ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

11 މާރިޗު 2020 14:00

ނަންބަރު

16

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 16 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ކޮރަޕްޝަން ހުއްޓުވުމުގެ ގޮތުން ފިޔަވަޅު އެޅުމުގެ ގޮތުން ސަރުކާރުގެ އަދި ސަރުކާރު ޙިއްސާވާ ކުންފުނިތަކަށް އެ ކޮމިޝަނުން އަންގާފައިވާ އެންގުންތައް ފާހަގަކުރައްވާ ފޮނުއްވާފައިވާ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ނަންބަރު: 123-C4/57/2019/39 (11 ޖުލައި 2019) ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރެއްވުން ކުރިއަށް ގެންދެވިއެވެ. އެގޮތުން، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުންފުނިތަކަށް އަންގާފައިވާ އެންގުންތައް ވަކިވަކިން ދިރާސާކުރެއްވުމަށް ނިންމެވިއެވެ. 1. މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ޗީފް އެކައުންޓެންޓް އޮފީހުގެ ބޭނުމަށް ދީފައިވާ ކްރެޑިޓް ކާޑެއް އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާކަމަށް ބުނާ މައްސަލައިގެ ކަންކަން އެސް.ޓީ.އޯ ލޯޔަރއާ ގުޅިގެން ކުރިއަށްދާކަމަށް ވިދާޅުވެފައިވާތީ، އެ މައްސަލައާގުޅޭ ތިރީގައި ދަންނަވާފައިވާ މަޢުލޫމާތު ހޯއްދެވުމަށް ނިންމެވިއެވެ. • މައްސަލައިގެ މިހާރުގެ ސްޓޭޓަސް؛ • ޗީފް އެކައުންޓެންޓަށް ކުންފުނީގެ ބޭނުމަށް ދޫކޮށްފައިވާ ކާޑުން އަމިއްލަ ބޭނުމަށް ޚަރަދުކުރުމުގެ އުޞޫލެއް ހަމަޖެހިފައިވޭތޯއާއި، އެފަދަ އުޞޫލެއް ހަމަޖެހިފައިނުވާނަމަ، އެ މައްސަލައާ ގުޅިގެން ޗީފް އެކައުންޓެންޓާމެދު ކުންފުނިން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތަފްޞީލް (ޗީފް އެކައުންޓެންޓް މިހާރު ކުންފުނީގައި ވަޒީފާއަދާކުރަމުންދާނަމަ އެކަން އެނގޭގޮތަށް)؛ އަދި • ޗީފް އެކައުންޓެންޓް އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާ ފައިސާގެ ތެރެއިން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އެންގުމާ އެއްގޮތަށް މިހާތަނަށް ތިޔަ ކުންފުންޏަށް ދައްކަވާފައިވާ ފައިސާގެ ތަފްޞީލް. 2. އެސްޓީއޯ މުވައްޒަފަށް އައުޓްސްޓޭޝަން އެލަވަންސް ދީފައިވާ މައްސަލައިގައި ކުންފުނިން އިޞްލާޙީ ފިޔަވަޅު އަޅުއްވާފައިވާތީ، މި މައްސަލައިގައި އިތުރަށް ސާފުކުރަންޖެހޭ މަޢުލޫމާތެއް އޮތްކަމަށް ކޮމިޓީއަށް ނުފެންނަކަމަށް ނިންމެވިއެވެ. 3. ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް އިސްލާމިކް މިނިސްޓްރީއާއި ޕަބްލިކް ސަރވިސް މީޑިއާއާ ގުޅިގެން ހިންގަވާފައިވާ ޓެލެތޯނަށް ލިބޭ ފައިސާ ޖަމާކުރެއްވުމަށް ހުޅުވާފައިވާ އެކައުންޓް ބަންދުކުރެއްވުމަށް ކޮމިޝަނުން އަންގާފައިވާ އެންގުން، ޕަބްލިކް ސަރވިސް މީޑިއާއިން މިހާތަނަށް ތަންފީޒުކޮށްފައިނުވާތީ، މައްސަލައާގުޅޭ އިތުރު މަޢުލޫމާތު މިނިސްޓްރީ އޮފް ފިނޭންސް، ޕްބަލިކް ސަރވިސް މީޑިއާ އަދި ބޭންކް އޮފް މޯލްޑިވްސް އިން ހޯއްދެވުމަށް ނިންމެވިއެވެ. 4. ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑާ ގުޅޭގޮތުން ފާހަގަކުރައްވާފައިވާ މައްސަލައިގައި މިހާތަނަށް އެކުންފުނިން ކޮމިޓީއަށް ޖަވާބު އަރުވާފައިނުވާތީ، ކުންފުނިން މައްސަލައިގައި ޢަމަލުކޮށްފައިވާގޮތް ސާފުކުރެއްވުމަށް އަލުން ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ. މެންބަރުން ކޮމިޝަންގެ އެންގުންތަކާގުޅޭ ތަފްޞީލް ރިޕޯޓް ބައްލަވާލެއްވުމަށް ބޭނުންފުޅުވާތީ، ރިޕޯޓުތަކެއް ތައްޔާރުކުރައްވާފައިވާނަމަ އެ ރިޕޯޓުތަކުގެ ކޮޕީއެއް އަދި ރިޕޯޓެއް ތައްޔާރުކުރައްވާފައިނުވާނަމަ އެ އެންގުންތަކާ ގުޅޭ އިތުރު ތަފްޞީލު އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހޯއްދެވުމަށް ނިންމަވައި، ކޮމިޓީގެ ބައްދަލުވުން ނިންމަވާލެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA