ބަޖެޓް ދިރާސާކުރާ ކޮމިޓީ

ބަޖެޓް ކޮމިޓީގެ 1 ވަނަ ބައްދަލުވުން

25 އޯގަސްޓު 2019 11:30 ނަންބަރު 1

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ އޮތީ ކޮމިޓީގެ މުޤައްރިރު އަދި ނައިބު މުޤައްރިރު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރު އަދި ނައިބު މުޤައްރިރު ހޮއްވެވުމުގެ މަސައްކަތް ކުރިޔަށްގެންގޮސްދެއްވީ، އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް އެކައުންޓްސް، ޝަބާނާ ރަޝީދުއެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު، ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒްގެ ނަންފުޅު ހުށަހެޅުއްވުމުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ އެ ނަންފުޅަށް ތާއީދުކުރެއްވިއެވެ. އަދި އިތުރު ބޭފުޅެއްގެ ނަންފުޅު ހުށަހަޅުއްވާފައިނުވާތީ، ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒްގެ ނަންފުޅަށް ވޯޓަށް އައްސަވައި ކޮމިޓީގައި ޙާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހޮވުނެވެ. އަދި ނައިބު މުޤައްރިރަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހުށަހަޅުއްވައި ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ތާއީދުކުރައްވާ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ގެ ނަން ހުށަހެޅުއްވިއެވެ. އަދި އިތުރު ބޭފުޅެއްގެ ނަންފުޅު ހުށަހަޅުއްވާފައިނުވާތީ، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ގެ ނަންފުޅަށް ވޯޓަށް އައްސަވައި ކޮމިޓީގެ އަޣުލަބިއްޔަތުން ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ކޮމިޓީގެ މުޤައްރިރުގެ ނައިބު ގޮތުގައި ހޮވުނެވެ. އެއަށްފަހު، ކޮމިޓީގެ ހިންގާ ގަވާއިދު ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން ޑްރާފްޓް ކޮށްފައިވާ ގަވާއިދުގައި ޤާނޫނީ ޢަދަދު (ކަންކަން ނިންމުމަށް) ކަމަށް ބަޔާންކޮށްފައިވާ މެންބަރުންގެ ޢަދަދު 14 އަށް ބަދަލުކުރެއްވުމަށްފަހު، ކޮމިޓީގެ ގަވާއިދު ފާސްކުރެއްވުމަށް ނިންމެވިއެވެ. މީގެއިތުރުން، 2019 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓަރ އޮފް ފިނޭންސް ކޮމިޓީއަށް ޙާޒިރުކުރެއްވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

26 އޯގަސްޓު 2019

2019 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާ މަޖިލީހަށް ހުށަހަޅައި ފާސްކުރުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ފޮނުއްވާފައިވާ މައްސަލައިގެ ރިޕޯޓު

ރިޕޯޓް ހުށަހެޅިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA