ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

12 އޯގަސްޓު 2020 00:15

ނަންބަރު

53

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 53 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އިޤްތިޞާދީ ކޮމިޓީގެ ސަބް-ކޮމިޓީއިން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާމެދު މަޝްވަރާކުރުމެވެ. އެގޮތުން، މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ހުށަހަޅުއްވައި މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ތާއީދުކުރައްވައި ހުށަހަޅުއްވާފައިވަނީ، ސަބް ކޮމިޓީން ހުށަހެޅި ގޮތަށް ކޮމިޓީން ފާސްކޮށް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން މީރާގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރުމަށާއި ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ޓެކުހުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ޓެކުހާގުޅޭ ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށް އިލްތިމާސްކުރުމަށް އެއިދާރާއަށް ދެންނެވުމަށެވެ. މީގެ އިތުރުން، އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަހަރު ރިޕޯޓުތައް ދިރާސާކުރުމުގައި އަމަލުކުރާނެ ގޮތް ސާފުކުރުމަށްފަހު، އަހަރު ރިޕޯޓު ކޮމިޓީން ދިރާސާކުރުމުގައި ގެންގުޅޭނެ އުސޫލެއް ކަނޑައަޅުމަށް ވެސް ހުށަހެޅި ފާސް ކުރެއްވިއެވެ. އެއަށްފަހު ދެން ކުރިއަށް ގެންދެވީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށާއި، އަދި އެ ބޯޑުގެ 3 މެންބަރުންގެ މުއްދަތު 8 އޮގަސްޓް 2020 ގެ ނިޔަލަށް ހަމަވެފައިވާތީ، އެ މަޤާމުތަކަށް ބޭފުޅުން ޢައްޔަންކުރެއްވުމަށްޓަކައި، ޤާނޫނު ނަންބަރު 2020/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ބ)ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރެއްވުމުގެ މަސައްކަތް ކޮމިޓީން ނިންމާނެ ސުންގަޑި ކަނޑައެޅުމެވެ. އެގޮތުން، ސުންގަޑިއެއް ކަނޑައެޅުމަށް ހުޅުވާލި ފުރުޞަތުގައި ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވައި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ތާއީދުކުރައްވާފައިވަނީ މިމަސައްކަތް 26 އޮގަސްޓު 2020 އަށް ކޮމިޓީން ނިންމެވުމަށެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA