ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

8 ޖޫން 2020 12:30

ނަންބަރު

32

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 32 ވަނަ ބައްދަލުވުން

ޚުލާސާ

މިނިމަމް ވޭޖް ކަނޑައެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ފޮނުވާފައިވާ މައްސަލައިގެ ސުންގަނޑިއެއް ކަނޑައެޅުމަށް ފުރުޞަތު ހުޅުވާލުމުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ތާއީދުކުރައްވައި ހުށަހަޅުއްވާފައިވަނީ މި މައްސަލަ ކޮމިޓީން ނިންމާނެ ތާރީޙަކީ 17 ޖޫން 2020 ކަމަށެވެ. މިހުށަހެޅުމަށް ކޮމިޓީއަށް ވަޑައިގެންނެވި އެއްވެސް މެންބަރެއް އިޢްތިރާޒް ނުކުރައްވާތީ ވަނީ ފާސްވެފައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީސް ގެ ބިލުގެ ސުންގަނޑިއެއް ކަނޑައެޅުމަށް ފުރުޞަތު ހުޅުވާލުމުން ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ތާއީދުކުރައްވައި ހުށަހަޅުއްވާފައިވަނީ މި ބިލުގެ ކޮމިޓީން ނިންމާނެ ތާރީޙަކީ 30 ޖޫން 2020 ކަމަށެވެ. މިހުށަހެޅުމަށް ކޮމިޓީއަށް ވަޑައިގެންނެވި އެއްވެސް މެންބަރެއް އިޢްތިރާޒް ނުކުރައްވާތީ ވަނީ ފާސްވެފައެވެ. ސުންގަޑި ކަނޑައެޅުމަށްފަހު ކުރިއަށް ގެންގޮސްފައިވަނީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ މަސައްކަތެވެ. އެގޮތުން؛ 1.ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ތަޢާރުފުކޮށްފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖްދަށުން އެހީ ދޫކޮށްފައިވާ ފަރާތްތަކުގެ ތަފްޞީލް ހިމެނޭ ލިސްޓެއް ޢާންމުކޮށްދެއްވުމަށް އެދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ފޮނުވާފައިވާ ސިޓީއާއި ގުޅިގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން މައުލޫމާތު ސާފުކުރެއްވުމަށް ނިންމެވިއެވެ. 2.މީރާގެ 2019 ވަނަ އަހަރުގެ އަހަރު ރިޕޯޓާމެދު ގޮތެއް ނިންމުމަށް ހުޅުވާލި ފުރުޞަތުގައި، ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވައި މަތިވެރި ދާއިރާގެ މެންބަރު ޒަރީރު ތާއީދުކުރައްވައި ހުށަހަޅުއްވާފައިވަނީ، މި ރިޕޯޓަކީ ކޮމިޓީގެ ދާއިރާގެ ތެރޭގައި ހިމެނޭ މުއައްސަސާއެއްކަމުން، މި ރިޕޯޓު ދިރާސާކުރެއްވުމަށް ސަބްކޮމިޓީއެއް އެކުލަވާލެއްވުމަށެވެ. އަދި އެ ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ؛ 1.މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު 2.ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ 3.ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙްސިން ޙަމީދު 3.ދުނިޔޭގައި ކޮވިޑް-19 ސިއްހީ ކުއްލު ނުރައްކަލުގެ ކާރިސާގެ ސަބަބުން އިޤްތިޞާދު ހީނަރުވެފައިވާ މި ދަނޑިވަޅުގައިވެސް ދަރަނި ބޮޑު، ތިމާވެއްޓަށް އިޔާދަނުކުރެވޭނެ ގެއްލުންތައްދޭ މަޝްރޫޢުތައް ރާއްޖޭގައި ކުރިއަށްދާކަމުގެ ކަންބޮޑުވުން ފާޅުކޮށް ފޮނުވާފައިވާ އޯޕަން ލެޓަރއާއި ގުޅިގެން މިނިސްޓްރީ އޮފް ފްލޭނިންގ އެންޑް އިންފްރާސްޓްރކްޗަރ، މިނިސްޓްރީ އޮފް ފިނޭންސް އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން މައުލޫމާތު ސާފުކުރުމަށް ނިންމެވިއެވެ. 4.މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެކުލަވާލާފައިވާ ކޮވިޑް-19 ގެ ސަބަބުން އިޤްތިޞާދަށް ކުރާނެ އަސަރުގެ ސިނާރިއޯ އެނަލިސިސް އަދި އިކޮނޮމިކް ޑައިވަރސިފިކޭޝަން ކަރުދާސް އަކީ މިހާރު ކުރެވެމުންދާ މަސައްކަތެއް ކޮމިޓީއާއި ހިއްސާކުރެއްވުމުގެ ގޮތުން ފޮނުވާފައިވާ ކަރުދާހަކަށްވާތީ، ކޮމިޓީއާއި ހިއްސާކުރުމުން މިމައްސަލަ ނިމުނީކަމަށް ނިންމެވިއެވެ. 5.ކޮވިޑް-19 ގެ ޙާލަތުގައި ކުންފުންޏަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކަށް އެހީއެއްވުމަށް އެދި ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން 19 އޭޕްރީލް 2020 ގައި ފޮނުވާފައިވާ ސިޓީ އާއި ގުޅިގެން ގޮތެއް ނިންމެވުމަށް ހުޅުވާލި ފުރުޞަތުގައި ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަހްމަދު ހުށަހަޅުއްވައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ތާއީދުކުރައްވާފައި ހުށަހަޅުއްވާފައިވަނީ، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށް މިމައްސަލަތައް ހުށަހަޅުއްވައިގެން ކުރިއަށް ގެންދެވުމަށް އެފަރާތުގައި ދެންނެވުމަށެވެ. އަދި އެގޮތަށް އެކަން ކުރިއަށް ގެންދާއިރުގައި، އެއްވެސް އުސޫލަކާއި ޚިލާފުކަމެއް ހިނގާކަމަށް ފާހަގަކުރެވޭނަމަ އަލުން މަޖިލީހަށް މައްސަލަ ހުށަހެޅުމަށެވެ. މި ހުށަހެޅުން ވަނީ ކޮމިޓީއަށް ވަޑައިގެން ތިއްބެވި މެންބަރުން އިޢުތިރާޒުނުކުރައްވާތީ ފާސްވެފައެވެ. 6.ކޮވިޑް-19 ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ކުންފުނިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާތީވެ، ކޮމިޓީގެ މަސްއޫލިއްޔަތު ދާއިރާގައި ހިމެނޭ އިދާރާތަކުން އެ މަސައްކަތްތައް ކުރުމަށް އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމާއި އަންހެނުންގެ ބައިވެރިވުން އިތުރުވާނެފަދަ ގޮތަކަށް މަސައްކަތްތައް ރާވައިދެއްވުމަށް އެ އިދާރާތަކުގައި އެދިލެއްވުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ފޮނުވާފައިވާ ސިޓީ އާއި ގުޅޭ ގޮތުން ނިންމެވީ، މިސިޓީގައިވާ ކަންކަން ފާހަގަކޮށް އަންހެނުންނަށްވެސް ހަމަހަމަ ކަމާއެކު ކަންކަން ފޯރުކޮށްދިނުމަށް އިސްކަންދިނުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ސިޓީ އެއް ފޮނުވުމަށެވެ. އަދި ހިޔުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަށް މިކަން ހިއްސާކުރެވިފައިވާކަން ލިޔުމުން ފޮނުވުމަށެވެ. 7.ކޮވިޑް-19 ގެ މި ޙާލަތުގައި އަދާކުރަމުންދާ ވަޒީފާއަށް ރިޢާޔަތްކޮށް، ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުން މިހާތަނަށް ހުށަހަޅާފައިވާ މައްސަލަތަކާއި، މި މައްސަލަތަކުގައި ހިއުމަން ރައިޓްސް ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތައް ހިއްސާކުރުމަށް ފޮނުވާފައިވާ ސިޓީއަކީ ކޮމިޓީއާއި ހިއްސާކުރެއްވުމުގެ ގޮތުން ފޮނުވާފައިވާ މަސައްކަތު ކަރުދާހަކަށްވާތީ، ކޮމިޓީއާއި ހިއްސާކުރުމުން މިމައްސަލަ ނިމުނީކަމަށް ނިންމެވިއެވެ. 8.ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލޭ އަދި ގެއްލިފައިވާ ފަރާތްތަކަށާއި ރަށްރަށުގައި އާމްދަނީ ނުލިބިދާނެ ކަމުގެ ބިރުހީވެފައި ތިބި ރައްޔިތުންނަށް ތަސައްލީއެއް ހޯދައިދިނުމަށް އެޅިދާނެ ފިޔަވަޅުތައް ބަޔާންކޮށް މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ފޮނުއްވާފައިވާ ސިޓީ އާއި މެދު މަޝްވަރާކުރުމަށް ހުޅުވާލި ފުރުޞަތުގައި ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވައި މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ތާއީދުކުރައްވާފައިވަނީ މި ސިޓީގައި ފާހަގަކޮށްފައިވާ މައްސަލަތައް ދިރާސާކުރުމަށް ސަބް ކޮމިޓީއެއް އެކުލަވާލެއްވުމަށެވެ. އަދި އެ ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ؛ 1.މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު 2.ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ 3.ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް 4.ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު 5.މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
5 ޖޫން 2020 - އިކޮނޮމިކް ރިލީފް ޕެކޭޖްދަށުން އެހީ ދޫކޮށްފައިވާ ފަރާތްތަކުގެ ތަފްޞީލް ހިމެނޭ ލިސްޓެއް ޢާންމުކޮށްދެއްވުމަށް އެދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ފޮނުވާފައިވާ ސިޓީ
19 މޭ 2020 - ތިމާވެއްޓަށް އިޔާދަނުކުރެވޭނެ ގެއްލުންތައްދޭ މަޝްރޫޢުތައް ރާއްޖޭގައި ކުރިއަށްދާކަމުގެ ކަންބޮޑުވުން ފާޅުކޮށް ފޮނުވާފައިވާ އޯޕަން ލެޓަރ.
11 މޭ 2020 - މީރާގެ 2019 ވަނަ އަހަރުގެ އަހަރު ރިޕޯޓް
1 މޭ 2020 - ކޮވިޑް-19 ގެ ސަބަބުން އިޤްތިޞާދަށް ކުރާނެ އަސަރުގެ ސިނާރިއޯ އެނަލިސިސް އަދި އިކޮނޮމިކް ޑައިވަރސިފިކޭޝަން ކަރުދާސް
9 އޭޕްރީލު 2020 - ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ފޮނުވާފައިވާ ސިޓީ
8 އޭޕްރީލު 2020 - އާމްދަނީ ނުލިބިދާނެ ކަމުގެ ބިރުހީވެފައި ތިބި ރައްޔިތުންނަށް ތަސައްލީއެއް ހޯދައިދިނުމަށް އެޅިދާނެ ފިޔަވަޅުތައް ބަޔާންކޮށް މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ފޮނުއްވާފައިވާ ސިޓީ
8 އޭޕްރީލު 2020 - ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުން މިހާތަނަށް ހުށަހަޅާފައިވާ މައްސަލަތަކާއި، މި މައްސަލަތަކުގައި އެޗް.އާރް.ސީ.އެމްއިން ކޮށްފައިވާ މަސައްކަތްތައް ހިއްސާކުރުމަށް ފޮނުވާފައިވާ ސިޓީ
24 މާރިޗު 2020 - އަމިއްލަ ފަރާތްތަކުންނާއި ކުންފުނިތަކުން ފޮނުވާފައިވާ ސިޓީ
18 ފެބްރުއަރީ 2020 - މިނިމަމް ވޭޖް ކަނޑައެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ފޮނުވާފައިވާ މައްސަލަ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA