ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

15 ޖުލައި 2019 14:00

ނަންބަރު

17

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 17 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މަސައްކަތްތައް ހަރުދަނާކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން މެންބަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު ކޮމިޓީގައި ހާޒިރުވެވަޑައިގެން މެންބަރުންގެ އަޣްލަބިއްޔަތުން ނިންމެވީ، ތިރީގައި ދެންނެވިފައިވާ ކަންތައްތައް ހިމަނައިގެން ކޮމިޓީ ރިޕޯޓް އެކުލަވާލެއްވުމަށްފަހު ތަޅުމަށް ފޮނުއްވުމަށެވެ. 1. ޤާނޫނު ނަންބަރު 2013/3 ގެ 3 ވަނަ މާއްދާގެ (ހ)ގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް، އެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާއި 9 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ރާއީސުލްޖުމްހޫރިއްޔާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް މެންބަރުން އަލުން ޢައްޔަންކުރައްވާ، އެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމަށް؛ 2. ބޯޑަށް މީހުން ޢައްޔަންކުރުމުގައި، ބޯޑުގެ މަސައްކަތް އެއް ވިސްނުމެއްގައި ދެމިގެންދާނެ އުސޫލެއް ދެމެހެއްޓުމަށްޓަކައި، ބޯޑުގެ މެންބަރުކަމަށް ފުރަތަމަ ޢައްޔަންކުރާ މެންބަރުންގެ ތެރެއިން 4 މެންބަރުން ވިދިގެން އަންނަ ދައުރަށްވެސް، މި ޤާނޫނުގައި ބަޔާންކޮށްފައިވާ ބޯޑުގެ މެންބަރުންގެ ކިބައިގައި ހުރުން ލާޒިމްވާ ޝަރުތުތައް ފުރިހަމަވާނަމަ ޢައްޔަންކުރަންވާނެއެވެ. އަދި މި އުސޫލު، ބޯޑަށް މެންބަރުން ޢައްޔަންކުރުމުގައި ދަމަހައްޓަމުން ގެންދަންވާނެކަމަށް ޤާނޫނު ނަންބަރު 2013/3 ގެ 4 ވަނަ މާއްދާގެ (ރ) ބަޔާންވެފައިވުމާއެކު، މި މާއްދާ އިޞްލާޙުކުރުމަށް ލަފާދިނުމަށް؛ 3. ޤާނޫނު ނަންބަރު 2013/3 ގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ޤާނޫނުގައި ބަޔާންކުރައްވާފައިވާ މަސްޢޫލިއްޔަތު އަދާކޮށް، ޤާނޫނުގައި ހިމެނޭ ކަންތައްތައް ފުރިހަމަ ގޮތުގައި ތަންފީޒުކޮށް ހިންގޭނެ އިދާރީ އޮނިގަޑު ހެދުމަށާއި އަދި ބޭނުންވާ ޤާބިލް މުވައްޒަފުން ލުމަށް ބޭނުންވާ ބަޖެޓާއި އަދި އެހެނިހެން އިންތިޒާމުތައް ސަރުކާރުގެ ތެރެއިން މަގު ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓްރީ އޮފް ފިނޭންސަށް ދެންނެވުމަށެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA