ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

7 އޭޕްރީލު 2020 14:30

ނަންބަރު

21

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 21 ވަނަ ބައްދަލުވުން

ޚުލާސާ

ދިވެހިރާއްޖޭގެ އިޤްތިޞާދަށް މި ވަގުތު ކުރަމުންދާ ނޭދެވޭ އަސަރުތަކާއި، މުސްތަޤްބަލުގައި އިޤްތިޞާދަށް ލިބިދާނެކަމަށް ލަފާކުރެވޭ ގެއްލުންތައް ދެނެގަތުމަށާއި، ދިވެހިރާއްޖޭގެ އިޤްތިޞާދު ސަލާމަތްކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރާއި ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރެއްވިއެވެ. އެގޮތުން ފާހަގަކުރައްވާފައިވާ މުހިއްމު ނުކުތާތަކަކީ:  ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި އެހެންވެސް އިޤްތިޞާދީ އެކިއެކި ދާއިރާތަކަށް ނޭދެވޭ ބޮޑެތި ގެއްލުންތައް ކުރިމަތިވެ، އެކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ބޮޑު ހީނަރުކަމެއް އަންނާނެކަމަށް ލަފާކުރެވޭކަމަށާއި، އެގޮތުން އިޤްތިޞާދަށް ކުރަމުންދާ ގެއްލުންތައް ދެނެގަނެ، އެ ގެއްލުންތައް ކުޑަކުރުމަށް މި ވަގުތަށް އެމް.އެމް.އޭގައި ބޭނުންކުރެވެންހުރި ހުރިހާ ވަޞީލަތްތައް ބޭނުންކޮށް، މިހާރުން މިހާރަށް މުހިންމު ސިޔާސަތުތައް އެކުލަވާލާ ހިންގުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް؛  މާލީ ނިޒާމަށް ކުރިމަތިވާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ބޭންކުތަކާއެކު މަޝްވާރާކުރެވި އަޅާނެ ފިޔަވަޅުތައް ކަނޑައެޅިފައިވާކަމަށާއި، ރާއްޖޭގެ ވިޔަފާރިތަކަށް ކުރާ އަސަރު ކުޑަކުރުމަށާއި، މުވައްޒަފުންގެ ވަޒީފާ ގެއްލުނަ ނުދިނުމަށްޓަކައި މާލި އިދާރާތައް މެދުވެރިކޮށް ކުރެވޭނެ ކަންކަން ބަލަމުންދާކަމަށާއި، ބޭންކުތަކަށް ލިކުއިޑިޓީގެ ދަތިކަމެއް ދިމާވިޔަ ނުދިނުމަށްޓަކައި ލިކުއިޑިޓީ ފޯރުކޮށްދިނުމުގެ އިންތިޒާމުތައްވެސް ރޭވިފައިވާކަމަށް؛  އައި.އެމް.އެފްގެ މާލީ އެހީތެރިކަން ހޯދަނީ އައި.އެމް.އެފްގެ ރެޕިޑް ކްރެޑިޓް ފެސިލިޓީގެ ގޮތުގައި މުޅި ދުނިޔެއަށް ހުޅުވާލި ފެސިލީޓީގެ ދަށުން އެ ޤައުމެއްގެ އެސް.ޓީ.އާރްގެ އެލޮކޭޝަންގެ ދަށުން އޭގެ %50 (ފަންސާސް އިންސައްތަ) އެ ފަރާތުން ދޭގޮތަށްކަމަށާއި، ފެސިލިޓީއަކަށްވުމާއެކު އެއްވެސް ކޮންޑިޝަނެއް ނޯންނާނެކަމަށާއި، ބޭސްލައިން ޑޭޓާތައް އެ ފަރާތާ ހިއްސާކުރެވިފައިވާކަމަށާއި، އައި.އެމް.އެފްގެ ބޯޑު ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށްފަހު އެޕްރޫވްކުރުމުން ފެސިލިޓީ ހަމަޖެހިގެންދާނެކަމަށް؛  ބޭންކްތަކުގެ ލިކިއުޑިޓީ 33% (ތިރީސް ތިނެއް އިންސައްތަ( އިތުރުކުރެވިފައިވާކަމަށާއި، ޒަރޫރީ ބޭނުންތަކަށާއި ކާބޯތެކެއްޗާއި ބޭހުގެ ކަންކަމަށް އިސްކަންދިނުމަށް އަންގާފައިވާނެކަމަށް؛  ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގެ އިޤްތިޞާދަށް އަސަރުކުރާނެ މިންވަރު ދެނެގަތުމަށް ސިނާރިއޯތަކެއް ހެދިފައިވާކަމަށާއި، އެގޮތުން އެންމެ ގޯސް ސިނޭރިއޯއަކަށްވާނީ ޖީ.ޑީ.ޕީ ގްރޯތް ދަށަށްދާނެކަމަށް ބަލާ ސިނާރިއޯކަމަށާއި، އެކަން ދެނެގަތުމަށް ބޭނުންކޮށްފައިވާނީ ގްލޯބަލް ފައިނޭންޝިއަލް ކްރައިސިސްއާއި ސުނާމީގައި އަސަރުކުރި މިންވަރުތަކަށްކަމަށާއި އެގޮތުން ވާސްޓް ކޭސް ސިނާރިއޯގައި ފާހަގަކޮށްފައިވާ ހިސާބަށް ގޮސްފިނަމަ ޙާލަތު ވަރަށް ދަށަށްދާނެކަމަށާއި، އެ ޙާލަތުގައި ފަތުރުވެރިން ދިވެހިރާއްޖެއަށް އެއްވެސް ވަރަކަށް ނާންނާނެކަމަށް، ނުވަތަ ވަރަށް މަދުން އަންނާނެކަމަށް އަންދާޒާކޮށްފައިވާނެކަމަށާއި، އެ ސިނާރިއޯގައި ދެން ކުރަންޖެހޭނެކަމަކީ ބޭރުގެ އެހީތަކަށް މިއަށްވުރެ ބޮޑަށް ބަރޯސާވެ ދިވެހިރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް މަސައްކަތްކުރުންކަމަށް؛  އެމް.އެމް.އޭއާއި ރިޒަރވް ބޭންކް އޮފް އިންޑިއާއާ ދެމެދު ވެފައިވާ ސްވޮޕް އެގްރީމެންޓުގެ ދަށުން ސަތޭކަ ފަންސާސް މިލިއަން އެމެރިކާ ޑޮލަރުގެ ސްވޮޕް ފެސިލިޓީއެއް ހޯދުމަށް ހަމަޖެހިފައިވާކަމަށާއި އެ ފެސިލިޓީގެ މުއްދަތަކީ 6 (ހައެއް) މަސްދުވަސްކަމަށާއި، ކުރިއަށްދާނީ ވަން ރޯލް އޯވަރއެއްގެ ގޮތުގައި ހުޅުވާލައިގެންކަމަށް؛  ޔޫސަބަލް ރިޒަރވްގެ ގޮތުގައި މިވަގުތު ހުރީ 260.9 މިލިއަން ޑޮލަރު، ސްވޮޕް ރިޒަރވްގެ ގޮތުގައި 721.4 މިލިއަން ޑޮލަރު އަދި ސޮވަރިންގ ޑިވެލޮޕްމަންޓް ފަންޑްގެ ޖުމްލަ ޢަދަދުގެ ގޮތުގައި 1.8 ބިލިއަން ރުފިޔާކަމަށް؛  ޕޭމަންޓް ގޭޓްވޭ ލޯންޗްކުރުން އޮތީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެ މަސައްކަތް ލަސްވެގެންދާނެކަމަށް؛  ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުންވާ ޑޮލަރުގެ އަންދާޒާއެއް ހެދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިނޭންސާއެކު ކުރިއަށްދާކަމަށް؛

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA