ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

3 މާރިޗު 2020 14:00

ނަންބަރު

13

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 13 ވަނަ ބައްދަލުވުން

ޚުލާސާ

1. މިއަދުގެ ބައްދަލުވުމުގައި އެސް.އޯ.އީ ތަކުގެ ރިވިއު އެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެގޮތާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، މި މަސައްކަތް ކުރުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސެވުމަށް ސެކްރެޓޭރިއެޓްއާ ޙަވާލުކުރެވުނެވެ. 2. އެއަށްފަހު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމްގެ ފެއްޓެވުމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުން ގެންގުޅުއްވާ އުސޫލާއި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމްގެ ޚިދުމަތް ފެއްޓެވޭނެ ތާރީޙެއް ހޯއްދެވުމަށް އެދިވަޑައިގެން، އިޤްތިޞާދީ ކޮމިޓީން 14 އޮކްޓޫބަރު 2019 ގައި ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، މައްސަލައާގުޅޭ ތިރީގައި ދަންނަވާފައިވާ މަޢުލޫމާތު ހޯއްދެވުމަށް ބީ.އެމް.އެލްއަށް ސިޓީ ފޮނުވުމަށް ނިންމެވިއެވެ. • ބޭންކުން އޭ.ޓީ.އެމް ބެހެއްޓުމަށް ރަށްތައް ކަނޑައެޅުއްވުމުގައި އުޞޫލެއް ކަނޑައަޅުއްވާފައިވާނަމަ، އެ އުޞޫލު؛ • ބޭންކުން ޑޮލަރު އޭ.ޓީ.އެމްތައް ރަށްތަކުގައި ބެހެއްޓެވުމަށް އިސްކަންދެއްވާ ތަރުތީބަކީ ކޮބައިކަން؟ އަދި މި ތަރުތީބު ކަނޑައެޅުއްވުމުގައި އުޞޫލެއް ކަނޑައަޅުއްވާފައިވާނަމަ، އެ އުޞޫލު؛ • ބޭންކުން ރަށްތަކުގައި އޭ.ޓީ.އެމްތައް ބެހެއްޓުމާ ގުޅޭގޮތުން ފީސިބިލިޓީ ސްޓަޑީއެއް ހައްދަވާފައިވާނަމަ، އެކަމުގެ ތަފްޞީލް. 3. މީގެއިތުރުން، ދިވެހިރާއްޖޭގައި އިންވެސްޓްކުރައްވާ ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އެފަރާތްތަކުން ބޭންކުތަކުންނާއި އެހެނިހެން ފައިނޭންޝަލް އިންސްޓިޓިއުޓްތަކުން ނަގާފައިވާ ލޯނުތަކުން އިންޓްރެސްޓް ކެނޑުމަށްފަހު، ޓެކްސް ކަނޑައެޅޭނެ އިންތިޒާމް، މިހާރު ޓެކްސް ނަގަމުންދާ އުޞޫލު ޤާނޫނުތަކަށް ބަދަލުގެނެސްގެން ނަމަވަސް ހަމަޖައްސަވައިދެއްވުމަށް އެދި ޖޯން ކީލްސް މޯލްޑިވިއަން ރިސޯޓް ޕްރައިވެޓް ލިމިޓެޑް، ކައުރީ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އަދި ގްރޭންޑް މެރިޑިއަން ޕްރައިވެޓް ލިމިޓެޑްއިން ފޮނުއްވާފައިފާ ސިޓީތަކާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، ސިޓީތަކުގައި ފާހަގަކޮށްފައިވާ މައްސަލަތަކަކީ އިޤްތިޞާދީ ކޮމިޓީގެ އިޚްތިޞާޞް ތެރޭގައި ހިމެނޭ މައްސަލައެއްކަމުގައި ކޮމިޓީން ދެކޭތީ، މައްސަލަ ބައްލަވައިދެއްވައި، އެ މައްސަލަ ނިންމަވާގޮތުގެ ތަފްޞީލް، މައްސަލަ ހުށަހަޅުއްވާފައިވާ ފަރާތާ ޙިއްޞާކޮށްދެއްވުމަށް އެދި އެ ކޮމިޓީއަށް ސިޓީ ފޮނުވުމަށް ނިންމެވިއެވެ. 4. އެއަށްފަހު، ސެންޓަރ އެންޓަޕްރައިސަސް ލިމިޓެޑުން ބީލަމުގެ އުޞޫލުން ޓެންޑަރ ކާމިޔާބުކޮށް، ސެޓެލްކޯއަށް ޑެލިވަރކުރި 6 ޓަނުގެ ފޯކްލިފްޓް މައްސަލަ ބައްލަވައިދެއްވައި، އެ މައްސަލަ ނިންމަވާ ގޮތުގެ ތަފްޞީލް، މައްސަލަ ހުށަހަޅުއްވާފައިވާ ފަރާތް ޙިއްޞާކޮށްދެއްވުން އެދިވަޑައިގެން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވިއެވެ. މި މައްސަލައަކީ 14 ޖުލައި 2019 ގައި އެ ކުންފުނީގެ ފަރާތުން ކޮމިޓީއަށް ހުށަހަޅުއްވައި، 29 ޖުލައި 2019 ވަނަ ދުވަހު ބޭއްވުނު ކޮމިޓީގެ 22 ވަނަ ބައްދަލުވުމުގައި މަޝްވަރާކޮށް ނިންމާފައިވާ މައްސަލައެއްކަމަށާއި އެގޮތުން، މި މައްސަލައިގައި ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން މައްސަލައަށް ޙައްލެއް ހޯއްދެވުމަށް އެ ކުންފުންޏަށް ދަންނަވާފައިވާ ވާހަކަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މަޢުލޫމާތަށްޓަކައި ޙިއްސާކުރުމަށް ނިންމެވިއެވެ. 5. އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ "24 ވަނަ މާއްދާގެ (ށ)ގެ ދަށުން އެޗް.ޑީ.އެފް.ސީއަށް ޚާއްސަ އިސްތިސްނާ އެއް ލިބުމަކީ ކުންފުނީގެ ވިޔަފާރި ބިނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމަށާއި، ކެޕިޓަލް މާރކެޓް ތަރައްޤީކޮށް ކުރިއެރުވުމަށާއި، ކެޕިޓަލް މާރކެޓް ތަރައްޤީކޮށް ކުރިއެރުވުމަށް ލިބިގެންދާނެ ބާރަކަށް ވާނެކަމަށް ބަޔާންކޮށް ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުއްވާ، ކޮމިޓީއަށް ކޮޕީކޮށްފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވިއެވެ. މިއީ ކޮމިޓީގެ މަޢުލޫމާތަށްޓަކައި ފޮނުއްވާފައިވާ ސިޓީއެއްކަމުން، ސިޓީ މެންބަރުންނާ ޙިއްސާކުރެއްވުމަށްފަހު ފައިލް ކުރުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA