ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

4 މޭ 2020 21:00

ނަންބަރު

25

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 25 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ހިންގެވުމަށް ނިންމަވާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައާމެދު ގޮތެއް ނިންމަވައި، ތިރީގައި ދަންނަވާފައިވާ ރިކޮމެންޑޭޝަންތައް ހިމަނައިގެން ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުއްވުމަށް ނިންމެވިއެވެ. ހުށަހެޅުން 1: ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖެއަށް އިޤްތިސާދީ އަދި ފިސްކަލް ގޮތުން އެތައް ގެއްލުމެއް ކުރިމަތި ކުރުވާނެ ކާރިސާއަކަށް ވީހިނދު، މި ވަރިރަސްގެ ސަބަބުން ރާއްޖޭގެ އިޤްތިސާދީ އުފެއްދުންތެރިކަން ވަރަށް ބޮޑުތަން ދަށްވެ، ދައުލަތަށް ލިބޭ އާމްދަނީވެސް 2020 ވަނަ އަހަރަށް ލަފާކުރި މިންވަރާ އަޅައިބަލާއިރު ދެބައިކުޅައެއްބަޔަށްވުރެ ބޮޑަށް ދަށްވެފައިވީހިނދު، މި ކާރިސާއިން އަރައިގަތުމަށް، ދައުލަތުގެ ހުރިހާ އޮފީސްތަކާއި، ރައްޔިތުންގެ މަޖިލީހާއި ސަރުކާރު ޙިއްޞާވާ ހުރިހާ ކުންފުނިތަކުން ސަރުކާރަށް އެއްބާރުލުން ދެއްވުމަށް ދެންނެވުމަށް؛ ހުށަހެޅުން 2: ދިވެހި ރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުންދާ ދުވެލި މަޑުވާ މިންވަރު ބިނާވެގެންދާނީ ދުނިޔޭގައި މިބަލިމަޑުކަން ފެތުރެމެންދާ ނިސްބަތަށާއި މިބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވެގެންދާނެ މާލީ އަދި އިޤްތިޞާދީ ހީނަރުކަން ކުޑަކުރުމަށްޓަކައި ދިވެހި ސަރުކާރުތަކުންނާއި ދުނިޔޭގެ މާލީ އިދާރާތަކުން ތަންފީޒުކުރާ ފިޔަވަޅުތަކުގެ މައްޗަށްކަމަށްވުމުން، މިކާރިސާއިން އަރައިގަތުމަށް ނިންމުންތައް ނިންމުމުގައި، އެމް.އެމް.އޭ، މިނިސްޓްރީ އޮފް ފައިނޭންސް އަދި ކަމާގުޅުން ހުރި އެހެނިހެން އިދާރާތަކުންނާއި، ފަންނީ ބޭފުޅުންގެ ލަފާއާއެކު މަޝްވަރާގެ އުޞޫލުން ކަންކަން ނިންމުމަށް އިލްތިމާސްކުރުން؛ ހުށަހެޅުން 3: ކޮވިޑް-19ގެ ސަބަބުން ޖުމްލަ ގޮތެއްގައި އާމްދަނީ ދަށްވާ މިންވަރު، އިމްޕޯޓު ދަށްވާމިންވަރަށް ވުރެ މަތި ވާނެކަމަށް ބެލެވޭތީ، އެކްސްޗޭންޖް ރޭޓް ދެމެހެއްޓުމަށް ރިޒާވުން ހޭދަކުރާ މިންވަރު އިތުރުވާނެކަމަށް ބެލެވޭތީއާއި، އިތުރު ބޭރު ފައިސާގެ އާމްދަނީ ނުލިބި، އިތުރަށް ޚަރަދުކުރަން ޖެހުމުން ބޭރު ފައިސާގެ ރިޒާވް ދަށްވެ، ދައުލަތުގެ ރިޒާވަށް އަންނަ ދަތިކަން އިތުރުވެ، އެކްސްޗޭންޖް ރޭޓަށް އޮންނަ ޕްރެޝަރު ބޮޑުވާނެތީ، މި ޕްރެޝަރުކުޑަކުރުމަށް ސަރުކާރުންނާއި އެމް.އެމް.އޭ އިން އަޅާ ފިޔަވަޅުތަކާއި، ބޭނުންކުރާ ވަސީލަތްތައް މާލިއްޔަތު ކޮމިޓީންއިން މޮނިޓަރކުރުމަށް؛ ހުށަހެޅުން 4: ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖެއަށް ލިބޭ ބޭރުފައިސާގެ އާމްދަނީ ދަށަށް ދަމުންދާތީ، ރާއްޖޭގެ އެތެރޭގެ ބޭނުންތަކަށް އެތެރެ ކުރާ މުދާ ނުވަތަ އިމްޕޯޓަށާއި، ދަރަނި އަދާކުރުމަށާއި އެ ފަދަ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ބޭނުންވާ މިންވަރަށް ނުލިބުމަކީ އެކަށީގެންވާކަމަކަށްވާތީ، މިކަންކަން ފޫބެއްދުމަށް ސަރުކާރުން ހިލޭ އެހީ އާއި ދަރަނީގެ ގޮތުގައި ބޭރު ފައިސާ ހޯދުމަށް ކުރާ މަސައްކަތްތައް މާލިއްޔަތު ކޮމިޓީންއިން މޮނިޓަރކުރުމަށް؛ ހުށަހެޅުން 5: ސިއްޙީ އަދި ޑިޒާސްޓަރ މެނޭޖްމަންޓަށް ކުރާ ޚަރަދުތަކާއި އަދި މީގެ އިތުރަށްވެސް ކޮވިޑް-19 އާ ގުޅިގެން ކުރަން ޖެހޭ ޚަރަދުތަކަށް ބޭނުންވާ ބަޖެޓު މިނިސްޓްރީ އޮފް ފިނޭންސްއިން ހަމަޖައްސަވަމުން ގެންދަވަނީ އޮފީސްތަކުގެ އާންމު ބަޖެޓުގައި ހިމެނޭ ފައިސާއިނާއި، ކޮންޓިންޖަންސީ ބަޖެޓުގެ ތެރެއިންކަމަށްވުމާއެކުއާއި، 2020 ވަނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އަދި ހިލޭ އެހީ ގޮތުގައި އަންދާޒާކުރި އަދަދަށް ބަދަލުއައިސްފައިވާތީ، 2020 އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަށް އައިސްފައިވާ ބަދަލުތައް ހިމެނޭ ސަޕްލިމެންޓަރީ ބަޖެޓެއް ފޮނުއްވުމަށް މިނިސްޓްރީ އޮފް ފައިނޭންސަށް ދެންނެވުމަށް؛ ހުށަހެޅުން 6: ދިވެހިރާއްޖެއަށް މިވަގުތު ދިމާވެފައިވާ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށާއި، ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ނަގާފައިވާ ދަރަންޏާއި، ފައިސާގެ ސަޕްލައި އިތުރުކޮށްފައިވާ މިންވަރަށް ބަލައި އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރަން ޖެހިފައިވާތީ، މި އާމްދަނީ ހޯދުމަށް ޓެކްސް ރޭޓް ތައް ބަދަލުކޮށް، ޓެކްސް ބޭސް ފުޅާ ކޮށް، ޔޫޒަރ ފީތައް ނެގުމަށާއި، ފީތައް ބޮޑުކުރުން ފަދަ ކަންތައްތައް ކުރުމަށް ގަސްދުކުރައްވާނަމަ، އަމްދަނީ އިތުރުކުރުމަށް އަޅުއްވަން ގަސްދުކުރައްވާ ކަންތައްތަކުގެ ޕްލޭނެއް އެކުލަވާލައި މީގެ ސަބަބުން ރައްޔިތުންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރާނެ އަސަރު ދެނެގަނެ، އޭގެ ތަފްސީލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މިނިސްޓްރީ އޮފް ފައިނޭންސަށް ދެއްނެވުމަށް، (ޓައިމްލައިން) ހުށަހެޅުން 7: ދައުލަތުގެ ޙަރަދުތައް ސަރުކާރުގެ ޑެފިސިޓް ފައިނޭންސް ނުކުރެވޭނެ މިންވަރަށް އިތުރުވެގެން ދިޔަނުދީ ހިފެހެއްޓުމަށް، މެދުރާސްތާގައި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އަޅުއްވަން ގަސްދުކުރައްވާ ފިޔަވަޅުތަކާއި، އަދި ޙަރަދުކުޑަކުރުމަށްޓަކއި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ހިލޭ ޑިގްރީއަށް ކިޔެވޭނެ އިންތިޒާމުގެ އުސޫލުތަކަށް ނުވަތަ ސަބްސިޑީ ދިނުމަށް ހަމަޖެހިފައިވާ އުސޫލުތަކަށް ބަދަލުގެންނަންޖެހޭ ނަމަ އޭގެ ތަފްސީލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މިނިސްޓްރީ އޮފް ފައިނޭންސަށް ދެއްނެވުމަށް،(ޓައިމްލައިން) ހުށަހެޅުން 8: ރާއްޖެ އެތެރެވާ ބޭރު ފައިސާގެ މިންވަރު ދަށްވާނެކަމަށް ބެލެވޭތީ މި ދަނޑިވަޅުގައި ސަރުކާރުގެ ބޭރުފައިސާގެ އެކިއެކި ޚަރަދުތައް މަދުކުރުމަށާއި، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރާ ބޭރުފައިސާގެ ޚަރަދުތައް ކުޑަކުރުމަށާއި، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ފަސްކުރުން ނުވަތަ ރީ-ސްޓްރަކްޗަރ ދެންނެވުމަށް؛ ހުށަހެޅުން 9: ދަރަނީގެ ޚިދުމަތުން ރިޒާވަށް އަންނަ ޕްރެޝަރު ކުޑަކުރުމަށްޓަކއި، ދަރަނި ދޫކޮށްފައިވާ ފަރާތްތަކާއެކު މަޝްވަރާކޮށް ދަރަނީ އަނބުރާ ދެއްކުމުގެ ޝެޑިއުލް ބަދަލުކުރުމުގެ މަސައްކަތްކުރުމަށާއި، އަދި ދައުލަތުން ގެރެންޓީ ދޫކޮށްފައިވާ ލޯނުތަކާ ގުޅިގެންވެސް ދައުލަތަށާއި ރިޒާވަށް ބުރަ ބޮޑުވެގެން ދާނެކަމަށް ބެލެވޭތީ، މި ލޯނުތައްވެސް ރީނިގޯޝިއޭޓް ކުރުމުގެ މަސައްކަތްކުރުމަށް މިނިސްޓްރީ އޮފް ފައިނޭންސަށް ދެންނެވުމަށް؛ ހުށަހެޅުން 10: ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ބަޖެޓް ލައިން ތަކުން ކަނޑަން ޙިޔާރުކުރައްވައިފައިވާ ގޮތަ ތަފްޞީލް ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށް އެންގުމަށާއި، އަދި އެއުސޫލުތަކައި އެއްގޮތަށް ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ބަޖެޓް ރިވައިސްކޮށް ހުށަހެޅުމަށް ދެންނެވުމަށް ހުށަހެޅުން 11: މެޑިކަލް ކޮންސިއުމަބަލްސް ހޯދުމަށް ކުރާ ހުރިހާ ޚަރަދުތައް ސެންޓްރަލައިޒްކުރުމަށާއި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ސިއްޙީ ޙިދުމަތްތައް އެންމެ ބޭނުންވާ ބޭސް އަދި ކޮންސިއުމަބަލް ހުރި މިންވަރާއި އަދި ސްޓޮކް ބެލެހެއްޓެނެ ނިޒާމެއް އެސްޓީއޯ މެދުވެރިކޮށް ޤާއިމްކުރުން. ހުށަހެޅުން 12: ސަބްސިޑީ ދިނުމުގެ އުސޫލުތައް ރިވައިސްކޮށް ޔުނިވަރސަލް ހެލްތް ކަވަރޭޖްގެ މޮޑެލްއަކާއި އަދި ސޯޝަލް ސެކިއުރިޓީ ނެޓެއް ޤާއިމްކުރުމަށް މިހާރު ރާއްޖޭގެ ހާލަތު ދިރާސާކޮށް އަދި އެއްކުރެވިފައިވާ ތަފާސް ހިސާބަށް ބަލާ އެކުލަވާލެވޭ ރަގަޅު ޕްލޭނެއް އެކުލަވައިލުމަށާއި، އަދި މިޕްލޭން އަކީ ސަރުކާރުން ބަޖެޓަށް ބުރަބޮޑުނުވައި ގޮތަކަށް ބައްޓަންކުރެވޭ ޕްލޭންއަކަށް ކަށަވަރުކުރުމަށް މިނިސްޓްރީ އޮފް ފައިނޭންސަށް ދެންނެވުން؛ ހުށަހެޅުން 13: އިންޓަރ ނެޝެނަލް ޕޭމަންޓް ގޭޓްވޭގެ މަސައްކަތް ރައްޔިތުންނަށް އޭގެ މަންފާ ލިބޭނެގޮތް އަވަސްކުރުމަށް، މަސައްކަތް ކުރުމަށް އެމް.އެމް.އޭ އަށް ދެންނެވުމަށް؛ ހުށަހެޅުން 14: އޮޑިޓަރ ޖެނެރަލްގެ އޮފީހުން ރެގިއުލަރ ރިޕޯޓިން އިތުރުކޮށް، ކޮވިޑް 19 އާއި ގުޅިގެން ސަރުކާރުން އެކުލަވާފައިވާ ސިޓިމުލަސް ޕެކޭޖު، ހެލްތް ސެކްޓަރ އަދި އެހިނިހެން ޙަރަދުތައް، އަދި ސަރުކާރަށް ލިބޭ ހިލޭ އެހީއާއި ލޯނުތައް، ޙަރަދު ކުރާގޮތް ބަލައި ކޮއާޓަލީކޮށް ރިޕޯޓެއް މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުން ހުށަހެޅުން 15: އިޤްތިސާދުގައި ހަރަކާތްތެރިވާ ކުދި، މެދު އަދި ބޮޑެތި ވިޔަފާރިތަކަށް ކުރާނެ އަސަރުތަކަށް ރިޢާޔަތްކޮށް، އިކޮނޮމިކް ރިލީފް ޕެކޭޖް އަދި އިންކަމް ސަޕޯޓް ޕްރޮގްރާމްއެއް ފެށިފައިވާހިނދު، އަދި ލޯންގް ޓަރމްގައި އިޤްތިސާދަށް ކުރާ އަސަރަށް ބަލައި، އިތުރު ސްޓިމިއުލަސް ޕެކޭޖުތައް ތަޢާރަފްކުރަން ޖެހޭނެނަމަ، މީގެ ސަބަބަން އެކްސްޗޭންޖު ރޭޓަށް ބުރަބޮޑުވާނެ މިންވަރު ދެނެގަތުމަށާއި، ވިޔަފާރިތައް ފްލޯޓްކޮށްފައި ބޭއްވުމަށް އިންފްލޭޝަން އިތުރުވުމަކީ ގައުމުގައި މުސައްދިނާއި ފަގީރުންގެ ފަރަޤުއިތުރުވެގެންދާނެކަމަކަށްވުމުން، މި ފަރަޤުކުޑަކުޑަކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް، މިނިސްޓްރީ އޮފް ފައިނޭންސަށް ދެންނެވުމަށް؛ ހުށަހެޅުން 16: ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ އިޤްތިޞާދީ ލޮޅުމާއެކު، ދިވެހިރާއްޖޭ ފަދަ ޖަޒީރާ ޤައުމެއްގެ "ލޯންގްޓަރމް ޑިވެލޮޕްމަންޓް ގޯލްސް"ތައް މުރާޖަޢާކުރަން ޖެހިފައިވާކަމާއި، ދިވެހިރާއްޖޭގެ އިޤްތިޞާދު މައިގަނޑު ގޮތެއްގައި ބަރޯސާވެފައިވަނީ ޓޫރިޒަމް ދާއިރާއަށްކަމުން، ޓޫރިޒަމް ނޫން އެހެން ދާއިރާއަކަށް ފޯކަސް ބަދަލުކޮށްލުމަށް، މަސްވަރިކަން، ދަނޑުވެރިކަން ފަދަ އެހެނިހެން ދާއިރާތަކުން އިޤްތިޞާދު ބިނާކުރުމަކީ މުހިއްމުކަމެއްކަމާއި، އަދި އަމިއްލަ އުފެއްދުންތައް އިތުރުކޮށް ބޭރުގެ އުފެއްދުންތަކަށް ބަރޯސާވުން ކުޑަކުރުން މުހިއްމުކަމާއި، އަދި ޤައުމުގެ ބެލަންސް އޮފް ޕޭމަންޓްސް ރަންގަޅުކުރުމަށް އިންޕޯޓް ސަބްސްޓިޓިއުޝަން، އިންޑަސްޓްރައިލައިޒޭޝަން އަދި އެކްސްޕޯޓް އޮރިއެންޓެޑް އިންޑަސްޓްރައިލައިޒޭޝަން މޮޑެލް ވުޖޫދަށް ގެނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް މިނިސްޓަރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ދެންނެވުމަށް؛ ހުށަހެޅުން 17: މަސްވެރިކަމުގެ ސިނާޢަތަކީ ކުރިއެރުވުމަށް ސްޓޯރޭޖް ފެސިޓީއިތުރުކޮށް، ވެލިއު-އެޑިޝަން ކެޕޭސިޓީ އިތުރުކޮށް އަދި ރާއްޖެއިން ބާނާ ކަންނެލި އަދި ކަނޑުމަހުގެ 90 އިންސައްތަ އެކްޕޯޓްކުރެވެނީ ތައިލެންޑަށްކަމަށްވުމާއެކު، މިތަކެތި ރާއްޖޭގެ ކޭނަރީތަކުގައި ޕްރޮސެސްކުރުމުގެ ކެޕޭސީޓީ އިތުރުކުރުމުން ދިގުރާސްތާގައި ރާއްޖެއަށް މާލީގޮތުން ކުރާނެ ފައިދާ ބޮޑުވެގެންދާނެކަމަށްވާތީ، މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ޕްރައިވެޓް އަދި ޕަބްލިކް ކުންފުނިތައް ހިމެނޭގޮތަށް ޕްލޭނެއް އެކުލަވާލުމަށް ސަރުކާރަށް ދެންނެވުމަށާއި، އަދި ދިވެހިރާއްޖޭގެ ކޭނަރީތައް އިތުރުރައް ތަރައްޤީކުރުމަށް ދޭންޖެހޭ މާލީ ސަޕޯޓުދިނުމުގެ އިންތިޒާމުތައް ހަމަޖައްސަވައި ދެއްވުމަށް ސަރުކާރަށް ދެންނެވުމަށް؛ ހުށަހެޅުން 17: ސަރުކާރަށް ކްރެޑިޓް ފެސިލިޓީތަކަށް ފަސޭހައިން އެކްސެސްވެވޭނެގޮތް ހެދުމަށާއި، އަދި ފައިނޭންސް ކޮސްޓް ދަށްކޮށް، ފައިނޭންޝަލް ސްޓެބިލިޓީ ޤާއިމްކޮށް، ކޮންސިއުމަރސް އަދި އިންވެސްޓަރުންގެ ޙައްޤުތައް ހިމާޔަތްކޮށް އަދި ސްޕިއުރިންގ ފިންޓެކް އިނޮވޭޝަން spurring fintech innovation)) ގެނެއުމަށް، ދިވެހިރާއްޖޭގެ މާލީ ދާއިރާގެ ޤާނޫނީ އޮނިގަނޑު މުރާޖަޢާކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ގުޅިގެން، އަވަސް ފުރުޞަތެއްގައި ކުރުމަށް ދެންނެވުމަށް؛ ހުށަހެޅުން 18: ދިވެހިރާއްޖޭގެ ރުފިޔާ، ޔޫ.އެސް.ޑޮލަރަށް އެކްސްޗޭންޖް ކުރާ ރޭޓަކީ އެއްވަރެއްގައި ވަކި ބޭންޑެއްގެ ތެރޭގައި ހިފެހެއްޓިފައިވާ ރޭޓަކަށްހެދުމަށް، އެދެވޭ ފޮރިން އެކްސްޗޭންޖް ރިޒާވްއެއް ބެހެއްޓުމަކީ މުޙިއްމުކަމެއްކަމަށާއި، ދިވެހިރާއްޖެއިން 'ގުޑޮޓީ-ގްރީންސްޕޭން ރޫލް' (Guidotti–Greenspan rule) ނުވަތަ ރިޒާވްގެ ރޭޝިއޯ އެއްއަހަރު ދުވަހުގެ ބޭރުގެ ދަރަންޏާ ދޭތެރޭ ހިފަހައްޓުމަށް ފޮރިން އެކްސްޗޭންޖް ރިޒާވް އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ދެންނެވުމަށް؛ ހުށަހެޅުން 19: ކޯޕަރޭޓް ރިސްކް ކުޑަކުރުމަށް އިންޝުއަރެންސްގެ ޚިދުމަތްތައް މުޙިއްމުކަމާއި، ކޮވިޑް-19 ގެ ބަލިމަޑުކަމުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް އައިސްފައި ލޮޅުމަށް ބަލާއިރު ކުރިއަށް އޮތްތަނުގައި، އިންޝުއަރެންސް ޕޮލިސީތައް ހަރުދަނާކުރަންޖެހޭކަން ފާހަގަވާކަމާއި، ކުރިޔަށް އޮތް މުސްތަޤްބަލުގައި އިންޝުއަރެންސް ޕްރޮޑަކްޓްތައް އެކުލަވާލާއިރު، އޭގެއިން ވަޒީފާ ގެއްލުމުން އެ ގެއްލޭ އާމްދަނީއާއި، އަދި ކޮވިޑް-19 ފަދަ ބަލިމަޑުކަމުން ވިޔަފާރިތަކަށް (ޚާއްސަކޮށް ޓޫރިސްޓް ރިސޯޓްތަކަށް) އަންނަ ލޮޅުންތަކަށާއި (މުވައްޒަފުންނަށް ޞިއްޙީގޮތުން ދިމާވާ ނުރައްކާތައް ހިމެނޭގޮތަށް) އެދެވޭ ކަވަރޭޖްއަށް ލިބޭގޮތަށް ބައްޓަންކުރުން މުހިއްމުކަމާއި، މިގޮތަށް އިންޝުއަރެންސް ޕްރޮޑަކްޓްތައް ބައްޓަންކުރެވިއްޖެ ނަމަ، މިފަދަ ކާރިސާތަކުން އަރައިގަތުމަށް ސަރުކާރަށް ބަރޯސާވުން ކުޑަކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ދެންނެވުމަށް؛ ހުށަހެޅުން 20: ސަރުކާރުން އިންޓަރނޭޝަނަލް ރިޒާވްގެ އިތުރުން، މުހިންމު އަދި ތަރައްޤީވަމުން އަންނަ ދާއިރާތަކަށާއި، އެސެޓްސް ފުޅާކުރުމަށާއި، ވަޒީފާ އުފެއްދުމާއި، ބޭރު ދުނިޔޭގެ ކެޕިޓަލް މާކެޓަށް ޚާއްޞަކޮށްގެން ސޮވެރިން އިންވެސްޓްމަންޓް ފަންޑް ޤާއިމްކުރުމަށް ސަރުކާރަށް ދެންނެވުމަށް.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA