ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

26 އޮކްޓޯބަރު 2020 10:00

ނަންބަރު

64

2020 ވަނަ އަހަރުގެ 64 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި، ކުރިއަށް ގެންދެވީ ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ފަރަށް އެރުމުން އެ އުޅަނދުފަހަރު ފުންކުރުމުގައި ޢަމަލީގޮތުން މަސައްކަތްކޮއްދޭނެ ދައުލަތުގެ އިދާރާއެއް ނެތުމުން އުފެދޭ ތަކުލީފުތައް، ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި، އެފަދަ އިދާރާއެއް ދައުލަތުގެ އިދާރާތަކުގެ ތެރޭގައި ހުރުމުގެ މުހިއްމުކަން ފާހަގަކޮށް ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް ހުށަހަޅާފައިވާ ޤަރާރުގެ މަސައްކަތެވެ. އެގޮތުން ކޮމިޓީގައި މެންބަރުން މަޝްވަރާކުރެއްވުމަށްފަހު، ޤަރާރުގައި ހިމަނާފައިވާ ބައެއް ކަންތައްތައް އިޞްލާހުކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ޤަރާރު ފޮނުއްވުމަށް ފާސްކުރެއްވިއެވެ. ދެން މިއަދުގެ ބައްދަލުވުމުގައި އެހެނިހެން ކަންތައްތަކުގެ ތެރެއިން ކުރިއަށް ގެންދެވީ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ހުށަހެޅުއްވި މައްސަލައެކެވެ. އެއީ، "އިންފޮމޭޝަން ޓެކްނޮލޮޖީ، ސައިންސް އެންޑް ކޮމިއުނިކޭޝަން" ދާއިރާގައި ރާއްޖެ އޮތް ޙާލަތު ދެނެގަނެ، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން އެސެސްމެންޓެއް ހެދުމަށް އެދި ހުށަހެޅުއްވި މައްސަލައެކެވެ. މި މައްސަލަ ކޮމިޓީއަށް ބަލައިގަނެ، ކޮމިޓީގެ 3 މެންބަރުންގެ މައްޗަށް އެކުލެވޭ ސަބް ކޮމިޓީއަކަށް މައްސަލަ ފޮނުވުމަށް ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްކުރެއްވިއެވެ. 3 މެންބަރުންގެ ސަބް ކޮމިޓީ ހޮވުމަށް ހުށަހެޅުއްވީ ގެމަނަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަޢީދެވެ. އަދި، އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީއެވެ. ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ؛ 1. ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން؛ 2. ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، އަދި 3. ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA