ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

7 އޮކްޓޯބަރު 2019 14:00

ނަންބަރު

32

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 32 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޒަލްދާން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑަށް ތެލުގެ ވިޔަފާރިކުރުމަށް ގއ. ވިލިގިލީއިން އެޓޮލް އެޑްމިނިސްޓްރޭޝަން އިން ދެއްވާފައިވާ ބިމުގެ ކުލީގެ މުއްދަތު ރަށު ކައުންސިލުން އިތުރުކޮށްދީފައިނުވާތީ، އެ މައްސަލަ ބައްލަވައިދެއްވުން އެދި އެ ކުންފުނިން ފޮނުއްވާފައިވާ ސިޓީއަކީ ލާމަޒުކަޒީ ކޮމިޓީގެ މަސްއޫލިއްޔަތު ތެރޭގައި ހިމެނޭކަމެއް ކަމަށް ކޮމިޓީގެ މެންބަރުންނަށް ފެނިވަޑައިގަންނަވާތީ، މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަނބުރާ ފޮނުއްވުމަށް ނިންމެވިއެވެ. މީގެ އިތުރުން ތިލަފުށީގައި އޮތް "އެމް.ވީ. ސީހޯމްފަޔާ" ނަމަކަށް ކިޔާ ބޯޓު ނެގުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެފަދަ ކަންތައްތައް ނިންމަވަންޖެހޭ އުޞޫލުގެ ދަށުންތޯ ދިރާސާކުރެއްވުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހަޅުއްވާ އިސްދޫ ދާއިރާގެ ޢަލީ މުޙައްމަދު ތާއިދުކުރެއްވިއެވެ. މިގޮތުން މި ބޯޓު ނެގުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކުންފުނީގެ ބޯޑުގެ ރިޒޮލިއުޝަނެއްގެ ދަށުންތޯ އާއި މިކަމުގައި ކަންތައްކުރެވުނު އުޞޫލު ހޯއްދެވުމަށް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަށް ސިޓީ ފޮނުވަން ނިންމެވިއެވެ. އެއަށްފަހު މެންބަރުން މަޝްވަރާކުރެއްވީ މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުން ރާއްޖެއިން ބޭރުން ގޭސްގަތުމުގައި، ކޮރަޕްޝަންއަށް މަގުފަހިވާގޮތަށް ކަންތައްތަކެއް ހިންގާކަމަށް ތުޙުމަތު ކުރެވޭ މައްސަލައާ ގުޅޭ ގޮތުންނެވެ. މިގޮތުން މި މައްސަލައާ ގުޅޭގޮތުން އެ ކުންފުނިން ފޮނުވާފައިވާ ސިޓީގައިވާ މަޢުލޫމާތުގެ އިތުރު ތަފްޞީލް އަދި ޖެނުއަރީ 2017 ގެ ކުރިން ގޭސް ގަނެފައިވާ ސަޕްލަޔަރުންނާއި އަގުތަކުގެ ތަފްޞީލް ހޯއްދެވުމަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ. ދެން ތިލަފުށީގަ އޮތް ބޯޓެއް، އެބޯޓުގެ ވެރިފަރާތުގެ ހުއްދަނެތި ކަފައި ވިއްކާލުމުގެ މަސައްކަތް ކުރަމުންދާކަމުގެ މަޢުލޫމާތު ކޮމިޓީއަށް ލިބިފައިވާތީ، މި މައްސަލަ ކޮމިޓީން ނިންމެވި ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް މޯލް ލިންކްސް ޕްރައިވެޓް ލިމިޓެޑް އިން ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މި މައްސަލައާ ގުޅޭގޮތުން 2 ހުށަހެޅުއްވުމެއް ހުށަހެޅުނެވެ. 1. ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ހުށަހެޅުއްވީ މި މައްސަލަ އިތުރަށް ކޮމިޓީން ބެއްލެވުމަށް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ބޯޑު މެންބަރުން ކޮމިޓީއަށް ހާޒިރުކުރެއްވުމަށެވެ. ނަމަވެސް މި ހުށަހެޅުއްވުމަށް ތާއިދު ލިބިފައެއް ނުވެއެވެ. 2. ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ހުށަހަޅުއްވާ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ތާއިދުކުރެއްވީ މި މައްސަލައަކީ ގުޅުންހުރި އިދާރާތަކުން މަޢުލޫމާތު ހޯއްދެވުމަށްފަހު ކޮމިޓީން ލިޔެކިޔުންތައް ދިރާސާކުރައްވާ ކޮމިޓީން ގޮތެއް ނިންމަވާފައިވާ މައްސަލައެއް ކަމަށްވާތީ، މި މައްސަލައިގެ ތެރެއަށް އިތުރަށް ވަންނަން ނުފެންނަކަމަށާއި މި ސިޓީއާ ގުޅޭގޮތުން ބަލަންޖެހޭ އިތުރު މައްސަލައެއް ނެތްކަމަށެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުން އަޣުލަބިއްޔަތުން މި ގޮތަށް ފާސްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA