ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

13 ޖުލައި 2020 14:00

ނަންބަރު

41

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 41 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ބޭންކް އޮފް މޯލްޑިވްސްގެ 350 ކާޑުގެ މަޢުލޫމާތު ޑާކް ވެބްގައި ލީކުވި މައްސަލަ ބެލުމަށް އެދި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހަޅުއްވާފައިވަނީ ބޭންކުތަކުގެ އިންފޮމޭޝަން ޓެކްނޮލޮޖީގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށާއި، އިންޓަރނެޓްގެ ޒަރިއްޔާއިން ކުރިމަތިވެދާނެ ގެއްލުންތަކާއި، މަޢުލޫމާތު ހާމަވާނެފަދަ ކަންކަމުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށްޓަކައި ބޭންކުތަކުން ސައިބަރ ރިސްކް މެނޭޖްކުރުމަށް ޕޮލިސީތައް ހެދުމަށް މިދިޔަ އަހަރު ފަހުކޮޅު ބޭންކުތަކަށް އެމް.އެމް.އޭ އިން އަންގަވާފައިވާތީ، އެ އެ ޕޮލިސީތައް ތައްޔާރުކުރައްވާފައިނުވާނަމަ، ވީހާވެސް އަވަހަކަށް އެ ޕޮލިސީތައް ތައްޔާރުކުރެއްވުމަށް ބޭންކް އޮފް މޯލްޑިވްސްއަށް ދެންނެވުމަށެވެ. މި ހުށަހެޅުއްވުމަށް ކެޔޮދޫ ދާއިރާގެ މެންބަރު ޙުސެއިން ޤާޞިމް ތާއިދުކުރެއްވިއެވެ. އަދި އެއްވެސް މެންބަރަކު އިއުތިރާޒްނުކުރައްވާތީ އެގޮތަށް ފާސްވިއެވެ. އަދި މި މައްސަލައިގައި އިތުރަށް ބަލާނެކަމެއް އޮތްކަމަށް ނުފެންނާތީ ކޮމިޓީގެ އެޖެންޑާއިން އެ މައްސަލަ ނެންގެވުމަށް ނިންމެވިއެވެ. އެއަށްފަހު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމްގެ ފެއްޓެވުމާ ގުޅޭ ގޮތުން ކަމާގުޅޭ އިދާރާތަކުން ގެންގުޅުއްވާ އުސޫލާއި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމްގެ ޚިދުމަތް ފެއްޓެވޭނެ ތާރީޙެއް ހޯއްދެވުމަށް އެދިވަޑައިގެން، އިގްތިޞާދީ ކޮމިޓީން 14 އޮކްޓޫބަރު 2019 ގައި ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. އަދި މިކަމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ފޮނުއްވާފައިވާ ސިޓީއާ މެދު މަޝްވަރާކުރެއްވުމަށްފަހު ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކާއި އަދި ސިނާޢީ މަސައްކަތްކުރާ ރަށްތަކުގައި 2 އަހަރުތެރޭ އޭ.ޓީ.އެމް ބަހައްޓާނެ ޕްލޭނެއް އެކުލަވާލައްވައި، އެކަން ތަންފީޒުކުރައްވާނެގޮތުގެ ތާވަލެއް ފޮނުއްވައިދެއްވުމަށް އެދި ބޭންކް އޮފް މޯލްޑިވްސްއަށް ދެންނެވުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހަޅުއްވާ، ކެޔޮދޫ ދާއިރާގެ މެންބަރު ޙުސައިން ޤާސިމް ތާއިދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރު އިއްޠިފާޤުން އެގޮތަށް ފާސްވިއެވެ. (9 ވޯޓު) އެއަށްފަހު އެހެނިހެން ގެ ދަށުން ކޮމިޓީ މެންބަރުން ހުށަހަޅުއްވާފައިވާ ބައެއް ކަންތައްތައް ކޮމިޓީއިން ބަލާނެތޯ ބެއްލެވުމަށް ވޯޓަށް އެއްސެވިއެވެ. 1. ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ޕްރައިވެޓް ލިމިޓެޑުން ކެމިކަލް ގުދަންތައް ހަދަން ބިން ދޫކުރިއިރު ގުދަނުގެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ބިން ދޫނުކޮށް އެހެން ފަރާތްތަކަށް ކުއްޔަށްދީފައިވާ މައްސަލަ ބެއްލެވުމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ހުށަހަޅުއްވާފައިވާ މައްސަލަ. • -ލިބުނު ވޯޓު – 2 ވޯޓު- ފާހެއްނުވޭ 2. އެމް.އައި.ޓީ.ޑީ.ސީއިން އަމިއްލަ ކުންފުނިތަކަށް ދޭންވާ ފައިސާ ނުދީ އޮތުމުން އެކަމުގެ މަޢުލޫމާތު ސާފުކުރުމަށާއި އެ ކުންފުނީގެ ބޭފުޅުންނާއި ބައްދަލުކުރުމަށް ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު ހުށަހަޅުއްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ތާއިދުކުރައްވާފައިވާ ހުށަހެޅުން • ލިބުނު ވޯޓު – 8 ވޯޓު- އަޣުލަބިއްޔަތުން ފާސްވެފައި 3. އެމް.އެމް.ޕީ.އާރު.ސީ ގައި ހުރި މައްސަލަތަކަށް އިޞްލާޙީ ފިޔަވަޅުތައް އަޅާފައިވާ މިންވަރު ބެއްލެވުމަށް އެ ކުންފުނީގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށާއި، ޕީ.އެސް.އެމް އާއި ސްޓެލްކޯގެ ހުރި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް އެ ކުންފުނިތަކާ ބައްދަލަކުރެއްވުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހަޅުއްވާ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ތާއިދުކުރައްވާފައިވާ ހުށަހެޅުން. • ލިބުނު ވޯޓު – 9 ވޯޓު- އިއްޠިފާޤުން ފާސްވެފައި 4. ސްޓެލްކޯ އިން ކަރަންޓުގެ ޚިދުމަތްދޭ ރަށްރަށުގައި އަޕްގްރޭޑް ކުރުމުގެ މަސައްކަތް ލަސްކަމަށާއި ބައެއް ރަށްރަށުގައި އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްނުދާކަމަށް ޝަކުވާލިބެމުންދާތީ، ސްޓެލްކޯ އާ މަޝްވަރާކޮށް މި ޕްރޮޖެކްޓްތައް ކުރިއަށްދާނެގޮތެއް ބެއްލެވުމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ހުށަހަޅުއްވާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ތާއިދުކުރައްވާފައިވާ ހުށަހެޅުން. • ލިބުނު ވޯޓު – 8 ވޯޓު- އަޣުލަބިއްޔަތުން ފާސްވެފައި 5. މޯލްޑިވްސް ސްޓޭޓް ޝިޕިންގްއަށް 8 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާކަމަށް ޙަބަރު ލިބެމުންދާތީ މިކަމާ ގުޅިގެން އެ ކޮމްޕަނީގެ މެނޭޖިންގް ޑިރެކަޓަރު އަބްދުﷲ ސަޢީދު ހާޒިރުކުރުމަށް ފަހު ސުވާލުކުރުމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ހުށަހަޅުއްވާފައިވާ މައްސަލަ • ލިބުނު ވޯޓު – 9 ވޯޓު- އިއްޠިފާޤުން ފާސްވެފައި 6. އެމް.އޭ.ސީ.އެލް އިން އަޅަމުންދާ ސީޕްލޭން ޓަރމިނަލްގެ މަސައްކަތް ފެށުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން އެއްވެސް ހުރަހެއް ނެތްކަމަށް ތިޔަ ކުންފުންޏަށް ދަންނަވައިފައިވާނެކަމަށް، އެ ކޮމިޝަންގެ ބޭފުޅުން ވިދާޅުވެފައިވާތީ، ސަރުކާރުގެ ގައިޑްލައިންއާ އެއްގޮތަށް ސީޕްލޭން ޓަރމިނަލްގެ މަސައްކަތް ނިންމުމުގެ ޕްލޭން (ސީޕްލޭން ޓަރމިނަލް، ސީޕްލޭން އޮޕަރޭޓަރސްއާ ޙަވާލުކުރެވޭނެ ތާރީޙް އަދި ކުރީގެ ސީޕްލޭން ޓަރމިނަލް ޑިމޮލިޝްކުރެވޭނެ ތާރީޙް ހިމެނޭ ގޮތަށް) ފޮނުއްވައިދެއްވުމަށް އެ ކުންފުންޏަށް ދެންނެވުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހަޅުއްވާ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ތާއިދުކުރައްވާ ހުށަހެޅުން • ލިބުނު ވޯޓު – 9 ވޯޓު- އިއްޠިފާޤުން ފާސްވެފައި

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA