ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

29 ޖޫން 2021 14:00

ނަންބަރު

39

އިޤްތިޞާދީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 39 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، ޓެކްސީ ވިޔަފާރިއަށާއި ދިވެހި ޓެކްސީ ޑްރައިވަރުންނަށް ދިމާވަމުންދާ ދަތިތައް ދެނެގަނެ، އެކަންކަން ޙައްލުކުރެވިދާނެ ގޮތްތަކާމެދު ހުށަހަޅުއްވާފައިވާ މައްސަލައާއި ގުޅިގެން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އިން ފޮނުއްވާފައިވާ މަޢުލޫމާތައް ބަލައި، އަލަށް ޓެކްސީ ކުރުމުގެ ހުއްދައަށް އެދޭ ކާރުތަކުގެ ތެރެއިން ކަޅު ބިއްލޫރި ޖަހާފައިވުމުގެ ސަބަބުން ޓެކްސީ ކުރުމުގެ ހުއްދަ ދެވިފައިނުވާ ފަރާތްތަކަށްވެސް ޓެކްސީ ކުރުމުގެ ހުއްދަ ދިނުމާއެކު، އެ ކާރުތަކުގައި ޖަހާފައިވާ ކަޅު ބިއްލޫރި ޓެކްސީ ގަވާއިދާ އެއްގޮތަށް ބަދަލުކުރުމަށް ދެވުނު 6 މަސް ދުވަހުގެ މުއްދަތު، އަލަށް ޓެކްސީ ކުރާ ފަރާތްތަކަށްވެސް ދެއްވުމަށް ދެންނެވުމަށް ނިންމެވިއެވެ. ދެވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ޤުދުރަތީ ކާރިސާތަކުގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ ގެއްލުންތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންޝުއަރެންސް ނިޒާމެއް އޮތުމަކީ މުހިންމު ކަމެއްކަމަށްވުމާއެކު، އިންޝުއަރެންސްގެ ހަރުދަނާ ނިޒާމެއް އެކުލަވާލެއްވުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ފުރިހަމަކުރެއްވުމަށާއި، އެކަން ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ބެއްލެވުމަށް އެ ރިޕޯޓުގައި ހުށަހަޅުއްވާފައިވާތީ އެ މައްސަލަ ދިރާސާކުރުމެވެ. އެގޮތުން، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން އެކުލަވާލައި ފޮނުއްވާފައިވާ ކަރުދާހުގައިވާ ބަޔާންކޮށްފައިވާ އުސޫލުގައިވާ ގޮތުގެމަތިން ދަނޑުވެރިންނަށް އިންޝުއަރެންސް ސްކީމެއް ތަޢާރަފްކުރެއްވުމަށް ކޮމިޓީން ތާއީދުކުރާކަމަށާއި، އެ ސްކީމު ތަޢާރަފްކުރުއްވުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރިއަށް ގެންދެވުމަށް ދެންނެވުމަށާއި، މިނިސްޓްރީން ފޮނުއްވާފައިވާ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ހިއްސާކުރުމަށް ވެސް ނިންމެވިއެވެ. ތިން ވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ބިދޭސީން މަސައްކަތްތެރިން ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ދިވެހިރާއްޖެ ގެނައުމަށާއި، ބިދޭސީ މަސައްކަތްތެރިން ދިވެހިރާއްޖެއިން ފުރައިގެންދިއުމަށާއި، ވިސާ ލިބުމުގައި ދަތިތަކާ ކުރިމަތިވެފައިވާކަމަށާއި، ކުރިން އެ މަސައްކަތްތައް ކުރަމުން އައި ސޮފްޓްވެއަރ ބަދަލުކުރުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވެފައިވާކަމަށް ބަޔާންކޮށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅުއްވާފައިވާ މައްސަލައެވެ. އެގޮތުން، މި މައްސަލަ އާއި މެދު މަޝްވަރާކުރުމަށް ހުޅުވާލި ފުރުޞަތުގައި މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާއި މެދު ގޮތެއް ނުނިންމެވުމުން، ފަހުން މި މައްސަލައަށް ގޮތެއް ނިންމުމަށް ބޭއްވެވިއެވެ. ހަތަރު ވަނަ ކަމަކަށް، ޤާނޫނު ނަންބަރު 2019/25 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) އަށް ... ވަނަ އިޞްލާޙުގެނައުމުގެ ބިލާއި ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާއި ބައްދަލުކުރުމަށް ނިންމެވިއެވެ. އެޖެންޑާގެ އެންމެ ފަހު ކަމެއް ގެ ގޮތުގައި ކުރިއަށް ގެންދެވީ، ޤާނޫނު ނަންބަރު 2013/6 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު) އަށް ... ވަނަ އިޞްލާޙުގެނައުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ސާފުކުރުމަށް އެދި ފޮނުވި މައުލޫމާތު އިތުރަށް ދިރާސާކުރުމަށްފަހު ދެން އޮންނަ ބައްދަލުވުމެއްގައި މި ބިލުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA