ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

26 ނޮވެމްބަރު 2019 11:30

ނަންބަރު

59

މާލިއްޔަތު ކޮމިޓީގެ 59 ވަނަ ބައްދަލުވުން

ޚުލާސާ

1. މިއަދުގެ ބައްދަލުވުމުގައި 12 ސެޕްޓެމްބަރު 2019 ވަނަ ދުވަހު ތަޞްދީގު ކުރެވުނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2019/3) އަށް ޢަމަލުކުރަން ފެށުމާ ގުޅިގެން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ބޯޑުގެ މެންބަރުންނަށް މުސާރަ ދިނުމުގައި ޢަމަލުކުރާނެ އުސޫލަކާ ގޮޅޭގޮތުން ލަފައަކަށްއެދި ފޮނުއްވާފައިވާ، އެ އޮތޯރިޓީގެ ނަންބަރު 220-FS/57/2019/15 (17 ނޮވެމްބަރު 2019) ސިޓީއާމެދު މަޝްވަރާކުރެއްވިއެވެ. މެންބަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، ނޭޝަނަލް ޕޭ ކޮމިޝަން އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށްފަހު މައްސަލައިގައި ގޮތެއް ނިންމެވުމަށް ނިންމެވިއެވެ. 2. މެޖިސްޓްރޭޓުންނަށް މަހަކު 500 (ފަސްސަތޭކަ) ރުފިޔާ ފޯނު އެލަވަންސްއެއް 01 ނޮވެންބަރު 2019 އިން ފެށިގެން ހަމަޖެއްސުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން ނިންމާފައިވާތީ، ޤާނޫނުއަސާސީގެ 102 ވަނަ މާއްދާގައިވާ ގޮތަށް ކޮމިޝަނުން ހަމަޖައްސަވާ ދެއްވުމަށް އެދިފައިވާ ފޯނު އެލަވަންސް ހަމަޖައްސަވައިދެއްވުން އެދި އެ ކޮމިޝަނުން ފޮނުއްވާފައިވާ ނަންބަރު 195-C/57/2019/30 (18 އޮގަސްޓް 2019) ސިޓީއާމެދު މަޝްވަރާކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުން މުސާރައާއި ޢިނާޔަތްތައް ކަނޑައަޅުއްވަންޖެހޭ ފަރާތްތަކަށް ކަނޑައަޅުއްވާފައިވާ ފޯނު އެލަވަންސް މުރާޖަޢާ ކުރެއްވުމަށް މާލިއްޔަތު ކޮމިޓީން ނިންމަވާފައިވާތީ، ފޯނު އެލަވަންސް މުރާޖަޢާ ކުރުމުގެ މަސައްކަތް ކޮމިޓީން ނިންމެވުމުން، ކޮމިޓީން ނިންމަވާ ގޮތެއް ކޮމިޝަނަށް އަންގާނެ ކަމަށް ދަންނަވައި ސިޓީ ފޮނުވުމަށް ނިންމެވިއެވެ. 3. މީގެ އިތުރުން އެހެނިހެން ކަންތަކަށް ކަނޑައެޅިފައިވާ ވަގުތުގައި ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ތިރީގައި ދެންނެވިފައިވާ ހުށަހެޅުއްވުން ހުށަހެޅުއްވިއެވެ. • 14 އޮކްޓޫބަރު 2019 ވަނަ ދުވަހު އެޓަރނީ ޖެނެރަލްއާއެކު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބޭއްވެވި ބައްދަލުވުމުގައި ދީބާޖާ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރައްވާފައިވާ ޙުކުމް ރިވިއު ކުރައްވަން ހުށަހަޅުއްވާފައިނުވަނީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި ކޯޓުތަކުގައި މިހާރު ތިއްބަވާ ފަނޑިޔާރުން ތިއްބަވައިގެން ޢަދުލުވެރި އިންޞާފުވެރި ދެ ފުށް ފެންނަ ޙުކުމްތަކެއް ކުރެވިގެންދާނެކަމަށް ޤަބޫލުފުޅު ނުކުރައްވާތީ ކަމަށާއި، ނަމަވެސް އެއްވެސް ޙާލެއްގައި ޤާނޫނީ ގޮތުން ހިފޭނެ ނުކުތާއެއް އޮވެއްޖިއްޔާ ރިވިއުއަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައިވާތީ، ދެންނެވުނު މައްސަލަ ރިވިއު ކުރައްވަން ސުޕްރީމް ކޯޓަށް ހުށަނާޅުއްވައި، ދީބާޖާއަށް ބަދަލު ދެއްވުމަށް ނިންމެވި މައްސަލައިގައި އެޓަރނީ ޖެނެރަލް ކޮމިޓީއަށް ޙާޒިރުކުރުމަށް. މި ހުށަހެޅުއްވުމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ތާޢީދުކުރައްވައި ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި އެއްވެސް މެންބަރަކު އިޢުތިރާޒުކުރައްވާފައިނުވާތީ، މި މައްސަލައިގައި އެޓަރނީ ޖެނެރަލް ކޮމިޓީއަށް ޙާޒިރުކުރުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA