ކޮމިޓީގެ ނަން

އިޖްތިމާޢީ ކޮމިޓީއާއި އިޤްތިޞާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ

ތާރީޚް

22 ޖޫން 2020 14:00

ނަންބަރު

1

އިޖްތިމާޢީ ކޮމިޓީ އާއި އިޤްތިޞާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ 2020 ވަނަ އަހަރުގެ 01 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ކޮމިޓީގެ މުޤައްރިރާއި މުޤައްރިރުގެ ނައިބު ހޮއްވެވުމުގެ މަސައްކަތެވެ. މިމަސައްކަތް ކުރިޔަށް ގެންގޮސްދެއްވީ، ޑިރެކްޓަރ ލީގަލް އެފެއަރޒް އަލްއުސްތާޛާ އައިޝަތު ޝިފާއެވެ. ކޮމިޓީގެ މުޤައްރިރަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި ހުށަހެޅި ތާއީދު ލިބިފައިވަނީ 1 ނަންފުޅަކަށެވެ. އެއީ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވައި މަޑަވެލި ދާއިރާގެ މެންބަރު ޙުސެއިން ފިރުޝާން ތާއީދުކުރެއްވި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ގެނަންފުޅެވެ. މިނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި 13 މެންބަރުންގެ އިއްތިފާޤުން، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ކޮމިޓީގެ މުޤައްރިރަކަށް ހޮވިވަޑައިގަތެވެ. މުޤައްރިރުގެ ނައިބަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި ހުށަހެޅި ތާއީދު ލިބިފައިވަނީ 2 ނަންފުޅަކަށެވެ. އެއީ، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ތާއީދުކުރެއްވި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ގެ ނަންފުޅާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ހުށަހަޅުއްވައި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ތާއީދުކުރެއްވި ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދުގެ ނަންފުޅެވެ. މި ހުށަހެޅުންތަކުގެ ތެރެއިން ފުރަތަމަ ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ހުށަހެޅުން ފާސްވުމަށް ބޭނުންވާވަރަށް ވޯޓު ލިބިފައިނުވާތީ 2 ވަނަ އަށް ހުށަހެޅިފައިވާ ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި މެންބަރުންގެ ތެރެއިން 8 މެންބަރުންގެ އަޢްލަބިއްޔަތުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ކޮމިޓީގެ މުޤައްރިރުގެ ނައިބަކަށް ހޮވިވަޑައިގަތެވެ. މިއަށްފަހު، ކޮމިޓީން ބިލުގެ މަސައްކަތް ނިންމާނެ ސުންގަޑިއެއް ކަނޑައެޅުމަށް ހުޅުވާލި ފުރުސަތުގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވައި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ތާއީދު ކުރައްވާފައިވަނީ ކޮމިޓީން މި ބިލު ދިރާސާކުރައްވާ ނިންމަވާނެ ސުންގަޑިއެއް ކަމުގައި 25 އޮގަސްޓް 2020 ހަމަޖެއްސެވުމަށެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި މެންބަރުންގެ ތެރެއިން 7 މެންބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ވަނީ ފާސްވެފައެވެ. މީގެ އިތުރުން ބިލުގެ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދާނެ ގޮތާކާއި މެދު މަޝްވަރާކުރުމަށް ހުޅުވާލި ފުރުޞަތުގައި ބިލާ ގުޅޭގޮތުން، ކަމާގުޅޭ ފަރާތްތަކާ ބައްދަލުކުރުމަށް ނިންމަވައި މިއަދުގެ ބައްދަލުވުން ނިންމަވާލެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA