މާލިއްޔަތު ކޮމިޓީ

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 61 ވަނަ ބައްދަލުވުން

27 އޮކްޓޯބަރު 2020 12:10 ނަންބަރު 61

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ކޮވިޑް-19 އާ ގުޅިގެން ދިވެހި ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރާ ވެންޓިލޭޓަރުތައް ގެންނަނީ ޢާންމު އުޞޫލުތަކާ ޚިލާފަށް ވަކި ބައެއްގެ އަތުން ކަމަށާއި، މިގޮތުން ތަކެތި ނުލިބެނީސް އެޑްވާންސް ފައިސާ ދައްކާފައިވާ ކަމަށާއި، އަދި ވެންޓިލޭޓަރުތައް ގެންނަން ޑުބާއީގެ ކުންފުންޏަކަށްވެސް އެޑްވާންސްކޮށް ފައިސާ ދައްކާފައިވާކަމަށް ބުނާ މައްސަލައިގެ ތަޙްޤީޤު އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނިންމަވައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވި ރިޕޯޓް ހޯދުމަށް، އެ ކޮމިޝަނަށް އެދި ފޮނުވާފައިވާ ސިޓީގެ ޖަވާބުގައި، އަލުން މައްސަލަ ބަލަމުންދާތީ، މައްސަލަ ބަލާ ނިމުމުން ރިޕޯޓް ފޮނުވާދެއްވާނެ ކަމަށް ވިދާޅުވެފައިވާތީ މުޤައްރިރުގެ ފަރާތުން ކޮމިޓީއާ އެ މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ. އެގޮތުން، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވަނީ 14 އޮކްޓޫބަރު 2020 ވީ އެ ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވި ރިޕޯޓް މާލިއްޔަތު ކޮމިޓީއިން އެދުމުން ފޯރުކޮށްދޭންޖެހޭކަމަށާއި، ރިޕޯޓް ފޯރުކޮށްދިނުމަށް އަލުން ސިޓީއެއް ފޮނުވުމަށް ހުށަހަޅުއްވައި، ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފު ވަނީ މި ހުށަހެޅުއްވުމަށް ތާޢީދުކުރައްވާފައެވެ. އަދި، ކޮމިޓީގެ އިއްތިފާޤުން މި ހުށަހެޅުންވަނީ ފާސްވެފައެވެ. އެއަށްފަހު، ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލުގެ ސުންގަޑި ކަނޑައަޅައި ބިލުގެ މަސައްކަތް ކުރިއަށް ގެންދާނެގޮތަކާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، ކޮމިޓީއަށް ފޮނުއްވާފައިވާ 3 ބިލު (ޤާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު) އަށް އިސްލާޙް ގެނައުމުގެ ބިލު، ޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) އަށް އިސްލާޙް ގެނައުމުގެ ބިލު އަދި ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލު) ގެ މަސައްކަތް ކުރެއްވުމަށް 7 މެންބަރުންގެ ސަބް-ކޮމިޓީއެއް ހޮވުމަށް ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފު ހުށަހަޅުއްވައި ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ތާޢީދުކުރެއްވިއެވެ. އަދި މި ހުށަހެޅުން ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. މީގެ އިތުރުން، ކޮމިޓީގެ މެންބަރުންގެ ގޮތުގައި ތިރީގައިވާ 7 މެންބަރުން ހޮއްވެވުމަށް ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފު ހުށަހަޅުއްވައި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ތާޢީދުކުރެއްވި ހުށަހެޅުން ވަނީ ކޮމިޓީގެ އިއްތިފާޤުން ފާސްވެފައެވެ. ޤާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު) އަށް އިސްލާޙް ގެނައުމުގެ ބިލު، ޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) އަށް އިސްލާޙް ގެނައުމުގެ ބިލު އަދި ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ސަބް ކޮމިޓީގެ މެންބަރުން 1. ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފު 2. ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ 3. ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް 4. މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް 5. ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް 6. ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ 7. ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

19 އޮކްޓޯބަރު 2020

ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތުގެ ބިލް

ކޮމެޓީ މަސައްކަތް ނިމިފައި

2 ޑިސެމްބަރު 2019

ޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) އަށް އިސްލާޙް ގެނައުމުގެ ބިލް

ކޮމެޓީ މަސައްކަތް ނިމިފައި

2 ޑިސެމްބަރު 2019

ޤާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު) އަށް އިސްލާޙް ގެނައުމުގެ ބިލް

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA