ކޮމިޓީގެ ނަން

ލާމަރުކަޒީ ކޮމިޓީ

ތާރީޚް

16 އޮކްޓޯބަރު 2019 11:00

ނަންބަރު

17

2019 ވަނަ އަހަރުގެ 17 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ މެންބަރުން މަޝްވަރާކުރެއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ހުށަހަޅުއްވާފައިވާ، "ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށްޓަކައި ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށް ގޮވާލާ ހުށަހަޅާ ޤަރާރު" އާ ގުޅޭގޮތުންނެވެ. މިގޮތުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވާފައިވަނީ، އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ހުށަހަޅުއްވާފައިވާ "ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށްޓަކައި ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށް ގޮވާލާ ހުށަހަޅުއްވާފައިވާ ޤަރާރު" ކޮމިޓީއަށް ފޮނުއްވާފައިވާ ގޮތަށް ފާސްކުރެއްވުމަށެވެ. ދެން ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ މުވައްޒަފުން ލައްވައި ބަލަހައްޓަމުން ގެންދިޔަ "އަތޮޅުގެ" މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ބަލަހައްޓަވަން ނިންމަވާފައިވާތީ، ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވުމަށްފަހު، މި މައްސަލައިގައި ޢަމަލުކޮށްފައިވާގޮތާއި މިކަމުގައި އޮންނަ އުޞޫލު ބެއްލެވުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަށް ސިޓީ ފޮނުއްވަން ނިންމެވިއެވެ. އެއަށްފަހު މާލޭ ދަތުރުވެރިންގެ މާރުކޭޓް މުނިސިޕްލިޓީގެ އެންގުމަށް ބަންދުކޮށް، އެތާގައި ވިޔަފާރިކުރަމުންދިޔަ ފަރާތްތަކަށް ތަނެއްދައްކާފައިނުވާތީއާއި ރަށްރަށުގެ ދަނޑުވެރިންނާ ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކެއްވަމުންދާތީ، ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ މައްސަލައިގައި މިހާރު އެ މާރުކޭޓްގެ މަސައްކަތް ގޮސްފައިވާ ހިސާބާއި ނިމޭނެކަމަށް ލަފާކުރާ ތާރީޚް އަދި އެތަން ހުސްކުރުމުގެ ކަންތައް ގޮސްފައިވާ ގޮތް ބެއްލެވުމަށް މާލޭ ސިޓީ ކައުންސިލަށް ސިޓީ ފޮނުއްވަން ނިންމެވިއެވެ. ދެން ކޮމިޓީގައި މެންބަރުން މަޝްވަރާކުރެއްވީ ޒަލްދާން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑަށް ތެލުގެ ވިޔަފާރިކުރުމަށް ގއ. ވިލިގިލީ އިން އެޓޮލް އެޑމިނިސްޓްރޭޝަން އިން ދެއްވާފައިވާ ބިމުގެ ކުލީގެ މުއްދަތު ރަށު ކައުންސިލުން އިތުރުކޮށްދީފައިނުވާތީ، އެ މައްސަލަ ބައްލަވައިދެއްވުން އެދި އެ ކުންފުނިން ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުންނެވެ. މިގޮތުން މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބެއްލެވުމަށް ގއ. ވިލިގިލި ކައުންސިލްގެ އިދާރާއަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA