ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

19 އޯގަސްޓު 2020 11:00

ނަންބަރު

16

2020 ވަނަ އަހަރުގެ 16 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޤާނޫނު ނަންބަރު 2019/14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) ދަށުން ހަދަންޖެހޭ ގަވާއިދުތައް އެ ޤާނޫނުގެ 86 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ހެދިފައިނުވާތީ، އެ މައްސަލަ ނިންމިގޮތުގެ ރިޕޯޓް ކޮމިޓީއަށް އަނބުރާ ފޮނުވިފައިވާތީ، މި މައްސަލައާ ގުޅޭގޮތުން ކޮމިޓީއަށް ލިބިފައިވާ ލިޔުންތަކަށް ރިޢާޔަތްކުރެއްވުމަށްފަހު، ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްޠިފާޤުން ނިންމަވާފައިވަނީ ޤާނޫނު ނަންބަރު 2019/14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) ގެ ދަށުން ހެދުމަށް ލާޒިމުކޮށްފައިވާ ގިނަ ގަވާއިދުތަކެއް އެ ޤާނޫނުގައި ބަޔާންކުރާ މުއްދަތުގައި ނުނިމިވާތީ، އެކަމުގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން އިހުމާލުވެފައިވާކަމަށާއި އަދި އެ މިނިސްޓްރީއަށް ދެންނެވުނު ޤާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރައްވާފައިނުވާކަމަށެވެ. އެހެންކަމުން، އެ މައްސަލަ ބައްލަވައިދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވުމަށް ނިންމެވިއެވެ. އެއަށްފަހު، ޤާނޫނު ނަންބަރު 4/2017 (ޢިމާރާތްކުރުމުގެ ޤާނޫނު) ދަށުން ހަދާފައިވާ "ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި ޢިމާރާތް ކުރަންވީގޮތުގެ ގަވާއިދު" ވަކި ވަކި މާއްދާތައް ބަލައި ކޮމިޓީން ދިރާސާކުރެއްވުމަށް ނިންމެވިއެވެ. ދެން މަޝްވަރާކުރެއްވީ ސަރުކާރުގެ އިދާރާތަކުން ޢަމަލުކުރަމުންގެންދާ ގަވާއިދުތަކުގެ ދަށުން ފީ އަދި ޖޫރިމަނާ ނަގަމުންދާ ގަވާއިދުތައް ބަލައި، އެ ފީތައް ނަގަމުންދަނީ ޤާނޫނާ އެއްގޮތަށްތޯ ބައްލަވައިދެއްވުން އެދި ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަ ކޮމިޓީއިން ދިރާސާކޮށް ނިންމިގޮތުގެ ޑްރާފްޓް ރިޕޯޓާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ރިޕޯޓަށް ގެނެވުނު އިސްލާޙާއެކު ކޮމިޓީގެ ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން އެ ރިޕޯޓް ފާސްކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA