ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 62 ވަނަ ބައްދަލުވުން

1 ޑިސެމްބަރު 2020 11:10 ނަންބަރު 62

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ ހޯދުމުގައި ހިންގާފައިވާ ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މުޢާމަލާތްތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ބޯޑު މެންބަރުންނާއި މެނޭޖްމަންޓުގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. މިގޮތުން އެ ކުންފުނީގެ އިންޓަރނަލް އޮޑިޓް ޑިޕާޓްމަންޓުން ބޯޑަށް ފޮނުއްވާފައިވާ އޮޑިޓް ރިޕޯޓުގައި ލަފާދެއްވާފައިވާ ފަދައިން މި މައްސަލަތައް އިތުރަށް ތަޙުޤީޤުކުރެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ފޮނުއްވާފައިވާކަމަށާއި އެ ފަރާތްތަކުން ތަޙްޤީޤުކުރުމުގެ މަސައްކަތް ފަށައި، ކަމާގުޅޭ މުވައްޒަފުންގެ ބަޔާންތައް ނަގަން ފަށާފައިވާކަމަށް އެ ބޭފުޅުން މަޢުލޫމާތު ދެއްވިއެވެ. އަދި އެ ކުންފުނީގެ މިހާރު ޤާއިމްކުރެވިފައިވާ އިންޓަރނަލް ކޮންޓްރޯލްތަކާއި، ކުންފުންޏަށް ތެޔޮ ގަތުމުގައި ޢަމަލުކުރަމުންދާ އުޞޫލުތަކާ ގުޅޭގޮތުން މެންބަރުންނަށް މަޢުލޫމާތު ދެއްވިއެވެ. މި ބައްދަލުވުމުގައި އެމް.ޕީ.އެލް ގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ނަންތައް ތިރީގައި އެވަނީއެވެ. ނަން މަޤާމް 1. އަލްފާޟިލް ޝާހިދު ޢަލީ ޗީފް އެގްޒެކެޓިވް އޮފިސަރ 2. އަލްފާޟިލް އިބްރާހީމް ޢަބްދުﷲ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ 3. އަލްފާޟިލް މުޙައްމަދު ޝަރީފް ބޯޑު ޑައިރެކްޓަރ 4. އަލްފާޟިލް އިބްރާހީމް އާރިފް ބޯޑު ޑައިރެކްޓަރ 5. އަލްފާޟިލް ޖާދުﷲ ނާޒިމް ބޯޑު ޑައިރެކްޓަރ 6. އަލްފާޟިލް އަޙްމަދު ލައިޝަމް ބޯޑު ޑައިރެކްޓަރ 7. އަލްފާޟިލް މުޙައްމަދު މުއިއްޒު ޗީފް ފައިނޭންޝަލް އޮފިސަރ 8. އަލްފާޟިލް އިބްރާހީމް ރަޝީދު ޖެނެރަލް މެނޭޖަރ 9. އަލްފާޟިލް މުޖާހިދު އަނީސް އެސިސްޓަންޓް ޖެނެރަލް މެނޭޖަރ 10. އަލްފާޟިލް އަހުސަލް މުޙައްމަދު މެނޭޖަރ، އިންޓަރނަލް އޮޑިޓް އެއަށްފަހު، ރާއްޖެއިން ބޭރުން ގޭސް ގަތުމުގައި މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން ކޮރަޕްޝަންއަށް މަގުފަހިވާގޮތަށް ކަންތައްތަކެއް ހިންގާފައިކަމަށް ތުހުމަތުކުރެވޭތީ ހުށަހަޅާފައިވާ މައްސަލައިގެ ރިޕޯޓް، އަންނަނިވި ހުށަހެޅުންތަކާއެކު ފާސްކުރެއްވުމަށް ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުން އަޣުލަބިއްޔަތުން ވަނީ ނިންމަވާފައެވެ. • މި ކޮމިޓީގެ ރިޕޯޓުގެ 4.15 ނުކުތާއިންނާއި، އަދި އެހެނިހެން ނުކުތާތަކުގައި ފާހަގަކުރެވިފައިވާ ފަދައިން، މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރާއި އަދި މިހާރުގެ މެނޭޖިންގ ޑިރެކްޓަރ ކުންފުނި ހިންގުމުގައި އިހުމާލުވެފައިވާކަން ކޮމިޓީއަށް ފާހަގަކުރެވޭކަމާއި، ކުންފުނީގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރ ސަސްޕެންޝަންގައި ހުރުމުން ކުންފުނި ފާއިތުވެ ދިޔަ އަހަރުތެރޭ ހިނގާފައިވަނީ މެނޭޖިންގ ޑިރެކްޓަރެއް ނެތިކަމުން، ކުންފުނީގެ މިސްރާބު ގެއްލިގެންދާނެތީ، ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ކުންފުންޏަށް މެނޭޖިންގ ޑިރެކްޓަރެއް ޢައްޔަންކުރުމަށް ސަރުކާރާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކއަށް ދެންނެވުމަށް؛ • މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން ގެންނަ ގޭހުގެ އަގުހެޔޮކުރުމަށް އެ ކުންފުނީގެ ގޭސް ޓޭންކުތަކުގައި ރައްކާކުރެވޭ ކެޕޭސިޓީ އިތުރުކުރަންޖެހޭކަމުން، ކެޕޭސިޓީ އިތުރުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމަށް އެކުންފުންޏަށް ދަންނަވައި، އަދި ގޭހުގެ އަގުކުޑަކުރުމަށް މިހާރުން މިހާރަށް ކުރެވިދާނެ ކަންތައްތަކުގެ ޕްލޭނެއް އެކުލަވާލައި ގިނަވެގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނާއި ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީއަށް ފޮނުއްވުމަށް ދެންނެވުމަށް؛ އަދި • މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން ގަންނަ ގޭހުގެ ޕްރިމިއަމް އަގުތައް ކޮމިޓީން ދިރާސާކުރިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވޭކަމަށް:  ގޭސް ގަންނަ އަގުގެ 45-60 އިންސައްތައާ ދޭތެރޭގެ އަގެއް ކޮންމެ ޝިޕްމަންޓްއަކުން ގޭސް ޑެލިވަރކުރުމަށް ޕްރިމިއަމްގެ ގޮތުގައި ހިމަނާފައިވާކަމަށް؛  ކޯސްޓް ޕްރައިސް މާކެޓްގައި 2016 އަދި 2017 ވަނަ އަހަރުގެ ތެރޭގައި ދަށަށް ގޮސްފައިވާއިރު، ގޭސް ގަންނަ އަގުގެ ޕްރިމިއަމް 99-65 އިންސައްތައަށް އިތުރުވެފައިވާކަމަށް؛  2016، 2017 އަދި 2018 ވަނަ އަހަރު ޕްރިމިއަމް އެވްރެޖުކޮށް 250–285 ޔޫއެސް ޑޮލަރާ ދޭތެރޭގައިވާކަން ކޮމިޓީއަށް ފާހަގަކުރެވޭކަމަށް؛ އަދި  އަދި މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން ތްރީ އެޗް.ޑީ އިންޓަރނޭޝަނަލްއިން ގޭސްގަތުން ހުއްޓާލުމަށް އެންގުމަށްފަހު، އަދި އެވްރެޖްކޮށް އޭގެ ފަހުން ގެނެސްފައިވާ ޝިޕްމަންޓްތަކުގެ އަގު 157 ޔޫއެސް ޑޮލަރަށް ކުޑަކުރެވިފައިވާކަމަށް. ވީމާ މި މައްސަލައިގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ ޢަމަލުތަކެއް ހިންގާފައިވާކަމަށް ކޮމިޓީއަށް ތުހުމަތުކުރެވޭތީ، މި މައްސަލައާ ގުޅޭ އެންމެހާ މުޢާމަލާތްތައް، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަލައި ތަޙްޤީޤުކުރުމަށްފަހު، ގިނަވެގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި އެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓް ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީއަށް ފޮނުއްވުމަށް އެ އިދާރާއަށް ދެންނެވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

30 ނޮވެމްބަރު 2020

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަދި ފިއުލްސަޕްލައިސް މޯލްޑިވްސްގެ މުވައްޒަފުން ހިންގި ތެލުގެ ކޮރަޕްޝަން މައްސަލަ

ކުރިޔަށް ދަނީ

2 މާރިޗު 2020

މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްއާ ގުޅޭގޮތުން ކޮމިޓީއިން މަޖިލީހަށް ހުށަހެޅި ރިޕޯޓް އަނބުރާ ކޮމިޓީއަށް ފޮނުވުމަށް މަޖިލީހުން ފާސްކޮށްފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA