހިންގާ ގަވާއިދު އިސްލާޚު ކުރުމާ ގުޅޭގޮތުންނެވެ. ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހުށަހަޅުއްވައި އިންގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަޙްމަދު ތާއިދު ކުރެއްވީ ކޮމިޓީގެ ހިންގާ ގަވާއިދުގައި ވޯޓިން ކޯރަމް އެއް ކަނަޑައެޅި ބަޔާންވެގެން އޮތުމަށެވެ. އަދި މި ހުށަހެޅުން ވީހާވެސް އަވަހަށް އެޖެންޑާ ކޮށްދެއްވުމަށެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމީޓީގައި އެވަގުތު ހާޒިރުވެ ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA