ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

18 މޭ 2020 14:00

ނަންބަރު

26

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 26 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގެ ކޮމިޓީއަށް ލިބިފައިވާ ސިޓީތަކާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. 1. ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރައްވާ މުވައްޒަފުންގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އަށް ކުރިމަތިލީ މުވައްޒަފުން ސަސްޕެންޑްކޮށްފައިވާކަމަށް ފާހަގަކުރައްވާ، އެ މުވައްޒަފުންގެ ސަސްޕެންޝަން ބާޠިލްވުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މެންބަރުން އެދިވަޑައިގަންނަވާތީ އެ ކޮމިޓީން ފޮނުވާފައިވާ ސިޓީއާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވަނީ މިހާރު ހުރިހާ ކުންފުނިތަކުން ވެސް ސަސްޕެންޑްކޮށްފައިވާ މުވައްޒަފުންގެ ސަސްޕެންޝަން އުވާލާފާވާކަމަށް ކޮމިޓީއަށް މަޢުލޫމާތި ލިބިފައިވާތީ، މިސިޓީއާ ގުޅޭގޮތުން ކޮމިޓީން އިތުރު މަސައްކަތެއް ކުރަން ނުޖެހޭކަމުގައެވެ. 2. ރައްޔިތުންގެ މަޖިލީހުން އެދިވަޑައިގެން ސްޓެލްކޯ އިން ފޮނުވާފައިވާ ނަންބަރު 6-G/57/2020/06 ސިޓީ (އެމް.ޑީ ގެ މުސާރައާ ގުޅޭ) ސޯޝަލް މީޑިއާގައި ލީކްވެފައިވާތީ، އަދި އެ ސިޓީގެ ބޭނުން ބަޔަކު ނަހަމަ ގޮތުގައި ހިފާފައިވާތީ، އެ މައްސަލަ ބައްލަވައިދެއްވުން އެދި ސްޓެލްކޯ އިން ފޮނުވާފައިވާ ސިޓީއަކީ ސިއްރު ސިޓީއަކަށް ނުވާތީ، އެފަދަ ސިޓީއެއް މީޑިއާއަށް ލީކްވެއްޖެނަމަ ޢަމަލުކުރަންޖެހޭ އުޞޫލު މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރެވިފައިނުވާތީ، މިސޓީއާ ގުޅޭގޮތުން މަޖިލީހުގެ ކައުންސެލް ޖެނެރަލްއާ މަޝްވަރާކުރެއްވުމަށްފަހު ގޮތެއް ނިންމެވުމަށް ނިންމެވިއެވެ. 3. ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ކުރަމުން އަންނަ ނޭދެވޭ އަސަރުތަކުގެ ސަބަބުން ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށް ދައުލަތުން މާލީ އެހީތެރިކަން ފޯރުކޮށްދޭންޖެހިދާނެ މިންވަރު ދެނެގަތުމަށް ޕީ.ސީ.ބީ އިން ތައްޔާރުކޮށްފައިވާ ކަރުދާސް މަޖިލީހުގެ މަޢުލޫމާތަށްޓަކައި ޙިއްޞާކުރެއްވުމަށް ފޮނުވާފައިވާ ނަންބަރު 454/57/2020/6 ސިޓީއާ ގުޅިގެން ކޮމިޓީން ނިންމަވާފައިވަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ޚަރަދު ކުޑަ ކުރެވިފައިވާ މިންވަރު ބެއްލެވުމަށާއި އަދި އެ ކުންފުނިތަކަށް މާލީއެހީގެ ގޮތުގައި ބޭނުންވާނެ ކަމަށް ހާމަކޮށްފައިވާ ޢަދަދުތަކަކީ އެ ކުންފުނިތައް އެންމެ ޚަރަދުކުޑަކޮށް ހިންގުމަށް ބޭނުންވާ ޢަދަދުތޯ ޔަޤީންކުރެއްވުމަށް އެ ބޯޑަށް ދެންނެވުމަށެވެ. އަދި މި ސިޓީގައިވާ މަޢުލޫމާތުތައް އިތުރަށް ދިރާސާކުރެއްވުމަށް ވެސް ނިންމެވިއެވެ. 4. ގދ. ތިނަދޫ އައު އިންޖީނުގެ އިމާރާތުގެ ނުނިމިހުރި މަސައްކަތް ނިންމަން އެމް.ޓީ.ސީ.ސީ ގެ ސަބްސިޑިއަރީ ކުންފުންޏަކާ ޙަވާލުކުރެވިފައިވާއިރު އެ ދެ ކުންފުނިން އެ މަސައްކަތް ޙަވާލުކުރެވިފައިވާ ގޮތުގެ މަޢުލޫމާތު ސިއްރުކުރުމަށް މަސައްކަތް ކޮށްފައިވާތީ، އެ މައްސަލަ ބައްލަވައިދެއްވުމަށް އެދި 12 މެއި 2020 ގައި ޞައުދުﷲ ޙިލްމީ/ ފަތިސް، ގދ. ތިނަދޫ ފޮނުވާފައިވާ ސިޓީއާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ފެނަކަ ކޯޕަރޭޝަނަށް ސިޓީ ފޮނުއްވުމަށްވެސް ނިންމެވިއެވެ. އެއަށްފަހު ކޮވިޑް-19 އާ ގުޅިގެން ބޭންކްއިން ދޫކުރަމުންދާ ލޯނުތަކާއި މޮރޮޓޯރިއަމްއާ ގުޅޭގޮތުން ރައްޔަތުންނަށް ދިމާވަމުންދާ ދަތިތަކާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ބޭފުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. އަދި ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ކޮށްފައިވާ ޚަރަދުތަކުގެ ތެރެއިން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން މެދުވެރިކޮށް ކޮށްފައިވާ ޚަރަދުތަކުގެ ޚާއްޞަ އޮޑިޓެއް ތިޔަ އޮފީހުން ކުރައްވަމުންދޭތޯއާއި، އޮޑިޓެއް ކުރައްވަމުންދާނަމަ އެ އޮޑިޓްގެ ސްކޯޕަކީ ކޮބައިތޯ ބެއްލެވުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ. މީގެ އިތުރުން ކޮވިޑް-19އާ ގުޅިގެން މޯލްޑިވިއަންއިން ކުރާ ދަތުރުތައް ހުއްޓާލާފައިވާއިރު، ފްލައިޓްގެ ޓިކެޓް ނަގާފައިވާ ކަސްޓަމަރުންނަށް ރިފަންޑް ދިނުމުގައި އެ ކުންފުނިން ކަނޑައަޅުއްވާފައިވާ އުޞޫލުގެ ތަފްޞީލް ހޯއްދެވުމަށް ސިޓީ ފޮނުއްވުމަށް ވެސް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA