ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

15 ޖުލައި 2020 12:30

ނަންބަރު

34

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 34 ވަނަ ބައްދަލުވުން

ޚުލާސާ

1. މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލް އިދާރާ އަދި އަމިއްލަ ފަރާތްތަކުން އެ ކައުންސިލްއާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ މައްސަލަތަކާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، ކޮމިޓީއިން މި މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސަރވިސް، އެންޓި-ކޮރަޕްޝަން ކޮމިޝަން އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހޯދާފައިވާ މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް އެ ފަރާތްތަކަށް ޖަވާބު އެރުވުމަށް ނިންމެވިއެވެ. 2. މީގެ އިތުރުން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ކައުންޓަރ ސައިކްލިކަލް ސަޕޯޓް ފެސިލިޓީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ކޮވިޑް-19 އެކްޓިވް ރެސްޕޯންސް އެންޑް އެކްސްޕެންޑިޗަރ ސަޕޯޓް (ކެއަރސް) ޕްރޮގްރާމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި 28 ޖޫން 2020 ގައި އޭޑީބީއާ ދިވެހި ސަރުކާރާ ދެމެދު 25 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނަކާއި 25 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީގެ އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާތީ، މި ލޯނާގުޅޭ މަޢުލޫމާތު މެންބަރުންނާއި ޙިއްޞާކުރެއްވިއެވެ. މި ލޯނާގުޅޭ ލިޔެކިޔުންތަކަކީ ކޮމިޓީގެ މަޢުލޫމާތަށްޓަކައި ފޮނުއްވާފައިވާ ލިޔެކިޔުންކަމަށްވާތީވެ، ފައިލްކުރުމަށް ނިންމެވިއެވެ. 3. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް ކަމާބެހޭ ފަރާތްތަކާ މުހިއްމު މަޝްވަރާތަކެއް ކުރަންޖެހޭކަމަށް ފެނިވަޑައިގަންނަވާތީ، ދިވެހިރާއްޖޭގައި އޮޕަރޭޓްކުރާ ބޭންކްތަކުގެ ސީ.އީ.އޯ/ މެނޭޖަރުންނާއި ކްރެޑިޓް ރިކަވަރީ މެނޭޖަރުން ކޮމިޓީއަށް ހާޒިރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވުން އެދި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް އައިސްފައިވާ ހީނަރުކަން ދެނެގަތުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ބައްދަލުކޮށް މަޢުލޫމާތު ސާފުކުރުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ތާޢީދުކުރެއްވި ހުށަހެޅުންވަނީ ކޮމިޓީގެ އިއްތިފާޤުން ފާސްވެފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA