ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

9 މާރިޗު 2020 14:00

ނަންބަރު

22

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2020 ވަނަ އަހަރުގެ 22 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަނމަ ކަމެއްގެ ގޮތުން އެޖެންޑާ ކުރެވިފައިވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކާއި، އެ ކޮމިޝަނުން ބައްލަވައި ނިންމަވާފައިވާ މައްސަލަތަކާއި، އަދި ނުނިމި ހުރި މައްސަލަތަކުގެ ތަފްޞީލާއި، އެ މައްސަލަތައް ނުނިމިހުރި ސަބަބާއި، އެ ކޮމިޝަން ހިންގުމާއި އަދި ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރުމަށް ދިމާވާ ހުރަސްތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯދުމަށާއި، އެ ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރެއްވުމެވެ. މި ބައްދަލުވުމަށް އެ ކޮމިޝަނުން ވަޑައިގެންނެވީ: 1. ކޮމިޝަންގެ ރައީސް އަޙްމަދު ސުލައިމާން 2. ކޮމިޝަންގެ ނައިބުރައީސް އަލްއުސްތާޛު ހައްސާން ޙަމީދު 3. ކޮމިޝަންގެ މެންބަރު އަލްއުސްތާޛާ ޚަދީޖާ އަބްދުﷲ 4. ކޮމިޝަންގެ މެންބަރު އަލްފާޟިލް އަޙްމަދު އަމީން 5. ކޮމިޝަންގެ މެންބަރު (ކރ) އަޙްމަދު ޖިހާދު 6. ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ޢަބްދުލް އަޒީޒު ޔޫސުފް 7. ކޮމިޝަންގެ ޑިރެކްޓަރ-އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ 1. މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގެ އެޖެންޑާގައި 2 ވަނަ ނަންބަރުގައިވަނީ ސިވިލް ސަރވިސް ކޮމިޝަންގެ 4 މެންބަރުން ވަކިކުރުމުގެ މައްސަލަ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު ކޮމިޓީއަށް އަނބުރާ ފޮނުވާލައިފައިވާތީ އެ ރިޕޯޓާ މެދު ގޮތެއް ނިންމެވުމެވެ. އެ ގޮތުން މި ރިޕޯޓާ ގުޅިގެން މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް ހުއްޓެވެ. ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު ފުރަތަމަ ހުށަހެޅުމަކީ، އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަޙްމަދު ހުށަހަޅައި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤު ތާއިކުރެއްވި ހުށަހެޅުމުގައިވަނީ، ސިވިލް ސަރވިސް ކޮމިޝަންގެ 4 މެންބަރުން ވަކިކުރުމުގެ މައްސަލައިގެ ރިޕޯޓު ނިންމަވާއިރު އެ ކޮމިޝަންގެ މެންބަރު އަލްފާޟީލާ ފާޠިމަތު އާމިރާގެ މައްސަލަވެސް ބެއްލެވުމަށްފަހު 5 މެންބަރުންވެސް ހިމެނޭގޮތަށް ރިޕޯޓު ތައްޔާރުކޮށް ހުށަހެޅުމަށް. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީގައި ވަޑައިގެން ތިއްބެވި މެންބަރުންގެ އަޣުލަބީއްޔަތުން މި ހުށަހެޅުން ފާސްވިއެވެ. މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝަވަރާ ކުރެއްވުމަށްފަހު ނިންމެވީ ސިވިލްސަރވިސް ކޮމީޝަންގެ މެންބަރު އަލްފާޟިލާ ފާޠިމަތު އާމިރާ ހާޒިރުކޮށް ކޮމިޓީން މައްސަލަ ބަލާ ބައްދަލުވުންތަކުގައި ކޮމީޓީގެ މުޤައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއަށް ޗެއަރ ނުކުރެވޭގޮތަށެވެ. ސަބަބަކީ އަލްފާޟިލާ ފާޠިމަތު އާމިރާއަކީ، މެންބަރު ރޮޒައިނާ އާ އާއިލީގޮތުން ގާތް ބޭފުޅަކަށްވުމުންނެވެ. މި ހުށަހެޅުމަށް އިއުތިރާޒު ކުރައްވާ އެއްވެސް މެންބަރަކު ނެތުމުން މި ހުށަހެޅުން ފާސްވިއެވެ. އެހެންކަމުން މި ބައްދަލުވުމުގައިވެސް އެ ހުށަހެޅުން ފާސްކުރެވުނު ހިސާބުންފެށިގެން ކޮމިޓީގެ ބައްދަލުވުން ޗެއަރ ކުރެއްވީ ކޮމިޓީގެ ނައިބު މުޤައްރިރު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް އެވެ. ކޮމިޓީގެ ބައްދަލުވުމުގެ ގަޑި ހަމަވުމުން 15 މިނަޓަށް އިތުރުކޮށްގެން ކުރިއަށް ގެންދެވުނު މި ބައްދަލުވުމުގެ އެޖެންޑާގެ 3 ވަނަ ނަންބަރުގަވާ، ކޮމިޓީގެ ހިންގާ ގަވާއިދަށް އިސްލާޚު ގެނައުން، މި ނަންބަރު މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ނުގެންދަވައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA