ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

9 ޖޫން 2020 14:00

ނަންބަރު

34

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 34 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް އަދި ވިޔަފާރީގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލުގެ މަސައްކަތެވެ. އެގޮތުން، ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމެވެ. އެގޮތުން؛ 1. ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ގެއްލުންވެ، އެކަމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާތީ، ސަރުކާރުގެ ކަމާގުޅޭ ވުޒާރާތައް މެދުވެރިކުރައްވައިގެން، މާލީ އެހީތެރިކަމެއް ލިބޭނެގޮތެއް މެދުވެރިކޮށްދެއްވާތޯ އެދި ސީވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފޮނުއްވާފައިވާ ސިޓީ. 2. ކޮވިޑް-19 ގެ ޙާލަތުގައި ރިސޯޓުތަކަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާއި އެހީތެރިކަން ބޭނުންވާކަންކަން ބަޔާންކޮށް ތިރީގައި ލިސްޓްކުރެވިފައިވާ ކުންފުނިތަކުން ފޮނުވާފައިވާ ސިޓީ. •ޖެޓަން ޓްރެވަލް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓް •ޔުނީކް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް •އޭ.ޑީ.އެސް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް •ކައުރީ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް 3. 31 މާރިޗު 2020 ގެ ކުރިން ރިޒޯޓުތަކުން ދައްކަންޖެހޭ 2020 ވަނަ އަހަރުގެ ދެވަނަ ކުއަރޓަރގެ (އެޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް) ހެޑް ލީސް ރެންޓު މަޢާފުކޮށްދިނުމަށް އެދި ފޮނުއްވާފައިވާ ސިޓީތައް: •އަދާރަން ކްލަބް ރަންނާޅި – ޖެޓަން ޓްރެވަލް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓް •އަދާރަން ޕްރެސްޓީޖް ވާދޫ – ޔުނީކް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް •އަދާރަން ސެލެކްޓް ހުދުރަންފުށި – އޭ.ޑީ.އެސް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް •އަދާރަން ސެލެކްޓް މީދުއްޕަރު - ކައުރީ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް •ހެރިޓެންސް އާރަށް - ކައުރީ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް މަތީގައި ދެންނެވުނު 3 ނަންބަރުގައި ފާހަގަކުރެވިފައިވާ ސިޓީތަކާއި ގުޅިގެން ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަހްމަދު ހުށަހަޅުއްވައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ތާއީދުކުރައްވާފައި ހުށަހަޅުއްވާފައިވަނީ، ފާއިތުވި 2 މަސްތެރޭގައި ސަރުކާރުން ވަރަށް ގިނަ ކަންކަން ތައާރަފްކޮށްފައިވާތީ، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށް މިމައްސަލަތައް ހުށަހަޅުއްވައިގެން ކުރިއަށް ގެންދެވުމަށް އެފަރާތުގައި ދެންނެވުމަށެވެ. އަދި އެގޮތަށް އެކަން ކުރިއަށް ގެންދާއިރުގައި، އެއްވެސް އުސޫލަކާއި ޚިލާފުކަމެއް ހިނގާކަމަށް ފާހަގަކުރެވޭނަމަ އަލުން މަޖިލީހަށް މައްސަލަ ހުށަހެޅުމަށެވެ. މި ހުށަހެޅުން ވަނީ ކޮމިޓީއަށް ވަޑައިގެން ތިއްބެވި މެންބަރުން އިޢުތިރާޒުނުކުރައްވާތީ ފާސްވެފައެވެ. 4. ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ ހުރަސްތައް ދެނެގަނެ، އަވަސް ފިޔަވަޅުތަކެއް ސަރުކާރުން އެޅުމަށް މުހިންމުކަމާއި، ސަރުކާރާއި ދައުލަތުގެ އިޤްތިޞާދީ އަދި މާލީ ދާއިރާތައް ނިސްބަތްވާ އިސްފަރާތްތައް ކޮމިޓީއަށް ހާޒރުކޮށް، ސަރުކާރުގެ ނިންމުންތަކާއި އެ ނިންމުންތައް ނިންމި ސަބަބާއި، އެ ނިންމުންތަކުގެ ސަބަބުން ވިޔަފާރި ކުރާ ފަރާތްތަކާއި، މާލީ ދާއިރާތަކާއި، މުޅި އިޤްތިޞާދަށް ކުރާނެ އަސަރު ދެނެގަތުމަށް އެދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ފޮނުއްވާފައިވާ ސިޓީ އާއި ގުޅިގެން ކޮމިޓީގައި މަޝްވަރާކުރުމަށްފަހު ނިންމެވީ، މި މައްސަލައަކީ މިހާރު ކޮމިޓީން ނިންމާފައިވާ މައްސަލައަކާ ގުޅުން ހުރި މައްސަލައެއް ކަމުން މިމައްސަލަ މިހާރު ނިމިފައިވާކަމަށެވެ. ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ މަސައްކަތް ނިންމެވުމަށްފަހު، ދެން ކުރިއަށް ގެންދެވީ ވިޔަފާރީގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލުގެ މަސައްކަތެވެ. އެގޮތުން، ބިލު ފެށިގެން ބިލުގެ ނިޔަލަށް ކޮމިޓީ ދިރާސާކުރައްވައި ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA