ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

21 މޭ 2020 20:30

ނަންބަރު

30

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 30 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ މިނިސްޓްރީ އޮފް ޓުއަރިޒަމް އިން އެކުލަވާލާފައިވާ "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން" (އެމް.އެސް.ޓީ.ޖީ) ގެ ފުރަތަމަ ދެލިކޮޕީގެ މަސައްކަތެވެ. އެގޮތުން، މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ފޮނުވާފައިވާ ދެލިކޮޕީއާއި ގުޅިގެން މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި ބައްދަލުކުރައްވައި މައުލޫމާތު ސާފުކުރެއްވިއެވެ. މިނިސްޓަރ ފާހަގަކުރެއްވި މުހިންމު ނުކުތާތަކުގެ ތެރޭގައި: • ދެލިކޮޕީ ތައްޔާރުކޮށްފައި އޮތް ޙާލަތަކީ މިހާރު އަންދާޒާކުރާ ޙާލަތެއް ނޫންކަމަށާއި، ދެލިކޮޕީގައި އެވަނީ ކޮވިޑް-19 އިތުރަށް ފެތުރިގެންދާ ޙާލަތުގައި ފަތުރުވެރިންގެ ތެރެއިން ދިވެހިރާއްޖޭގެ ރިޒޯޓުތަކަށް ނުވަތަ ދިވެހިރާއްޖެއަށް އައިސް ދިގު މުއްދަތަކަށް ކަރަންޓީނުވާން ބޭނުންވާ ފަރާތްތަކަށް ބޯޑަރު ހުޅުވުމަށް ނުވަތަ ހުއްދަތައް ދިނުމަށް ބޭނުންވާ ކަންކަންކަން؛ • މި ގައިޑްލައިން އެކުލަވާލުމުގައި ދިވެހިރާއްޖެއަށް އައި ޑޮކްޓަރުންގެ މެޑިކަލް ޓީމާއި ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައި މިކަމުގައި ގެންގުޅޭ މިންގަނޑުތަކަށާއި ޑަބްލިޔުއެޗްއޯގެ ގައިޑްލައިންތަކާއި ޔޫއެން-ޑަބްލިޔުޓީއޯގެ ލަފަޔާއި އިރުޝާދު، އަދި މިނޫނަސް ޢާންމު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ މިންގަނޑުތަކަށް ބަލާފައިވާނެކަމަށާއި މިއީ ޕްރީ ބޯޑަރ އޯޕަނިންގ ފޭސްގައި އޮތް ޙާލަތުގައި އެކުލަވާލެވުނު ދެލިކޮޕީއެއްކަމަށް؛ • މިއަދާ ހަމައަށް ބަލާއިރު، އެ ދެލިކޮޕީއަށް އިޞްލާޙްތައް ގެނެވި މިހާރު މަސައްކަތްކުރަމުންދަނީ ތިންވަނަ ދެލިކޮޕީގެ މަސައްކަތްކަމަށާއި ތިންވަނަ ދެލިކޮޕީއަށް ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކާއެކު މަޝްވަރާތައް ކުރަމުންދާކަމަށާއި ވަކިން ޚާއްޞަކޮށް މޯލްޑިވްސް އެސޯސިއޭޝަން ފޮރ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮޕްމެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)، އެއަރލައިންތަކާ ޑޮކްޓަރުންގެ ޓެކްނިކަލް އެޑްވައިސަރީ ގްރޫޕް (ޓެގް) ގެ ޑޮކްޓަރ ޢަލީ ލަޠީފާއި އެމް.އެމް.ޕީ.އާރް.ސީއާއެކު މަޝްވަރާކޮށް އިޞްލާޙުތައް ގެންނަމުންދާކަމަށާއި، މިހާރު ރިފަރކުރާނީ މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިންގެ ބަދަލުގައި ގައިޑްލައިން ފޮރ ސްޓާޓިންގ ޓޫރިޒަމް އިން މޯލްޑިވްސް ކަމަށް؛ • ފުރަތަމަ ދެލިކޮޕީގައި ހިމަނާފައިވާ ފީތަކާ ގުޅޭގޮތުން ވަރަށް ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވާކަމަށާއި، އެއީ ދިވެހިރާއްޖޭގެ ބޯޑަރު ނުހުޅުވި އޮންނަ ޙާލަތުގައި ދިވެހިރާއްޖެއަށް ކޮވިޑް-19އާ ގުޅިގެން ލިބޭ ސްޕޮންސަރޝިޕްތަކާއި (ވެންޓިލޭޓަރ، ޓެސްޓްކިޓް) ގުޅިގެން ދިވެހިރާއްޖެއަށް އަންނަށް ބޭނުންވާ ފަތުރުވެރިންނަށް އެއް އުސޫލަކުން ޢަމަލުކުރުމަށް އެކުލަވާލެވުނު އުސޫލުގައި ހިމެނޭ ކަންކަންކަމަށް؛ • މިހާރު މަސައްކަތްކުރަމުންދާ ދެލިކޮޕީގައި އަލުން ފަތުރުވެރިކަން ހުޅުވާލާއިރު، ދިވެހިރާއްޖެއަކީ އަގު ބޮޑު ފަތުރުވެރިންގެ މަންޒިލަކަށް ނުހަދައި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ވާދަވެރިފަރާތްތަކަށްވުރެ، ފަތުރުވެރިން ދިވެހިރާއްޖެއަށް އަންނަ ހިތްވާގޮތަށް ވައެބަލް މަންޒިލަކަށް ހެދުމަށާއި ޞިއްޙީ ޙާލަތު ކޮމްޕްރޮމައިސްނުކޮށް ކުރިއަށް ގެންދިއުމަށް އިސްކަންދޭނެކަމަށް؛ • ޖުލައި މަހު ބޯޑަރުތައް ހުޅުވާލުމަށްޓަކައި ގައިޑްލައިން ފައިނަލްވެގެންދާއިރު، މިހާރު ދިވެހިރާއްޖެއިން ނަގަމުންދާ ފީތަކުގެ ތެރެއިން އިތުރު ފީ އެއް ނެގުމުގެ ވިސްނުން ނުގެންގުޅޭކަމަށާއި ނަމަވެސް ފުރަތަމަ ދެލިކޮޕީގައި ހިމަނާފައިވާ ފީތަކަކީ ބޯޑަރުތައް ބަންދުކޮށްފައިވާ ޙާލަތުގައި ޕްރީ އޯޕަނިންގައި ނެގުމަށް ނިންމާފައިވާ ފީތަކެއްކަމަށާއި، މިހާރު ދިވެހިރާއްޖެ މިއޮތީ އެ ޙާލަތުގައި ނޫންކަމަށް؛ • މިހާރު ވިސްނުންހުރީ ދިވެހިރާއްޖޭގެ އެއަރޕޯޓަށް ބޭނުންވާ ސޭފްޓީ މިންގަޑުތައް ގެނައުމުގެ މަސައްކަތްކުރިއަށް ގެންދިއުމަށާއި މިހާރު އެކަމުގެ މަޝްވަރާތައް އެމް.ސީ.އެލް އާއި ޓެގް ޓީމާއެކު ކުރެވެމުންދާކަމަށާއި ދިވެހިރާއްޖެއަށް އަންނާނީ ސަރުކާރުން ނުވަތަ ހެލްތް ދާއިރާއިން ޤަބޫލުކުރާ މިންވަރެއްގައި ކޮވިޑް ފްރީ ފަތުރުވެރިންކަމަށާއި ދިވެހިރާއްޖެއަށް އާދެވޭނީ އެއަރޕޯޓް ސެކިއުރިޓީ މިންގަނޑުތައް ނިމިގެންކަމަށާއި ދިވެހިރާއްޖޭގެ އެއަރޕޯޓުގައިވެސް ސްކްރީނިންގ އެއް ނިމިގެންކަމަށާއި އަދި ކޮވިޑް ނެގެޓިވް ޓެސްޓަކާއެކު އަންނަ ފަތުރުވެރިއެއްގެ ފަރާތުން ކޮވިޑް-19 ގެ ޢަލާމަތްތައް ފެނިއްޖެނަމަ އެ ފަރާތެއް ޓެސްޓްކުރާގޮތަށްކަމަށާއި މުވައްޒަފުންގެ ރައްކާތެރިކަމަށާއި ބަލި އިތުރަށް ފެތުރުނަނުދިނުމަށް ރައްކާތެރި ފިޔަވަޅުތައް އެޅިގެންދާނެކަމަށާއި، އުއްމީދަކީ 08 ގަޑިއިރާއި 24 ގަޑިއިރާ ދޭތެރޭގައި ނަތީޖާ ހޯދޭނެގޮތަކަށް އެ ކެޕޭސިޓީ އެއަރޕޯޓާއި މިނިސްޓްރީ އޮފް ހެލްތާއެކު ޤާއިމްކުރުންކަމަށާއި އެ ވަގުތުތަކުގައި އެ ފަތުރުވެރިޔަކު ރޫމްގައި ކަރަންޓީނުކުރެވިގެންދާނެކަމަށް؛ އަދި • އަމާޒުހުރީ ކޮންމެ ކަމެއްގެ ބުރަ ސަރުކާރުން ނުނަގައި ޞިނާޢަތުގެ ފަރާތްތަކާއެކު މެނޭޖްކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްކަމަށާއި ދިވެހިރައްޔިތުންގެ ޓެކްސް ފައިސާ އެކަމަށް ހޭދަވެގެން ނުދާނެގޮތަށްކަމަށް؛ • މިހާރު މަސައްކަތްކުރަމުންދާ ގައިޑްލައިންގެ ތިންވަނަ ދެލިކޮޕީގެ މަސައްކަތް ނިމި، 26 މެއި 2020 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ފައިނަލް ޑްރާފްޓް ނިންމުމުގެ މަސައްކަތްކުރަމުންދާކަމަށް.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA