ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

17 މާރިޗު 2020 12:30

ނަންބަރު

19

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 19 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރެއްވުމެވެ. އެގޮތުން ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، އެއްފަހަރު ބޭނުންކޮށް އެއްލާލާ ޕްލާސްޓިކް މަދުކުރުމަށްޓަކައި ބޭންކް ލޯން އަދި ބޭންކް އިންޓަރެސްޓް ލޯން އާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބޭނުންވާތީ ބައްދަލުވުމަކަށް އެދި ވީ.އޭ.އެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ މައްސަލައެވެ. މިމައްސަލަ ކޮމިޓީގައި މަޝްވަރާކުރެއްވުމަށްފަހު މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ހުށަހަޅުއްވައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ތާއީދުކުރެއްވީ ވީ.އޭ.އެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑުގެ ބޭފުޅުންނާއި ބައްދަލުކުރުމަށެވެ. މިހުށަހެޅުންވަނީ މި ހުށަހެޅުން ވަނީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވެފައެވެ. ދެވަނަ ކަމަކަށް ކުރިއަށް ގެންދެވީ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި އަލްމަރުޙޫމް ޢީސާ ޒާހިރުއާއި ހަވާލުކުރައްވާފައިވާ ރަޖިސްޓަރީ ނަންބަރު C-3416 A 01-10 މޯފާ 261 ދޯނީގެ އަގުގެ ތެރެއިން ބާކީ ނުދެއްކިވާ ފައިސާ ދައްކާ ޚަލާސްކުރުމަށް އެހީތެރިވެވަޑައިގެން ދެއްވުމުގެ ގޮތުން މަޖިލީހުގެ ތެރެއިން ނުވަތަ މޯލްޑިވްސް ޕެންޝަން އޮފީހުގައި ހުރި ފައިސާއިން ނަމަވެސް ދަރަނީގެ މައްސަލަ ހައްލުކޮށް ދެއްވުން އެދި އަމިއްލަ ފަރާތަކުން ފޮނުވާފައިވާ މައްސަލައެވެ. މި މައްސަލަ ކޮމިޓީގައި މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މިމައްސަލައާއި ގުޅޭ ގޮތުން މައުލޫމާތު ސާފުކުރެއްވުމަށްފަހު ގޮތެއް ނިންމެވުމަށެވެ. ތިންވަނަ ކަމަކަށް ކުރިއަށް ގެންދެވީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިންތިޒާމްކޮށްގެން ބޭއްވި "ފަންނު އެކްސްޕޯ 2019" މަޢުރަޒުގައި ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށްޓަކައި އެ މަޢުރަޒަށް ހުށަހެޅި އައިޓަމެއް އިންސާފުކޮށް ޖަޖްކޮށްފައިނުވާކަމަށް ޝައްކުކުރެވޭ ކަންތައްތަކެއްވާކަމަށް ފާހަގަކުރައްވައި އެ މައްސަލަތަކަށް އިންސާފު ހޯދައިދިނުމަށް އެދި އަމިއްލަ ފަރާތަކުން ފޮނުއްވާފައިވާ މައްސަލައެވެ. މިމައްސަލަ ކޮމިޓީގައި މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ، މިމައްސަލައާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން މައުލޫމާތު ސާފުކުރެއްވުމަށެވެ. ހަތަރުވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ގުޅިފަޅަށް ދެއްކި ފައިސާގެ އިތުރުން ގުޅީފަޅު ޕްރޮޖެކްޓް ހުއްޓާލުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ޙައްޤު ބަދަލު ހޯދައިދީ އެ ކަމުގައި ޝާމިލުވާ ފަރާތަތައް ހޯދާ އެ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށްއެދި މުޙައްމަދު މުސްޠަފާ ފޮނުވާފައިވާ މައްސަލައެވެ. މިމައްސަލަ ކޮމިޓީގައި މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ، މި މައްސަލައަކީ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކުންފުންޏަކާ ގުޅުންހުރި މައްސަލައަކަށްވާތީ އެ ކޮމިޓީއަށް މިމައްސަލަ ފޮނުވުމަށެވެ. ފަސްވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ދިވެހިރާއްޖޭގައި އިންވެސްޓްކުރައްވާ ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އެފަރާތްތަކުން ބޭންކުތަކުންނާއި އެހެނިހެން ފައިނޭންޝަލް އިންސްޓިޓިއުޓްތަކުން ނަގާފައިވާ ލޯނުތަކުން އިންޓްރެސްޓް ކެނޑުމަށްފަހު، ޓެކްސް ކަނޑައެޅޭނެ އިންތިޒާމް، މިހާރު ޓެކްސް ނަގަމުންދާ އުޞޫލު ޤާނޫނުތަކަށް ބަދަލުގެނެސްގެން ނަމަވަސް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެން 3 ކުންފުންޏަކުން ފޮނުއްވާފައިވާ މައްސަލައެވެ. މިމައްސަލަ ކޮމިޓީގައި މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ، އެ ކުންފުނިތަކުން ފާހަގަކުރައްވާފައިވާ މައްސަލަތަކާމެދު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ފެންނަ ގޮތެއް ސާފުކުރުމަށެވެ. ހަވަނަ ކަމަކަށް ކުރިއަށް ގެންދެވީ، 'މަސައްކަތްތެރިންގެ ޙައްޤުތަކަށް ހޭލުންތެރިކުރުމުގެ ފޯރަމް' ގައި މަޝްވަރާކުރެވުނު ކަންކަމުގެ މައްޗަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ފޮނުވާފައިވާ ރިޕޯޓުގެ މަސައްކަތެވެ. އެގޮތުން، މި ރިޕޯޓަކީ ކޮމިޓީއާއި ހިއްސާކުރުމަށް ފޮނުވާފައިވާ ރިޕޯޓެއްކަމުން ކޮމިޓީއާއި މި ރިޕޯޓު ހިއްސާކުރުމަށްފަހު މިއަދުގެ ބައްދަލުވުން ނިންމަވާލެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA