ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

10 ޖޫން 2020 12:00

ނަންބަރު

28

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 28 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ގދ. ތިނަދޫ އައު އިންޖީނުގެ އިމާރާތުގެ ނުނިމިހުރި މަސައްކަތް ނިންމަން އެމް.ޓީ.ސީ.ސީ ގެ ސަބްސިޑިއަރީ ކުންފުންޏަކާ ޙަވާލުކުރެވިފައިވާއިރު އެ ދެ ކުންފުނިން އެ މަސައްކަތް ޙަވާލުކުރެވިފައިވާ ގޮތުގެ މަޢުލޫމާތު ސިއްރުކުރުމަށް މަސައްކަތް ކޮށްފައިވާތީ، އެ މައްސަލަ ބައްލަވައިދެއްވުމަށް އެދި ޞައުދުﷲ ޙިލްމީ/ ފަތިސް، ގދ. ތިނަދޫ ފޮނުވާފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، އެ މައްސަލައިގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ ޢަމަލެއް ހިންގާފައިވާކަމަށް ކޮމިޓީގެ މެންބަރުންނަށް ފެނިވަޑައިނުގަންނަވާތީ، ކޮމިޓީން ބަލަންޖެހޭ އިތުރު ކަމެއް ނެތްކަމަށް އެ ފަރާތަށް ދެންނެވުމަށް ނިންމަވައި، އަދި އެ މައްސަލައިގައި ކޮރަޕްޝަންއަށް މަގުފަހިވާ ފަދަ ޢަމަލެއް ހިންގާފައިވާކަމަށް ޤަބޫލުކުރެވޭނަމަ، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅުއްވައިގެން މައްސަލަ ކުރިއަށް ގެންދިއުމަށް އެ ފަރާތަށް ދެންނެވުމަށް ނިންމެވިއެވެ. އަދި އެ މައްސަލައާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަން އިން ފޮނުއްވާފައިވާ ސިޓީގެ ކޮޕީއެއް އެފަރާތަށް އެރުވުމަށް ނިންމެވިއެވެ. އެއަށްފަހު، މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑާ ގުޅޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅުއްވާފައިވާ މައްސަލަތަކާ ގުޅޭގޮތުން އެ ކޮމިޝަނުން ފޮނުއްވާފައިވާ ސިޓީ މެންބަރުންނާއި ޙިއްސާކުރެއްވިއެވެ. އެގޮތުން، މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހަޅުއްވާފައިވާ މައްސަލަތަކުގެ ސްޓޭޓަސް ފޮނުއްވާފައިވާއިރު، މައްސަލަތައް ކޮމިޝަނަށް ހުށަހެޅުނު ތާރީޚް އަދި މައްސަލަތައް ތަޙްޤީޤްކޮށް ނިންމެވި ތާރީޚް ހިމަނުއްވާފައިނުވާތީ، އެ މަޢުލޫމާތު ފޮނުއްވައިދެއްވުމަށާއި މި މައްސަލައިގައި ތަޙްޤީޤް ކުރިއަށްދާ މައްސަލަތައް ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ތަޙްޤީޤްކޮށް ނިންމަވައި، ރިޕޯޓް ކޮމިޓީއަށް ފޮނުއްވައިދެއްވުމަށް އެ ކޮމިޝަނަށް ދެންނެވުމަށްވެސް ނިންމެވިއެވެ. ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކުންފުންޏެއް ކަމަށްވާ "ވެމްކޯ"ގެ ބައެއް ރަށްރަށުގެ އޮފީސްތަކުގެ ވެރިން ނިމިދިޔަ ރިޔާސީ އިންތިޙާބުގައި ބައެއް އޮފީސްތައް ސިޔާސީ ފަރާތްތަކަށް ކެންޕޭން ޖަގަހައެއްގެ ގޮތުގައި ބޭނުން ކުރަން ދީފައިވާކަމަށް ތުޙުމަތު ކުރައްވައި، ހެންވޭރު ދެކުނު ދާއިރާ ހުސެއިން ޝަހީމް ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. މެންބަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، މި މައްސަލައިގައި ކަންހިނގާފައިވާގޮތް ސާފުކުރެއްވުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްއަށް ސިޓީ ފޮނުވުމަށް ނިންމެވިއެވެ. މީގެ އިތުރުން، އެ ކުންފުނިން އެހެން ރަށްރަށުގައި ޤާއިމްކޮށްފައިވާ އޮފީސްތަކުގައި، މިފަދަ ކަންތައްތަކެއް ހިނގާފައިވާނަމަ، އެކަމުގެ މަޢުލޫމާތުވެސް ފޮނުއްވައިދެއްވުމަށް ނިންމެވިއެވެ. އެހެނިހެން ކަންތައްތަކުގެ ތެރޭގައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ފާމަސީއިން މުއްދަތު ހަމަވެފައިވާ މެޑިކަލް ކޮންސިއުމަބްލްސް ވިއްކަމުންދާކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ތަޙްޤީޤްކޮށްދެއްވުމަށް އެދިފައިވާ މައްސަލަތައް ތަޙްޤީޤްކޮށް ނިންމަވައި، ތަޙްޤީޤް ރިޕޯޓް ފޮނުއްވައިދެއްވޭނެ އެންމެ އަވަސް ތާރީޚެއް އަންގަވައި ދެއްވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ. މީގެ އިތުރުން، މި މައްސަލައިގައި ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރައްވާފައިވާ ދިރާސާ ރިޕޯޓް ފޮނުއްވާފައިވާތީ، ތަޙްޤީޤް މަރުޙަލާގައިވާ މައްސަލަތަކުގެ ދިރާސާ ރިޕޯޓްތައް ކޮމިޓީއަށް ނުފޮނުއްވުމަށް އެ ކޮމިޝަނަށް ދެންނެވުމަށްވެސް ނިންމެވިއެވެ. އެއަށްފަހު ކޮމިޓީ ނިންމަވާލެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA